އަންނަ ހުކުރު ދުވަހު ފަށާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރައަށް ފުރައިފިއެވެ.
އައިއޯއިޖީއަށްދާ ރާއްޖޭގެ ކޮންޓިންޖެންޓުގައި މިއަހަރު ޖުމްލަ 286 މެންބަރުން ހިމެނެއެވެ. އަދި 276 ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭއިރު، މިއަހަރުގެ އައިއޯއައިޖީގައި ނުވަ ކުޅިވަރެއްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނެއެވެ. ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ބާއްވާއިރު، އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ކޮންޓިންޖެންޓް ވަނީ މަޑަގަސްކަރައަށް ގޮސްފައެވެ.
Team Maldives, consisting of 276 athletes and officials across a diverse range of disciplines embarks on their journey from Maldives to Madagascar for the 11th Indian Ocean Island Games.@MoYSCEmv #Thayyaarey #IOIG2023 #TeamMaldives #KaamiyaabuRaajje #MOC #Olympicmv #Maldives pic.twitter.com/cql7EpZVdM
— Maldives Olympic Committee (@olympicmv) August 24, 2023
ރާއްޖޭގެ ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޙްމަދު ފަސީހެވެ. އަދި ޗެފް ޑި މިޝަން ކަމަށް ހަމަޖައްސާފައިވަނީ ޢަބްދުލް ނާފިއު ތައުފީޤެވެ.
އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ދީފައިވަނީ ޓޭބަލް ޓެނިހުގެ ޤައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ޓެނިހުގެ ޤައުމީ ޗެމްޕިއަން އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އަށެވެ.
މެޑަލިސްޓް ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައިވެސް ދިދަ އުފުލާފައެވެ. މިއީ އައިއޯއައިޖީގައި ކޮންމެ ޤައުމަކުންވެސް ދެ އެތުލީޓުން ދިދަ އުފުލާނެ ފުރަތަމަ ފަހަރެވެ.
އައިއޯއައިޖީއަކީ ރާއްޖޭގެ ކާމިޔާބީގެ ފެށުމެވެ. އެގޮތުން 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީން ރާއްޖެއަށް ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން ވަނީ މެޑަލް ލިބިފައެވެ. އަދި ރާއްޖޭން އެންމެ ފަހުން މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ޖުމްލަ 15 މެޑަލް ހާސިލުކޮށްފައިވާކަން ފާހަގަކޮށްލަމެވެ.