Monday, 16 September 2024

ހަވާއީގެ އަލިފާނުގެ ޙާދިސާގައި ގެއްލިފައިވާ މީހުންގެ އަދަދު 1,000 އިން މައްޗަށް

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ހަވާއީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު މަވުއީގެ ރިސޯޓު ރަށެއް ކަމުގައިވާ ލަހެއިނާއަށް ފެތުރި އެ ރަށް އަނދައި އަޅިއަށްވި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 1,000 އަށް އަރާ ކަމަށް އެކަމުގައި ޙަރަކާތްތެރިވާ އޮފިޝަނުން ހާމަކޮށްފިއެވެ. ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ފެތުރިގެންގޮސް މުޅި ރަށް އަނދައި އަޅިއަށްވެފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

އަދި އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހާމަކޮށްފައިވެއެެވެ.

އަލިފާނުގެ ހާދިސާގައި މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ ޢަދަދު 115 އަށް އަރާފައިވާއިރު، 2,500 އެއްހާ މީހުން ގެއްލިފައިވާ ކަމަށް ކުރިން ރިޕޯޓުކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން 1,400 އެއްހާ މީހުން ވަނީ ދިރިތިއްބާ ފެނިފައެވެ. އެކަމަކު ނުފެންނަ މީހުންގެ ޢަދަދު އަދިވެސް އުޅެނީ 1,000 އަށްވުރެ މައްޗަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮގަސްޓު 8 ވަނަ ދުވަހު ލަހެއިނާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއަކީ ތާރީޚުގައި ވެސް އެ ސްޓޭޓްގައި ހިނގާފައިވާ އެންމެ ނުރައްކާތެރި، އަދި އެންމެ ހިތާމަވެރި ޤުދުރަތީ ކާރިސާއެވެ.

ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން މަރުވެފައި ވަނީ ކިތައް މީހުން ކަން ވެސް އަދި ސާފެއް ނޫނެވެ. ލަހެއިނާގައި އަނދާ އަޅިއަށްވެފައިވާ ޢިމާރާތްތަކުގެ ތެރެއިން މީހުންގެ ހަށިތައް ހޯދުމަށް އޮފިޝަލުން ދަނީ މެނދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ލަހެއިނާގައި ހިނގި އަލިފާނުގެ ހާދިސާގައި 5.45 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ އަނދައި އަޅިއަށްވެފައެވެ. މި އަލިފާނުގައި 2,200 އަށްވުރެ ގިނަ ޢިމާރާތް އެނދިއެވެ. މި ލަހެއިނާއަށް ލިބިފައިވާ ގެއްލުމުގެ އަގު 6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު