މިހާރު އަދި މާ ގޯސް. ރައީސް ބޭނުން ވަނީ ހަމަ ވެރިކަން: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބޭނުންފުޅުވެވަޑައިގަންނަވަނީ ކޮންމެފަދަ ގޯހެއް ހައްދަވައިގެން ވިޔަސް ވެރިކަން ދަމަހައްޓަން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ޤާސިމް ވަނީ، އަދުގެ ސަރުކާރުން، ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ކެމްޕެއިން ކުރުމުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓު ގެންދަވަނީ ހެދިފައިވާ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ކަން ކުރަމުންކަމަށް ޤާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ އެކި ވަސީލަތްތަކާއި، ކުންފުނިތަކުގެ ވަސީލަތްތައް އަދި މުވައްޒަފުން ވެސް ކެމްޕެއިން ކުރުމުގައި ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެއީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ވެރިކަން ކުރެއްވި ރައީސް ޢަބްދުﷲ ޔާމީން ވެސް ކަންކުރެއްވިގޮތް ކަމަށާއި، އެހެންނަމަވެސް ރައީސް ޞާލިޙްގެ ވެރިކަމުގައި އެކަން މާ ބޮޑަށް ކުރަމުން އަންނަކަމަށް ޤާސިމް ވިދާޅުވިއެވެ.

"ރައީސަކަށް ހުންނެވި ބޭފުޅާ ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް އެބަކުރައްވާ. ކެމްޕޭނުގައި ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ސަރުކާރުގެ މެޓީރިއަލް ބޭނުންކުރޭ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކަންކުރި. މިހާރު މިބޭފުޅުން ވެސް އެކަން ކުރައްވަނީ. މިހާރު އަދި މާ ގޯސް. ފެނަކައާއި ސްޓެލްކޯއިން އެތައް ހާސް މުވައްޒަފުންނެއް ބޭނުންކޮށްގެން."

ޤާސިމް ވިދާޅުވިއެވެ.

ސިޔާސީ ފިކުރު ހުންނަގޮތެއްގެ ސަބަބުން ތިމަންނަގެ ސަރުކާރެއްގައި ވަޒީފާގެ ފުރުސަތު އެމީހަކަށް ނުގެއްލޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި ކަމަށާއި، އެކަމަކު މިހާރު މި ފެންނަނީ އެހެނެއް ނޫންކަމަށް ފާހަގަކުރައްވަމުން، ސަރުކާރުގެ ތެރެއިން މީހުންނަށް ބިރުދެއްކުމާއި، ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކާ ހަދައިގެން ކޮންމެ ގޮތަކުން ވިޔަސް ވެރިކަމަށް އަންނަން ބޭނުންވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު