Thursday, 25 July 2024

ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުން؛ އިޖްތިމާޢީ ފޭރާން ވީދިގެންދާނެ މަގެއް

ހުޅުމާލެ މަޝްރޫޢަކީ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ އަސާސީ ބޭނުން ފުއްދަވައި ދެއްވުމަށްޓަކައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި، 1997 ވަނަ އަހަރު ފެއްޓެވި މަޝްރޫޢެކެވެ. ތޮއްޖެހިފައިވާ މާލެއަށް ލުޔެއް ގެނެސް ހަމަޖެހިލައިގެން އުޅެވޭނެ ތަރައްޤީކުރެވިފައިވާ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރެވެމުން އައިސްފައިވަނީ، ފަންނީ މީހުންގެ ލަފާފުޅާ އެއްގޮތަށް އެކުލަވާލާފައިވާ ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ ދަށުންނެވެ.

ނަމަވެސް ރައީސް މައުމޫންގެ ސަރުކާރު ބަދަލުވެ، އޭގެ ފަހުން އައި ސަރުކާރުތަކުން ހުޅުމާލޭ މާސްޓަރ ޕްލޭނަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަވަމުން ގެންދެވިއެވެ. ރައީސް ޔާމީން ހުޅުމާލެ ފިޔަވަހި 2 ގެ ބިން ހިއްކަވައި، މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށްޓަކައި، 25 ބުރީގެ ޓަވަރުތަކެއް އެޅުއްވިއެވެ. އެކަމާ ގުޅިގެން އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީގެ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުވިއެވެ. ކަންމިހެން އޮތްއިރު، މިސަރުކާރުން 25 ބުރީގެ ޓަވަރުތަކެއް ނާޅުއްވައެވެ. ނަމަވެސް، މިސަރުކާރުން ވަނީ އެތަނުގައި 4000 ފުލެޓް އެޅުމުގެ މަޝްރޫޢެއް ހިންގަަވަން ފައްޓަވައި، ހުޅުމާލެއިން ބިން ދޫކުރައްވަން ފައްޓަވާފައެވެ. ނުވިތާކަށް ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރާނެ ޖާގަ ނެތިގެން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިންވެސް ހިއްކަވަނީއެވެ.

ނަތީޖާއަކަށް ވާނީ ކޮންކަމެއްހެއްޔެވެ؟ ނަތީޖާއަކަށްވާނީ ހުޅުމާލެ ބިނާކުރައްވަން ފެއްޓެވި މަޤްޞަދު ގެއްލުމެވެ. އަދި މާލެއެކޭ އެއްގޮތަށް ހުޅުމާލެވެސް ތޮއްޖެހުމެވެ.

Image

މިހާހިސާބަށް އައިއިރު، ބޯހިޔާވަހިކަަމަށްޓަކައި ތަރައްޤީކުރަން ފެށި ހުޅުމާލޭގެ ޕްލޭނަށް އަނެއްކާވެސް ވަރަށް ނުރައްކާތެރި ކަމެއް އިތުރުވެއްޖެ ކަމަށް އިއްޔެ އިޢުލާން ކުރެވިގެން ގޮސްފިއެވެ. ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އާބަންކޯ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިތަން ތަރައްޤީކުރަނީ ހުޅުމާލޭގެ ފޭސް 1 ގައެވެ.

މިހާ ހިސާބަށް އައިއިރު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މޫދަަށް އެރެވޭނެ ރައްކާތެރި ތަނެއް ޤާއިމު ނުކުރެވިގެން އުޅެނިކޮށް، އަދި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަމުދުން އެެއްގޮތަކަށްވެސް އެފަދަ އެއްވެސް ވަސީލަތެއް ނެތި، ރައްޔިތުން ޝަކުވާ ކޮށްލަކޮށްލާ ތިއްބާ އަޑުއިވިގެން މިދިޔައީ ޓޫރިސްޓުންނަށްޓަކައި މިފަދަ ކަމެއް ކުރާ ވާހަކައެވެ. އަދި އެއަށް ވުރެ އިތުރަށް އެކަމުގައި ނުހަނު ކަންބޮޑުވާ އެތައް ކަމެއް އެބަހުއްޓެވެ.

މިކަމަށްޓަކައި ސޮއިކުރެއްވި، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ޓޫރިސްޓް ބީޗަކީ ހުޅުމާލެއަށް ވަރަށް ބޭނުންވެފައިވާ ތަނެއްކަމަށެވެ. އަދި ހުޅުމާލެއަކީ ވަރަށް ގިނަ ޓޫރިސްޓް ފެސިލިޓީތައް ހުރިތަނެއް ކަމަށާއި، ޓޫރިޒަމް ތަރައްޤީކުރަމުން ގެންދާއިރުގައި ބައްލަވަނީ ދިވެހިންނާއި ޓޫރިސްޓުންނާއި ވީހާވެސް އަމާންކަމާއި އޮމާންކަމާއިއެކު އެކަންތައް ގެންދެވޭތޯ ބެއްލެވުމަށް ކަމަށާއި، ވަކިން ޓޫރިސްޓް ބީޗެއް ހެދުމަކީ ވަރަށް މުހިންމުކަމެއްކަމަށް ގެސްޓްހައުސް އެސޯސިއޭޝަންއާއި އަދި ބޯޓިން އެސޯސިއޭޝަނުން  ފާހަގަކޮށްފައިވާ ކަމަށެވެ.

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވެފައިވަނީ، ހުޅުމާލޭގެ ބީޗަކީ މިހާރު މާލެ ސަރަޙައްދުގެ ވަރަށް ގިނަ މީހުން ބޭނުންކުރަމުން އަންނަ ތަނެއްކަމަށެވެ. ވަކި ޓޫރިސްޓް ބީޗެއް ނެތުމުގެ ސަބަބުން ހުޅުމާލޭގައި އޮޕަރޭޓްކުރަމުން އަންނަ ގެސްޓްހައުސްތަކާއި އަދި ސަފާރީ ބޯޓުތަކުގެ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށް އާތިފް ވިދާޅުވިއެވެ. އަދި ބައެއް ބުކިންތައްވެސް ކެންސަލްވާކަން އިންޑަސްޓްރީގެ ފަރާތްތަކުން ފާހަގަކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބީޗު ޤާއިމުކުރަނީ، ހުޅުމާލޭގެ ފޭސް 1 ގައި ބްރިޖުން އަރައިގެން އަންނައިރު ވޯޓަރ ތީމް ޕާކާ އިންވެގެން އޮންނަ ސަރަޙައްދުގައެވެ.

މި ޓޫރިސްޓް ބީޗް ތަރައްޤީކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ވަދެ ނިކުމެވޭނެ ފަދަ ގޮތަށް ކަމަށާއި، މިތަނުގައި ބެންޗުތަކާއި ލައިފްގާޑް ހަޓަކާއި، ފާޚާނާތަކާއި، އިށީންދެލައިގެން ތިބެވޭނެ ތަންތަން ހުންނާނެކަމަށާއި، ކިއޮސްކްތަކާއި، ޗޭންޖިން ރޫމްތަކާއި، ލޮކަރުތަކާއި، ކޮމިއުނިޓީ ފެންވެރޭނެ އިންތިޒާމްވެސް ހުންނާނެ ކަމަށް އާބަންކޯއިން ފާހަގަކުރެއެވެ. މިއީ ހުޅުމާލޭގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށްވެސް އާބަންކޯއިން ފާހަގަކުރެއެވެ.

އެތަން ބޭނުންކުރެވޭނެ އުސޫލެއް އަދި މިންގަނޑެއްވެސް ފާހަގަކޮށްފައި ނުވާއިރު، މިކަމުގައި އާންމު ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަމެވެ.

ހުޅުމާލެއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަރައްޤީކުރަމުންދާ ރަށެއް ކަމަށް ވިޔަސް، މިއަދު ފެނިގެން މިދާ މަންޒަރަކީ ދިވެހީން ހިތްހަމަޖައްސާ ހަދާލަން ދާނެ ރަނގަޅު ބީޗެއް ހަދާ ނުލެވި އޮއްވާ ޓޫރިސްޓުންނަށްޓަކައި ބީޗެއް ހެދިގެންދާ މަންޒަރެވެ. އިސްކަން ދެވެނީ ޓޫރިޒަމް ކުރިއަރުވާށެވެ. ނިކަމެތި ރައްޔިތުމީހާ އާއި އޭނާގެ އާއިލާ ހިތްހަމަޖައްސާލަން އިސްކަމެއް ނުދެވުނެވެ. ހުޅުމާލޭ 2 ވަނަ ފިޔަވަހީގައިވެސް މިހާރު ތިރީސްހާހަށްވުރެ ގިނަ ރައްޔިތުން އާބާދުވެއްޖެއެވެ. އެ ތަނުގައިވެސް މޫދަށް އެރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިއީ ވަރަށް ބޮޑު އިހްމާލެއް ކަމަށް ފާހަގަކުރެވެއެވެ.

އާބަންކޯއިން ބަޔަކާ ޙަވާލުކޮށްގެން ޤާއިމުކުރަން ފެށި "ވޯޓަރ ތީމް ޕާކް" ވެސް ނުނިމި ދިގުލައިގެން ގޮސް، އެއްވެސް ދިވެހި ރައްޔިތަކަށް އެކަމުން ލިބިގަނެވުނު އުފާވެރިކަމެއް ވެސް ނެތްއިރު، ނުނިމޭ އެތައް ކަމެއް މަތިމައްޗަށް އަމުނަމުން ދިޔުމުން އެ ކުންފުނީގެ ޤާބިލުކަމާ ދޭތެރޭވެސް މިހާރުވަނީ ސުވާލު އުފެދިފައެވެ. އިންތިޚާބާ ދިމާކޮށް އެތައް މުވައްޒަފުންނެއް ނަގައިފިއެވެ. ކުރާނެ ކަމެއް ނެތިގެން މަގުމަތީ ކުރުކާލިކަނޑާ މަންޒަރުފެނެއެވެ.

މިކަންކަން މިހެން އޮއްވާ، އެތައް ބަޔަކު ދިރިއުޅެމުންދާ ތަނެއްގައި، އަދި އަމުދުން ތޮއްޖެހެމުންދާއިރު، ޓޫރިޒަމްގެ ކުރިއެރުވުމުގެ ނަމުގައި މިހިންގޭ ކަންތަކުން، ފެންނަ މަންޒަރުތަކުން މުޖްތަމަޢުގެ ޅަަދަރިންނާއި ބޮޑެތިވަމުން އަންނަ ޒުވާން ޖީލަށް ކުރާނެ ނޭދެވޭ އަސަރާ މެދު ވިސްނާލިބާއެވެ؟ މިހާރު މިވަގުތަށް ބަލާއިރުވެސް، ހުޅުމާލެ ޓްރެކް ސަރަޙައްދަށް މޫދަށް އެރެންދާ ޓޫރިސްޓުންގެ ފަރާތުން  ދިވެހި މުޖްތަމަޢުގެ މިންގަނޑާ ޚިލާފު އެތައްކަމެއް ފެންނަމުންދެއެވެ. ނިވާކަން ކުޑަ ހެދުން އަޅައި، އަޚްލާޤީ އިމުން ބޭރު ކަންތައްތައް ކުރަމުންދާ މަންޒަރު ފެންނަނީ މެދެއް ކޮށެއް ނޫނެވެ. އެކަން ކަން ހުއްޓުވާނެ ބަޔަކު ނުތިބެއެވެ.

މިވަރުގެ ތަނެއްގައި ހިންގާ، ދިވެހި މުޖްތަމަޢުއާ ނުގުޅޭ ކަންކަން ހުއްޓުވުމުގެ ޤާބިލުކަން ލިބިފައި ނުވާއިރު، ޚާއްޞަކޮށް ޓޫރިސްޓުންނަށް ހަދާ ތަނެއްގެ ބޯޑު އަޅުވައިގެން ކުރާ ކަމަކުން ނުކުންނާނެ ނަތީޖާގެ ހިތިކަމާއި ގިތިކަން މިހާރުވެސް އެބަ ތަޞައްވުރު ކުރެވެއެވެ.

ޓޫރިޒަމް ފުޅާކުރުމުގެ ނަމުގައި ރާއްޖޭގެ ބައެއް ރަށްރަށުން ފެނިގެންދާ ނޭދެވޭ ކަންކަމާ ދޭތެރޭ ނަޒަރު ހިންގާލާއިރު، މިކަމުގެ ބިރުވެރިކަން ވަރަށް ބޮޑަށް ސިކުނޑިއަށް އެބައާދެއެވެ. މިކަމުގެ ހަރުދަނާ އުސޫލެއް ކަނޑައެޅުމެއް ނެތި، މަަސައްކަތް ފެށިގެންދާ ކަމީ ހިތާމަ ހުރިކަމެކެވެ. އެހެނީީ ހުޅުމާލެއަކީ އެތައްހާސް މީހުން ދިރިއުޅޭ ބައިބޯތަނަކަށްވުމުން، އިޖްތިމާޢީ މިންގަނޑުން ބޭރު އެތައްކަމެއް ކުރުމަށް މިކަމުން ފުުރުޞަތު ލިބިގެންދާނެއެވެ. ނަތީޖާއަކަށްވާނީ އިޖްތިމާޢީ ފޭރާން ވީދި ކުދިކުދިވުމަށް މަގު ހުޅުވިގެން ދިއުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު