ޤާސިމް އިބްރާހީމް ޅޮއްސަށް ވަޑައިގެންފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދެއްވުމަށް މިއަދު ނ. ޅޮއްސަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ޅޮއްސަށް ވަޑައިގަތުމުން ޅޮހީން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މި ދަތުރުފުޅުގައި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއާއި، އަދި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޅޮހީގެ ބަނދަރަށް އެއްވެ ތިބި ފަރާތްތަކާ ބައްދަލުކުރައްވައި ޤާސިމް އިބްރާހީމް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ފެނަކަ އާއި ރޯޑް ކޯޕްރޭޝަން ފަދަ ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ރަށް ޒީނަތްތެރިކޮށް ހަދަމުން އަންނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެކަން ކުރަނީ އިންތިހާބުގެ ޤާނޫނާ ހިލާފަށް ކަމަށް ޤާސިމް ވިދާޅުވިއެވެ. އެކަމަކީ އާރާއި ބާރު ބޭނުން ކުރައްވައިގެން ކުރައްވަމުން ގެންދަވާކަމެއް ކަމަށާއި، އެފަދައިން ބާރުގެ ބޭނުންކޮށްގެން ވޯޓް ލިބުމަކީ ތާޢީދު އޮތް މިންވަރު ހަމަވާ ކަމެއް ނޫން ކަމަށެވެ.

ކޮންމެ ވެރިކަމެއްވެސް ގެންނަނީ ޖޭޕީގެ އެހީއާއެކުގައި ކަމަށް ފާހަގަކުރައްވަމުން ޤާސިމު ވިދާޅުވީ، އެމްޑީޕީ ދެފަހަރެއްގެ މަތިން އަދި ޕީޕީއެމް އެއް ފަހަރު ވެރިކަމަށް ގެނައީ ޖޭޕީގެ އެހީއާއެކު ކަމަށާއި ނަމަވެސް ދުވަސްކޮޅެއް ފަހުން އެކަން ހަނދާން ނުހުންނަ ކަމަށެވެ.

"ޑރ. މުޙައްމަދު ވަޙީދަށް 5  ޕަސެންޓް ލިބުނު ކަމަށް ވަރަށް ގިނަ ބަޔަކު އެބަބުނޭ. އެމަނިކުފާނަށްވެސް ކުންފުނިތަކުގެ ބޭނުންކޮށްގެން ކެމްޕެއިން ކުރެވުނީސް، އެކަމަކު އެމަނިކުފާނު އެ ބާރާ ނުފޫޒު ނުފޯރުވާ. އިޚްލާޞްތެރި ވެރިކަމެއް ކުރެއްވީ. ނަމަވެސް އެ މަނިކުފާނުވެސް އެ އާރާއި ބާރު ބޭނުން ކުރެއްވިނަމަ، ލިބިވަޑައިގަންނަވާނީ 5 ޕަސެންޓެއް ނޫން."

ޤާސިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޙުސައިން ވާހަކަދައްކަވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމަލުފުޅުތައް ހުރިގޮތުން ޤައުމު އަޅުވެތިކަމާ ދިމާލަށް ދާމަކަމަށެވެ. މަލިކަށް ވީގޮތުގެ މިސާލު ދައްކަވަމުން، ޢަލީ ޙުސައިން ވިދާޅުވީ ޤައުމާ ދޭތެރޭ ވިސްނާ ޤައުމު މިނިވަންކަންމަތީ ގެންދެވޭނެ ވެރިޔަކު ހޮވަންޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކ ުވާހަކފުޅު ދައްކަވަމުނު ވިދާޅުވީ، އެންމެ ޤާބިލް މީހަކަށް ވޯޓް ދޭންޖެހޭ ކަމަށެވެ. ޤާސިމް އިބްރާހީމަކީ ވެރިކަން ކުރުމުގެ ޤާބިލުކަން ހުރި ބޭފުޅެއްކަމަށާއި، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޅޮއްސަށް ކޮށްދޭން ނިންމާފައިވާ ކަންތައްތަކުގެ ލިސްޓެއް  ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަން މަނިކު ވިދާޅުވެ ދެއްވިއެވެ.

  • ޅޮހީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސާފު އޭރިއެއް ހެދުން
  • ޔޫތު ސެންޓަރެއް ޤާއިމުކުރުން
  • ބޭންކް އޭޓީއެމެއް ބެހެއްޓުން
  • މަސްމާރުކޭޓެއް ޤާއިމުކުރުން
  • ޒަމާނީ ސްޕޯޓްސް ކޮމްޕެކްސްއެއް ޤާއިމުކުރުން
  • ގިރާ ސަރަޙައްދު ޙިމާޔަތްކުރުން

ބައްދަލުވުން ނިންމާލަމުން ޤާސިމު ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ހޮވިވަޑައިގެންފިނަމަ، ޅޮހީން ހުށަހަޅުއްވާފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު