ނުފޫޒާއި ބިރުވެރިކަމުން އެއްކިބާވެފައިވާ މިނިވަން އިންތިޚާބެއް ބާއްވައިދީ: އިދިކޮޅު

ނުފޫޒާއި ބިރުވެރިކަމުން އެއްކިބާވެފައިވާ މިނިވަން އިންތިޚާބެއް ބާއްވައިދިނުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އިލެކްޝަން ކޮމިޝަނަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާފައިވަނީ، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް  ޠަލާލް ވިދާޅުވިއެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ބިރުދައްކައިގެން ތަފާތު ކުލަކުލައިގެ ގަލަމުން ފާހަގަޖެހުމަށް ކުންފުނިތަކުގެ އަންގަމުންދާ ކަމަށާއި މިިކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެންނަ ކަމަށް ޠަލާލް ވިދާޅުވިއެވެ.

މިކަން ހުއްޓުވުމަކީ އިލެކްޝަންގެ ޒިންމާއެއް ކަމަށާއި، މިކަން ހުއްޓުވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އިލެކްޝަންސްއަށް ޠަލާލް ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އެންމެ ފަހުން 2019 ވަނަ އަަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް މި ވަނީ ކޮމެންވެލްތް ގްރޫޕުން ނެރުނު ރިޕޯޓްގައި ވެސް މިކަން ފާހަގަކުރައްވާފައި. އެހެން ނަމަވެސް މިކަމަށް ހައްލެއް ނާދެ. މިހާރު ވެސް އެ ގެންދަނީ އެގޮތަށް މަސައްކަތް ކުރަމުން."

ޠަލާލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ޠަލާލް ވިދާޅުވީ، މި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް އިންތިހާއަށް ބޭނުންކޮށްގެން ކެމްޕެއިންގައި ކުރައްވަމުންގެންދާ ކަމަށެވެ.

"ޤާނޫނު އަސާސީން އީސީއަށް މަތިކޮށްފައި ވަނީ ނުފޫޒުން އެއްކިބާވެފައި އޮތް ނުފޫޒެއް ބިރުދެއްކުމެއް ނެތް އިންތިޚާބެއް ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް. އީސީން ޤާނޫނީ ޒިންމާ އަދާކުރި ކަމަށް ވާނީ މި ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމުގެ އަމަލު ހުއްޓުވުމުން. އެކަންކަން އެހެން ހިނގާނަމަ މިއީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ނުބެލޭނެ.". ޠަލާލް ވިދާޅުވިއެވެ.

އަދުލު އިންސާފުގެ ތެރެއަށް އަތް ނުބާނާނެ ކަމަށާއި ޖުޑިޝަރީ އަތް ނުޒޫފު ނުފޯރުވާ ވާހަކައަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ކެމްޕެއިންގައި ދައްކަވަމުން ގެންދަވާ އާންމު ވާހަކައެއް ކަމަށް ވިދާޅުވަމުން، ނުފޫޒު ބޭނުންކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ޙައްޤު ނޫން ހުކުމެއް ޖަހައިގެން އަނިޔާދެމުން ގެންދާ ކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ކޯޓުތައް ހިސޯރުކޮށްފައިވާ ކަމަށް ޠަލާލް ތުހްމަތުކުރެއްވިއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ޖުޑިޝަރީ މިނިވަން ކުރައްވާނެ ކަމަށާއި އަދި ޖުޑިޝަރީގެ ތެރެއަށް ޕީޕީއެމް ކޯލިޝަނެއްގައި އަތް ނުބާނާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު