މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް ޞާލިޙް ފިޔަވައި، ދެއްތިބި ކެންޑިޑޭޓުންނަކީ ބަދަލު ކުޅުންތެރިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަ ދެއްކެވީ، ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"އެކެއް ދޭއް ތިނެއް، މިހިސާބަށްވެސް އަޅުގަނޑުމެން އަދި ކިޔާނެ ކަމެއް ނެތް، މިއިން ހިސާބަކަށް އަޅުގަނޑުގެ ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނެއް (ދަ ޑިމޮކްރެޓެސްއެއް) މިފަހަރަކު އާދެވޭނެ ކަމަކަށް. ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށްވަންޏާ ހަޤީޤަތުގައި މި އުޅެނީ އޭ ޑިވިޝަންގެ މެޗެއް، ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ، ފުލް ޓީމް ކުޅެން އަރުވަންވާނީ، އަޅުގަނޑުމެން މި ތިބީ ފުލް ޓީމާއި އެކުގައި."
ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް މީހަކު ގެނައުމަކީ، ކުޅޭ ކުޅޭ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ބޭނުންވެފައި އޮތް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލުމަށްކަމަށާއި، މިއީ އެތެރޭގެ އިންތިހާބެއް ނޫން ކަމަށާއި، މީގެން ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ ކޮންމެ ވޯޓެއްގެ އަސަރު މިއިންތިޚާބަށް ކުރާނެ ކަަމަށެވެ.
ރައީސް ވިދާޅުވީ، ވިސްނުންތެރިކަމާއެކު މިކަން ނުކޮށްފިނަމަ ނުކުންނާނެ ނަތީޖާ ވަރަށް ދެރަ ކަަމަށާއި، މިހާރު މި އިންތިހާބުގެ ނަތީޖާގެ މިސްރާބު އޮތްގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއް ވަނައިގައި ދެވަނައިގައި ތިން ވަނައިގައި ހަތަރު ވަނައަށް އަންނާނެ ފަރާތްތައްވެސް އެނގޭ، އެހެންވީމަ އެއްވެސް ބޭފުޅަކު އެ ބޭފުޅަކަށް ލިބިފައި މި އޮތް ގާނޫނީ ގޮތުން ރައްޔިތަކަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު، ވާޖީބެއް، އެ ޒިންމާ، އެ ޒިންމާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން."
ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއް ބުރުން ބޮޑު ތަފާތަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.