ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވައުދުވެވަޑައިގެންނެވުމުން ޖުމްހޫރީ ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވައި އެ ފައިސާ ދެވޭނެ ގޮތަކާ މެދުގައި މިއަދު ސުވާލު އުފައްދަވައި، ރައީސް ޞާލިޙަށް ބަހުގެ ޙަމަލާތަކެއް ދެއްވައިިފިއެވެ.
މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަވަނީ، ކޮންމެހެން ވެސް ވެރިކަމަށް އަންނަން ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިހާރު ވެސް އިންޑިއާ މެދުވެރިކޮށް ދެ ތިން އަހަރު ތެރޭގައި ތިން ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި އެ ލޯން ދައްކަނީ ކިހިނެއްތޯ ވިދާޅުވެ ޤާސިމް ސުވާލު އުފެއްދެވިއެވެ.
"އެމްއެމްއޭ ގަވަރުނަރު ވިދާޅުވަނީ ތިމަނާއަކަށް ނޭނގެއޭ ފައިސާ ނަގާފައި އޮތީ ކިތައް ޕަސަންޓު އިންޓަރެސްޓްގައި ކަމެއް، ކިތައް އަހަރު ތެރޭގައި ދައްކަން ކަމެއް. އެގްރީމެންޓްގައި އޮތީ ކިހިނެއް ކަމެއް. ވަރަށް ބިރު ހުރި މައްސަލައެއް އެނގޭތޯ މިއީ،"
ޤާސިމް ވިދާޅުވިއެވެ.
"ކީއްވެގެންތޯ އިހަށް ދުވަހު ޓެކްސް ބޮޑު ކުރީ؟ މިއަދު ވެސް ސަރުކާރުގެ ހުރިހާ ވޭޖް ބިލަކީ 900 މިލިއަން ރުފިޔާ، ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ. ދިވެހި ދައުލަތަށް މަސް ދުވަހަށް ލިބެނީ 1.8 ބިލިއަން ރުފިޔާ. ދެން ކިހިނެއްތޯ ފައިސާ ދައްކަނީ؟ އޭގެ %40 ބޮޑު ކުރާ ވާހަކަ މި ދައްކަނީ. އޭގެ މާނައަކީ 1.4 ބިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ،"
ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މުސާރަ ބޮޑު ކުރާ ވާހަކަ ދައްކަނީ ފެއިލްވީ ކަމަށް އެނގޭތީ ރައްޔިތުން ބޮލަށް "ލުނބޯ ހުތް" ފިތަންވެގެން ކަމަށާއި ދިވެހި ރައްޔިތުން އެ ވާހަކައިގައި ނުޖެހުމަށް ޤާސިމް ގޮވާލެއްވިއެވެ.
"ނަމަނަމަ، ނުހޮވައްޗޭ، އިބޫ އަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތޭ. ދިވެހި ދައުލަތަށް ހިޔާނާތްތެރިވެއްޖެ. ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލައިފިއޭ. ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު މާދަމާ ފެނިވަޑައިގަންނަވާނެ،" ގާސިމް ވިދާޅުވިއެވެ.
ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ، އަންނަ ޖެނުއަރީން ފެށިގެން %40 ބޮޑު ކުރައްވާނެ ކަމަށެވެ. ރައީސް ޞާލިހް ވިދާޅުވީ މި އަހަރު ފާސްކުރާ ބަޖެޓާއެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އިމާމުންނާއި މުދިމުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ. މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރާއިރު، ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 48،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. މިކަމަށް ޢިޝާރާތްކުރައްވާ ޤާސިމް ވިދާޅުވި،
"ހަދާނެ އެއްޗެއް ނޭނގިގެން ގޮސް މި ބުނަނީ %40 މުސާރަ ބޮޑު ކުރާ ވާހަކަ. މި ކިހާ ވަރެއްގެ ވާހަކައެއްތޯ މި ދައްކަނީ؟ ކޮން ފަދަ ރަނގަޅު ވެރިއެކޭތޯ ބުނަންވީ؟ އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ކުރީކީ ނޫން. ކަނޑުގެ އެއޮށް ބޮޑު ސަރަހައްދު ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ދޫކޮށްލީ. ސިފައިން ބޭތިއްބީ ގާނޫނުއަސާސީއާ ހިލާފަށް."