ނ. އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ވިހަފަރުފިނޮޅު އަލުން ދަޢުލަތަށް ހޯދާ، އެތަނުގައި އެއާޕޯޓެއް ތަރައްޤީކުރާނެކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ޑރ މުޢިއްޒު ވިދާޅުވީ، ވިހަފަރުފިނޮޅަކީ ވެލިދުއިން 5-10 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އޮތް ފަޅެެއްކަމަށާއިމ ނަމަވެސް އެއީ ރިސޯޓެއް ތަރައްޤީކުރުމަށް ބަޔަކަށް ދީފައި އޮތް ފަޅެެއް ކަމުން އެތަން އަލުން އަނބުރާ ދައުލަތަށް ނަންގަވާނެ ކަމަށެވެ.
މުޢިއްޒު ވިދާޅުވީ، ވެލިދޫ އޮތް ސަރަޙައްދަކީ، 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ނެތް މަދު ސަރަޙައްދުގެ ތެރެއިން ސަރަޙައްދެއްކަމުން، ފަތުރިކަމުގެ ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެ ސަރަޙައްދަށް އެއަރޕޯޓެއް ވަރަށް މުހިންމުކަމަށެވެ.
އެހެންވެ، މިކަމަށް ޙައްލު ގެނެސްދެވޭނެ ގޮތަކީ، ވެލިދޫ ކައިރިން އޮތް ވިހަފަރުފިނޮޅު ހިއްކާ އެތަނުގައި އެއަރޕޯޓެއް ތަރައްޤީކުރުންކަމަަށާއި، ޤާނޫނީ ހަމަތަކުގެ މަތިން އެ ފަޅު އަލުން އަނބުރާ ސަރުކާރަށް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
"މިވަގުތު އެފަޅު އޮފީ ބަޔަކަށް ދީފައި. އެހެންނަމަވެސް ޤާނޫނީ ހަމަތަކުން އެ ފަޅު ހޯދަން މަސައްކަތްކުރާނަން. އަދި އެއަރޕޯޓެއް ތަރައްޤީކުރާނަން."
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ވެލިދޫގައި އެންމެ ޒަމާނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް، މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއިރު، ޑްރަގް ކޯޓުގެ ހިންގުން ޒަމާނާ އެއްގޮތަށް ބަދަލުކުރެއްވުމަށް ޤާނޫނަށް ބަދަލު ގެންނަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"އިސްލާމީ ހަމަތަކުގެ މަތިން ފަރުވާދެވިގެން އަނބުރާ މުޖުތަމަޢަށް ގެނެވޭގޮތަށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބޭނުންކޮށްގެން ޕްރޮފެޝަނަލް އެހީތެރިކަމާއެކު ޤާއިމުކުރެވޭ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކެއް ތަރުތީބުކުރެވިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކުރެވިގެންދާނެ. އެގޮތުން ވެލިދޫގައި އެންމެ ޒަމާނީ ފެންވަރުގެ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމް ކުރާނަން"
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"ޓޫރިޒަމާގުޅޭ ބައެއް ދާއިރާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓް މިޔުޒީޝަނުންނާއި ބޭންޑްތައް، ރިޒޯޓްތަކުގެ ހައުސްކީޕިންގ އަދި ފްރަންޓް އޮފީސް، ހިޔުމަން ރިސޯސް ޑިޕާޓްމަންޓްގެ ވަޒީފާތައް އަދި ރިޒޯޓްތަކުގެ ޑިޕާޓްމަންޓް ހެޑުން ފެންވަރުގައި ދިވެހި މުވައްޒަފުން ހަމަޖައްސަން ޚާއްޞަ މަސައްކަތްތަކެއް ކުރިއަށް ގެންދާނަން"
ޑރ. މުޢިއްޒު ވިދާޅުވިއެވެ.