އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދީފި

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ބާރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމުގެ ސެޝަންތަކެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ބާރަށު ސްކޫލުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންގައި، އިންޓަނެޓް ބޭނުންކުރުމަކީ ކޮބައިކަން، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތް، އިންޓަނެޓުގައި އާންމުކޮށްގެން ނުވާނެ ޒާތީ މައުލޫމާތާއި އެފަދަ މައުލޫމާތު އާންމުކުރުމުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތު އެކި ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގޮތްނޭނގޭ މީހުންނާ ވާހަކަނުދެއްކުމަށާއި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންގައި، ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން އެކުދިން ރައްކާތެރިކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ނަހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ރާއްޖޭގައިވެސް މިފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީފައިވެއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ އެހީތެރިކަމާ އެކު ބާރަށު ޕޮލިސް ސްޓޭޝަނުން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ