ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ބިރުދައްކައިގެން ތަފާތު ކުލަކުލައިގެ ގަލަމުން ފާހަގަޖެހުމަށް ކުންފުނިތަކުގެ އަންގަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
މިކަމަށް ގޮވާލާފައިވަނީ، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ބިރުދައްކައިގެން ތަފާތު ކުލަކުލައިގެ ގަލަމުން ފާހަގަޖެހުމަށް ކުންފުނިތަކުގައި އަންގަމުންދާ ކަމަށާއި މިިކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެންނަ ކަމަށް ޠަލާލް ވިދާޅުވިއެވެ.
މިކަން ހުއްޓުވުމަކީ އީސީގެ ޒިންމާއެއް ކަމަށާއި، މިކަން ހުއްޓުވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަންކަން ކުރުމަށް އީސީއަށް ޠަލާލް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އެންމެ ފަހުން 2019 ވަނަ އަަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް މި ވަނީ ކޮމެންވެލްތް ގްރޫޕުން ނެރުނު ރިޕޯޓްގައި ވެސް މިކަން ފާހަގަކުރައްވާފައި. އެހެން ނަމަވެސް މިކަމަށް ހައްލެއް ނާދެ. މިހާރު ވެސް އެ ގެންދަނީ އެގޮތަށް މަސައްކަތް ކުރަމުން."
ޠަލާލް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ޠަލާލް ވިދާޅުވީ، މި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް އިންތިހާއަށް ބޭނުންކޮށްގެން ކެމްޕެއިންގައި ކުރައްވަމުންގެންދާ ކަމަށެވެ.
"ޤާނޫނު އަސާސީން އީސީއަށް މަތިކޮށްފައި ވަނީ ނުފޫޒުން އެއްކިބާވެފައި އޮތް ނުފޫޒެއް ބިރުދެއްކުމެއް ނެތް އިންތިޚާބެއް ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް. އީސީން ޤާނޫނީ ޒިންމާ އަދާކުރި ކަމަށް ވާނީ މި ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމުގެ އަމަލު ހުއްޓުވުމުން. އެކަންކަން އެހެން ހިނގާނަމަ މިއީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ނުބެލޭނެ.". ޠަލާލް ވިދާޅުވިއެވެ.
އަދުލު އިންސާފުގެ ތެރެއަށް އަތް ނުބާނާނެ ކަމަށާއި ޖުޑިޝަރީ އަތް ނުޒޫފު ނުފޯރުވާ ވާހަކައަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ކެމްޕެއިންގައި ދައްކަވަމުން ގެންދަވާ އާންމު ވާހަކައެއް ކަމަށް ވިދާޅުވަމުން، ނުފޫޒު ބޭނުންކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ޙައްޤު ނޫން ހުކުމެއް ޖަހައިގެން އަނިޔާދެމުން ގެންދާ ކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ކޯޓުތައް ހިސޯރުކޮށްފައިވާ ކަމަށް ޠަލާލް ތުހްމަތުކުރެއްވިއެވެ.
ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ޖުޑިޝަރީ މިނިވަން ކުރައްވާނެ ކަމަށާއި އަދި ޖުޑިޝަރީގެ ތެރެއަށް ޕީޕީއެމް ކޯލިޝަނެއްގައި އަތް ނުބާނާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.