ރޭގަނޑުގެ ކަޅުފޮއެކަން ދިޔައީ އިތުރުވަމުންނެވެ. އުޑުމަތީގައި ބަބުޅަމުންދިޔަ ތަރިތަކުގެ އަލިކަން ދިޔައީ ފަނޑުވަމުންނެވެ. ބޮލަށް އަމާޒުވި ހަމަލާގެ ސަބަބުން ޙަބަރުހުސްވެގެން ވެއްޓިފައިއޮތް ބަކުރަށް ހޭވެރިކަމެއްވީ، ކައިރީގައި ހުރި ރުކުން ވެއްޓުނު ކާއްޓަކުން އޭނާގެ ފަލަމަސްގަޑުގައި ޖެހުމާއެކުއެވެ. ވީތަދުން ބަކުރު ތެދުވެ އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ. ހޭއެރުމާއެކު ބަކުރުގެ ހަނދާނަށް އައީ އޭގެ ކުޑައިރުކޮޅެއް ކުރިން ދިމާވި ހާދިސާއެވެ. އެވަގުތު ބަކުރުގެ ސިކުނޑި ސުމަކަށްދިޔަ ފަދައެވެ. ނަފީސާ މިހާރު އުޅޭނެ ހާލަތާއިމެދު ބަކުރު ވިސްނަންފެށިއެވެ. "މަގޭ ނަފީސާ ފަކީރު މިހާރު އުޅޭނެ ހާލެއްވެސް ނޭންގެ.. ރާޝިދު ހުރީ ހާދަ ރުޅިއައިސްސައޭ.. މަށަށް ހަމަ ޔަޤީން. މިހާރު އޭނަ އުޅޭނީ ނަފީސާއަށް އަނިޔާކުރުމުގަ. މިރޭ ކަމާކުޅި ދައްކާލާނެ ރެއެއްމީ…" ބަކުރު ހިތާހިތުން ބުނެލިއެވެ. ނަފީސާއާއި މެދު ވިސްނަމުންދިޔަ ބަކުރު ހުރީ ހާސްވެގެން ހަދާނެގޮތް ހުސްވެފައެވެ. ރިހޭފައި މައްޗަށް ފޮއެ ވެއްޓުމުގެ ހަޤީޤީ މާނަ ބަކުރަށް ފަހުމްވީ އެވަގުތުއެވެ. ފަޔަށާއި ބޮލަށް ވަމުންދިޔަ ތަދުން ބަކުރަށް ލިބެމުންދިޔަ ވޭނުގައިވެސް އޭނާ އަވަސްވެގަތީ ނަފީސާގެ ހިމާޔަތުގައި އެގެއަށް ދިއުމަށެވެ. ބިންމަތީގައި އަތްވިއްދާފައި ބަކުރު ތެދުވިއެވެ. އެހެނަސް، ކޮޅަށްތެދުވުމާއެކު ފައިން ވަރުނެތި ބަކުރު އަނެއްކާވެސް ވެއްޓުނެވެ. ކަން އެހެންވީނަމަވެސް، ބަކުރު އަނެއްކާވެސް ހިތްވަރުކޮށްފައި ތެދުވިއެވެ. އަދި އެތަނުގައި ހުރި ކުޑަވަރެއްގެ މިދިލިގަހެއްގެ ގޮފިގަނޑުގައި ހިފަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ކޮރާ ޖަހަމުން ޖަހަމުން ހިނގައިގަތެވެ.
* * * * *
ދަލޭކަ ހުރީ ކަންބޮޑު ވެފައެވެ. ދަލޭކަ ސިއްރެއްގެ ގޮތުގައި ފޮރުވާފައި ބާއްވަން ބޭނުންވި ވާހަކައެއް، ނަފީސާގެ އިޒުނައާއި ނުލާ އެހެންބަޔަކަށް ކިޔާދޭން ފަސްޖެހޭތީއެވެ. ދަލޭކަ ފުންނޭވާތަކެއް ބޭރުކުރަމުން ދިޔައިރު އެންމެންގެ ކަޅި އަމާޒުވެފައިހުރީ ދަލޭކަގެ މޫނަށެވެ. މާހައުލަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. ދަލޭކަގެ ދުލުން ލަފްޒެއް ނިކުންނާނޭ ކަމުގެ އުންމީދުގައި އެންމެން އަނގަމަޑުން ލައިގެން ތިބީއެވެ.
"މަގޭ ކައިރީގަ ނަފީސާ މިވާހަކަ ދެއްކިތާ ދުވަސްކޮޅެއް ވެއްޖެ… ނަފީސާ ބުނިގޮތުންނަމަ، ރާޝިދަކީ ވަރަށް އަނިޔާވެރި ފިރިއެއް. ކިތަންމެ ކުޑަކަމެއްވިސް ނަފީސާއަށް އަނިޔާކުރާ ވާހަކަ ބުނި. ނަފީސާ ދެއްކި ވާހަކަ އެއީ ތެދެއްކަން މަށަށް ސާބިތުވީ، ނަފީސާ ގައިގައި އަނިޔާ ލިބިފައިހުރި ނިޝާންތައް ފެނުނީމަ…. ނަފީސާ އަހަރެން ފިޔަވާ ދެން އެހެން އެއްވެސް މީހެއްގެ ކައިރީގައި އެވާހަކަ ހިއްސާކުރިހެނެއް ހިއެއްނުވޭ… އަހަރެން ނަފީސާ ކައިރީގައި ވަރަށް ކިޔަންވެސް ކިޔައިފިން.. ވަރަށް ނަސޭހަތްވެސް ދީފިން… އެކަހަލަ އަނިޔާވެރި ފިރިއަކާއެކީގަ އުޅުމުގެ އެއްވެސް މާނައެއް ނެތެއްނޫންހޭ… އެންމެ ރަނގަޅުވާނީ ވަރިވީޔާއޭ…"
ދަލޭކަ ދެއްކި ވާހަކަ އަޑުއަހާފައި ހަލީމަ ހުރީ ދެލޯބޮޑުވެފައެވެ. އާދަނު ހުރީ އަނގަހާކުރި ގޮތަށް ލައްޕަން ނޭންގިފައެވެ. ފާތުމަ ހުރީ އަނގަމަތީގައި އަތްއެޅިގޮތަށް ނަގަންނޭގިފައެވެ.
"ނަފީސާ އެހަދަނީ ހުސްދޮގު… ނަފީސާ އެހެން ބުންޏަސް މަށެއް ހަމަހިލާ ޤަބޫލެއް ނުކުރާނަން. މަގޭ މިއީ ތިޔަބުނާ ދެމަފިރިންނާ އެއްފުރާޅެއްގެ ދަށުގަ އުޅޭ މީހެއް… ރާޝިދަކީ ނަފީސާ އެބުނާ ކަހަލަ މީހެއް ނޫން. އޭނަގެ ހުންނާނެ ރުޅިގަދަގޮތްގަނޑެއް. އެކަމަކު އެއީ ރުޅިއައިސްގެން އަތް އިސްކުރާ ވަރަށްވުރެ މާ ހުލްޤުހެޔޮ މީހެއް.. ރާޝިދު ނަފީސާދެކެ އިންތިހާއަށް ލޯބިވޭ.. ތިޔަވަރުގެ ބޮޑު ދޮގެއް ހަދަން ނަފީސާއަށް ކެރުނީމަވެސް މަގޭހަމަ އަޖައިބުވެ އަންތަރީސްވެއްޖެ…" ދަލޭކަ ދެއްކި ވާހަކަ ޤަބޫލުކުރާކަށް ހަލީމަ ބޭނުމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަ ރާޝިދަށް އިތުބާރުކުރެއެވެ.
"ﷲ ގަންދީ ހުވާކޮށްފަ މިބުނީ.. މަގޭ ކައިރީގައި ނަފީސާ އެވާހަކަ ހަމަ ކިޔައިދިންގޮތަށް ހަމަމިބުނީ.. އެއްވެސް އުނިއިތުރުކަމެއް ނުގެނެސް… އަހަރެންނަށްވެސް އިނގޭނީ އިވޭ އަޑެއްތާ ދޯ. ގަބޫލު ކުރެވޭނީ ފެންނަ މަންޒަރެއްތާދޯ.. ނަފީސާ ކިޔާދިން ގޮތަކަށްދޯ މަށަށް ރާޝިދު ސިފަވާނީ.. ދެން އޭގަ އޮންނާނީ ނަފީސާގެ އިޙުލާސްތެރިކަމެއް." ދަލޭކަ ކިޔަދިން ވާހަކައަށް ބާރުދިނުމުގެ ގޮތުން ދަލޭކަ ބުންޏެވެ.
"މީހުން މީހުންނޭ ކިޔައިގެން ދައްކާ ވާހަކަތައް ޤަބޫލުކުރާކަށް ނުވާނެ.. އެއީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. ކޮންމެ މީހެއްގެ ވާހަކައިގައިވެސް އެމީހެއްގެ އަމިއްލަ ނަފްސު ވަރަށް މާތްވާނެ.. ހުރިހާވެސް ކުށެއްކޮށްފަ އޮންނާނީ އަނެކާ.. ކަންއެހެންއޮތުމާއެކު، މީހުން މީހުންނޭ ކިޔައިގެން ދައްކާ ވާހަކަތައް އެއްވެސް އަސާސެއްނެތި ގަބޫލުކުރުމަކީ ބުއްދިވެރިކަމެއްނޫން.. އެއީ ކިތަންމެ ގާތް މީހެއްނަމަވެސް.." ޗުސްކަނޑާލަމުން ފާތުމަ ބުންޏެވެ.
އާންއެކެވެ. ފާތުމަ އެބުނީ ނުހަނު އޮއްޓަރުހުރި ވާހަކައެކެވެ. ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް އެކިއެކި މީހުންނޭ ކިޔައިގެން ތަފާތު އެތަކެއް ގިނަގުނަ ވާހަކަތައް އަޑުއިވެއެވެ. އެއްބައިފަހަރު މީހުންގެ ރަނގަޅުވާހަކައެވެ. އަނެއްބައިފަހަރު މީހުންގެ އަބުރާއި އިއްޒަތައް ފަސްއެޅިފޮރުވޭފަދަ ވާހަކަތަކެވެ. އޭގެތެރެއިން ބައެއް ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގުވާހަކަތަކެވެ. އަނެއްބައި ވާހަކަތަކަކީ ކޮންމެވެސް ވަރެއްގެ ތެދުވެރިކަމެއް އެކުލެވޭ ނަމަވެސް މުޅިން ހަޤީޤަތައް ނުވެދާނެއެވެ. ދުލެއް އޮތީތީވެ، ބަސްބުނުމުގެ އާރާއި ބާރުހުރީތީވެ، ހަގީގަތް އޮޅުވާލައިގެން ވާހަކަދެއްކިދާނެއެވެ. އެކަން އެގޮތައް ކުރާ މީޙާއަށް ވަގުތީގޮތުން ފައިދާތަކެއް ކޮށްފާނެއެވެ. ނަމަވެސް ޢާޙިރުގައި، އެކަމުން ނިކުންނާނީ ހިތިނަތީޖާތަކެކެވެ. ތިމާއަށް ކުރެވުނު ކުށުގެ ހިތިރަހަ ގިނަމީހުންގެ އަރުގައި ލަނީ ވަގުތުފާއިތުވެ ދިއުމަށްފަހުގައެވެ. ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް ހެރި ނިމޭފަހުންނެވެ. އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުންގެ އަދަދު، ދެއަތުގެ އިނގިލިތަކުން ގުނާލެވޭވަރަށްވުރެ މިދުނިޔޭގައި ގިނަވާނެއެވެ. ނަފީސާއަށް އެވަރު ރޭކާނުލައެވެ. އެހެންކަމުން، އޭނަ އިޙްތިޔާރުކުރި މަގަކީ އެއީއެވެ. ނަފީސާއަށް ރާޝިދު އަނިޔާކުރާކަމަށްބުނެ ނަފީސާ ދަލޭކަ ކައިރީގައި ހެދީ ހުސްދޮގެވެ. އަނިޔާ ލިބިފައިވާކަން ދަލޭކައަށް ސާބިތުކޮށްދޭން ނަފީސާ ހެދީ މަކަރެވެ. އޭނާ ގައިގައި ހުރި އަނިޔާގެ ނިޝާންތަކަކީ އޭނާ އެބޭނުމުގައި އަމިއްލަ ނަފްސަށް ދިން އަނިޔާތަކުގެ ނިޝާންތަކެކެވެ. ނަފީސާ ދޮގުހަދާލިލެއް މޮޅުކަމުން، އޭގެ ފަހަތުގައި ފޮރުވިފައިވާ ޖާހިލުކަން ދަލޭކައަށް ނުފެނުނީއެވެ. މީހުންގެ ލޮލުގައި އަދުން އެޅުވުމުގައި ނަފީސާ އެހާވެސް ކުޅަދާނައެވެ. ނަފީސާ ބޭނުންވަނީ ބަކުރާ އެކުގައި ދިރިއުޅުމެއް ފަށާށެވެ. އެހެންކަމުން، އޭނާގެ ހިތުގެ އެދުންތައް ހާސިލުކުރުމަށް ކޮންމެފަދަ ފާފައަކަށް އަރައިގަންނަންވެސް ނަފީސާ ހުރީ ތައްޔާރަށެވެ.
* * * *
ކޮންމެއަކަސް ރަށުތެރޭގައި ވަރަށް ފޯރިގަދައެވެ. ފިރިހެނުންތައް ހޭވައްޓާލާފައި ތައްޔާރުވަމުންދިޔައީ ކުރިމަތީގައި އޮތް މާލޫދަށެވެ. ރަށަކީ މާލޫދު ފާހަގަ ކުރުމުގައި އަތޮޅުގައި ނަން މަޝްހޫރު ރަށެކެވެ. އުސްމާނަކީ ބޮޑުބެރު ޖެހުމުގައި ރަށުގައި އެންމެ އަރާހުރި އެކަކެކެވެ. އެ ފަންނުގައި އެންމެ ޤާބިލު އެކަކެވެ. ޖަހަމުންދިޔަ ބޮޑުބެރުގެ އަޑުން މުޅި މާހައުލުއޮތީ ގުގުމާލާފައެވެ. ރަށުގެ ކުދިބޮޑު ގިނަބަޔަކު އެ މަންޒަރު ބަލަން ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި އެއްވެފައި ތިބުމުން ބޮޑުބެރުޖަހަން ތިބި މީހުންނަށް އިތުރު ހިތްވަރެއް ލިއްބައިދެމުންދިޔައެވެ. އުސްމާނަށް އެކަމުގެ ތެރެއަށް ވަދެވިފައިހުރިލެއް ބޮޑުކަމުން އޭނާގެ ޙަޔާތުގައިވާ އުދާސްތައް އޭނާގެ ހިތުން ވަގުތީ ގޮތެއްގައި ބޭރުވެފައިވާފަދައެވެ. ބާރުބާރަށް ބެރުގެ ދެކޮޅުގައި ޖަހަމުންދިޔަ އުސްމާނު ބެރުޖެހުން ހުއްޓާލީ މީހަކު އައިސް އޭނާގެ ކޮނޑުމަތީގައި އަތް ބީއްސާލުމުންނެވެ.
އުސްމާނު ސިއްސައިގެންގޮސް ފަހަތް ބަލާލި ވަގުތު ފެންނަން ހުރީ ފަރީދާއެވެ. ފަރީދާއަކީ ރަށުގައި ހުރި އެންމެ ރީއްޗަށް ލަވަކިޔާ އަންހެނާގެ މަޤާމު އެންމެންގެ ހިތްތަކުގައިވެސް ދީފައި އޮންނަ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އުސްމާނުގެ ކުރީގެ އަނބިމީހާއެވެ. ދެމީހުން ވަރިވިތާ ވަރަށް ޒަމާން ފާއިތުވެ ހިންގައްޖެއެވެ. ދެމީހުން އެކުގައި އުޅުނީ ނުހަނު ލޯބިންނެވެ. އެހެންނަމަވެސް، ވަކި ހިސާބަކަށް އައިސް، ދެމީހުންގެ މިޒާޖުގައި ހުރި ތަފާތުތަކެއްގެ ސަބަބުން އެކުގައި އުޅެވޭގޮތް ނުވީއެވެ. ދެމީހުންގެ މެދުގައި ޖެހުނު މައްސަލަތައް ނުހަނު ބައިވަރެވެ. އެކަމަކު އެއްވެސް ކަމަކާ ވިއްދައިގެން ދެމީހުންގެ މެދުގައި ދުވަހަކުސް އަޑުލާ ޒުވާބެއް ނުކުރެއެވެ. ދެމީހުންގެ މެދުގައި އޮތް ލޯބި ނެތިފަނާކޮށްލީ ދެމީހުންގެ ދެމެދުގައި ހިއްސާކުރި ހަމަހިމޭންކަމެވެ. މައްސަލައެއް ޖެހުނަސް ވާހަކަ ދައްކައިގެން ހައްލުކުރުމުގެ ބަދަލުގައި ދެމީހުންވެސް އިޙްތިޔާރުކުރީ ހަނުތިބުމެވެ. މިއަދު އެދެމީހުންވެސް އެތިބީ މާޒީ ހަނދާނުން ފޮހެލައި، ދިރިއުޅުން އައި ފެށުމަކުން ފަށައިގެންނެވެ.
އުސްމާނު ފަރީދާގެ މޫނަށް ބަލާލުމާއެކު އޭނާ ވެދުންކޮށްލީ ފަރިހިނިތުންވުމެކެވެ. އަނެއްކާ މިއީ ކޮންފަދަ ދައުވަތެއްބާވައެވެ. އުސްމާނަށް ހިތާހިތުން ބުނެލެވުނެވެ. އުސްމާނު ބެރުޖެހުން ހުއްޓާލުމާއެކު ދެންތިބި މީހުންވެސް ބެރުތަކުން އަތް ވީއްލާލާފިއެވެ. އުސްމާނާއި ފަރީދާ ދެއްކި ވާހަކަ އަޑުއަހަން އެމީހުންވެސް ޝައުޤުވެރިވީތާއެވެ.
"އުސްމާނު ހާދަ ކުޅަދާނައޭ ތިޔަކަމަށް. އަހަރެން ހަމަ އަޖައިބުވެއެއްޖެ. އުސްމާނު ޖަހަމުންދިޔަ ބެރުގެ ޖާދުލުގަ ޖެހިފަ އަހަރެންނަށް އިރުގަނޑެއް ވަންދެން ހުރެވުނު ހުވަފެނީ ދުނިޔެއެއްގެ ތެރެއަށް ގެއްލިފަ. ނިކުންނަން ނޭނގިފަ. އަހަރެން މިއީ އުސްމާނާއި ވަރިވީފަހުން މިއަވަށަށް އާންމުގޮތެއްގައި އައިސް އުޅޭ މީހެއްނޫން. ރޭގަ މިތަނަށް އައިސް އަހަރުން އަވަށު މީހުން ވަރަށް ތައުރީފްކުރި ކަލޭމެން ބޮޑުބެރު ޖަހާލެއް ރީތިކަމުން. އެހެންވެ އެއީ ތެދެއްތޯ ބަލާލަން އަހަރެން މިރޭ މިތަނަށް މިއައީ… ވަރަށް ހިތްގައިމު ކޮންމެއަކަސް… އަހަރެން އަބަދުވެސް ވަރަށް ކުރާހިތްވި ކަމެއް ތިޔައީ. މިހާރު އެބަ ބޭނުންވޭ އަމިއްލައަށްވެސް ތިޔަކަންތައް ތަޖުރިބާ ކޮށްލަން. އުސްމާނުގެ އެއްވެސް އިއުތިރާޞެއްނެތީޔާ، އަހަރެންނަށް ބޮޑުބެރުޖަހަން ދަސްކޮށްދީފާނަންތަ." ތަޢުރީފުގެ ބަސްތަކުން އުސްމާނު ގޯނިފުލަށް ލުމަށްފަހުގައި ފަރީދާ، އޭނާ އަސްލު އެތަނަށް ދިޔަ ސަބަބު ހާމަކޮށްލިއެވެ.
"ހޯހޯ. އަހަރުން މާލޫދަށް ވަމުންދާ ތައްޔާރީތައް ބަލާފަ އެކަންކަން ކަލޭ ފިރިމީހަ ރަށުމީހުންނަށް ކިޔާދޭން ދޯ ތިޔަ އުޅެނީ.. ކޮންމެ ކަމެއްކުރިޔަސް އަހަރުން ގޮންޖަހާލެވޭ ވަރުގެ ބަޔަކު މި އަތޮޅުގަ ކީއްކުރަން، މި ރާއްޖޭގަވެސް ނުތިބޭނެ. މިރަށު މީހުންކުރާ ފެންވަރަށް މާލޫދުގެ ކަންކަން ކުރާނެހާ ހިތްވަރެއް އެހެން ރަށްރަށު މީހުންގެއެއް ނުހުންނާނެ..". ނަގާކިޔަން ހުރި ޅަފުރައިގެ ޒުވާނަކު ފަރީދާއާއި ސަމާސާކޮށްލިއެވެ.
ފަރީދާ މިހާރު ކައިވެނިކޮށްގެން އުޅެނީ އެ އަތޮޅުގެ އެހެން ރަށެއްގެ މީހަކާއެވެ. ނަމަވެސް އޭނާ މިހާރު ދިރިއުޅެމުން އެދަނީ އޭނާގެ އުފަންރަށް ކަމުގައިވާ ޖ. ވައްޓިލަފުށީގައެވެ. "ބަލަ އަހަރެން މިރޭ މިތަނަށް މިއައީ ތިޔަބުނާ ކަހަލަ މަގްސަދެއް އޮވެގެނެއްނޫން. އަހަރެން ވަކި ބޭނުންވާނެތަ މިރަށަށް ހުތުރުވާގޮތަށް އެއްވެސް ކަމެއް ކުރަން. އަހަރެންގެ ހިތުގައި މި ފަސްގަނޑަށް އޮތް ލޯބި އެހެން އެއްވެސް ތަނަކަށް ނުދެވޭނެ." ހީލަމުން ފަރީދާ ރައްދުދިނެވެ.
ފަރީދާވާނީ ވައްޓިލަފުއްޓަށް ނިސްބަތްވާ އަންހެނުންގެ ތެރެއިން ބޮޑުބެރުޖެހުމަށް ޝައުގުވެރިކަން ފާހަގަކުރި ފުރަތަމަ އަންހެނާއަށެވެ. ފަރީދާ ބޮޑުބެރުޖަހަން ހުރި ޝައުގުވެރިކަންފެނި އެކަން އުސްމާނުގެ ޝައުޤުވެރިކަން ދަމައިގަނެއްޖެއެވެ. އެހެންނަމަވެސް، ފަރީދާއަށް ބޮޑުބެރުޖަހަން ދަސްކޮށްދޭން މަޑުކޮށްފިނަމަ ގެއަށްދެވޭނީ ވަރަށް ލަހުންކަމާމެދު އުސްމާނު ވިސްނުންހިންގާލިއެވެ.
"އަހަރެން ފަރީދާ ތިޔަ އެދޭ އެދުމަށް އިޖާބަދެން. ފުރަތަމަ ފަހަރަށް އަންހެނެއްގެ ދުލުން ބޮޑުބެރުޖަހަން ޝައުގުވެރިވާ ވާހަކަ އަހަރެން މިއަޑުއެހީ… އެހެންވީމަ، ފަރީދާގެ އެދުމަށް ނޫނެކޭ ބުނާކަށް އަހަރެން ނެތިން. އަހަރެން ފަރީދާއަށް ބޮޑުބެރުޖަހަން ދަސްކޮށްދޭން މިހުރީ ތައްޔާރަށް… އެކަމަކު މިރެއަކު ނޫންދޯ.. މިރޭ މިހާރު ވަރަށް ލަސްވެސްވެއްޖެ. އަހަރެންނަށް މިރޭ އެހާ ލަސްވަންދެން މިތާކު މަޑުކުރެވޭކަށްނެތް. މިރޭވެސް ކުރަންހުރި ބައިވަރު ކަންކަން ބަހައްޓާފަ މިތަނަށް މިއައީ… މި މާލޫދު ކަންތައް ނިންމާލާފަ ފަރީދާއަށް ވަގުތެއް ވީމަ އައިސްލާ އަހަރުން ގެއަށް. އޭރަށް ތަންކޮޅެއް ހަމަޖެހިލައިގެން ބޮޑުބެރުޖަހަން ދަސްކޮށްލެވޭނެތާ ދޯ…" ނިތްއަރުވާލަމުން އުސްމާނު ފަރީދާ ކައިރީގައި ބުނެލިއެވެ.
އިތުރު ބަހެއް ނުބުނެ އުސްމާނު ތެދުވެގެން ހިނގައިގަތް މަންޒަރު ފެނުމުން ބެރުޖަހަންއިން މީހަކު ބުނެލިއެވެ. "މާޒީ ހަނދާންވީ ކަންނޭގެ. ފަރީދާ ފެނުނީމަ ހިތުގަ ޖެހުނީ ދޯ އުސްމާނާ؟"
"މާޒީ ހަނދާންކޮށްފައި ހިތުގައި ޖެހޭ ވަރަށްވުރެ އަހަރެން އުމުރުން މާ ދުވަސް ވެއްޖެ. އެހެން ނޫނަސް މާޒީ ހަނދާން ކުރަންޖެހޭ ވަރަށްވުރެ މާ އުފަލުގައި އަހަރެމެން ދެމީހުންވެސް މި އުޅެނީ.. ދޯ ފަރީދާ…" އެމީހާ ބުނި ބަހަށް ރައްދުދެމުން މަތިއޮއްބާލަން މަސައްކަތްކުރަމުން އުސްމާނު ބުންޏެވެ. ފަރީދާ ބޯ ހޫރާލިއެވެ. "އާން… ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެ. ދެން އެހެނެކޭ ކިޔާފަ މީހުންގެ މާޒީ ހަނދާންކޮށްދޭކަށް ކަލޭމެން ނުޖެހޭ.. ވެނިމިފައިވާ ކަންކަމަށް މާޒީއޭ ކިޔަނީ ކޮންމެސް ކަމެއްވެއޭ. މާޒީގެ ވޭނީ ދާނުގައި އެކެކުޅުމުގައި އޮންނާކަށް މިއަދު އަހަރެން ބޭނުމެއްނޫން.. އަހަރެންވެސް އުސްމާނުދެކެ އިންތިހާއަށް ލޯބިވިން. ހަމައެފަދައިން އަހަރެންދެކެ އުސްމާނުވެސް ލޯބިވި. އަހަރެމެން ދެމީހުން ވަކިވާންޖެހުން އެއީ ތަޤުދީރުގެ ނިޔާ…" މަޖާޒީ ރާގަކަށް ފަރީދާ އެމީހުންނާ މައްލަވަކޮށްލަމުން ހާމަކޮށްލީ ހަމަޔަޤީނުންވެސް ދެބަސްވެވެން ނެތްފަދަ ހަޤީޤަތެކެވެ.
އުސްމާނުވެސް ފަރީދާ ދެއްކި ވާހަކަ އަޑުއަހާލުމަށްފަހު ހިނިތުންވެލިއެވެ. އަދި އެނބުރި ގެއަށްދާން ހިނގައިގަތެވެ. އުސްމާނު ފަހަތުން ފަރީދާވެސް ހިނގައިގަތެވެ.
އުސްމާނު އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއްގެ ފަހަތުން ފިޔަވަޅެއް އަޅަމުންދިޔަ ފަރީދާ، އުސްމާނުގެ ފަސްފަހަތުން އަންނަކަމުގެ އިޙްސާސްވެގެން އުސްމާނު ހިނގަމުންދިޔަ ދުވެލި މަޑުކޮށްލިއެވެ. ފަރީދާ އޭނައާއި އަރާ ހަމަކުރުމުގެ ފުރުސަތުދޭން ވެގެންނެވެ. ގިނަ ދުވަސްތަކަކަށްފަހު ފަރީދާ ފެނުމުން އުސްމާނު ހުރީ ވާހަކަދައްކާލަން ބޭނުންވެފައިނަމަވެސް އެކަމުގެ އިޒުނަ، ފަރީދާ ކައިރީގައި ދޭންބުނަން ފަސްޖެހޭތީ އުސްމާނު ހަމަހިމޭނުން ހުރީއެވެ.
* * * *
"އައްދިއްޔޯ… އާ!!!" ރާޝިދު ނަފީސާ ގެއަށް ވެއްދި ގޮތަށް ބަލާކަށްނުހުރެ ކޮއްޕާލުމާއެކު ނަފީސާ ބަނޑުވަތައް ވެއްތި ބިންމަތީގައި ދަތްދޮޅިޖެހި ފަޅައިގެންދިޔައެވެ. ވީތަދުން ނަފީސާ ރޮއެގަތެވެ. ރާޝިދު ހުރީ ރުޅިއައިސް ރަތްވެފައެވެ. އާންމު ގޮތެއްގައި ރާށިޝަދީ ރުޅިއަޔަސް ރުޅި ކޮންޓްރޯލްކުރާ މީހެކެވެ. އެހެންނަމަވެސް، މާބޮޑަށް ހިތުގައި ޖެހުމުން ރުޅި ކޮންޓްރޯލްކުރުމަށް ރާޝިދު ނުކުޅެދިފައިވާ ފަދައެވެ. މިއަދު އޭނާ ނަފީސާގެ ރުއިމުގެ އަޑުއަހާކަށް ބޭނުމެއްނުވެއެވެ. ނަފީސާ ގިސްލަގިސްލާފައި ރޮމުންދިޔަ ވަރަކަށް ރާޝިދުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ނަފީސާ އޭނައަށް ބޭވަފާތެރިވަމުން ދިޔަކަން ފަޅާއެރުމުން އެކަންތައް ހަޖަމުކުރާނެހާ ހިތްވަރެއް ރާޝިދުގެ ހިތަކު ނެތެވެ.
"ކަލޭ ރޮއޭ.. މިރޭ ކަލޭ ރޮއެރޮއެ ކަރުނަ ހުސްވިޔަސް މަގޭ ހިތަށް އެއްވެސް އަސަރެއްނުކުރާނެ. ކަލެއަށް އެހީވާނެ އެކަކުވެސް މިރެއަކު ނާންނާނެ. މިރޭ ކަމާކުޅި ދައްކާލާނަން. ކަލޭ މަގޭ ހިތުގައި ތިޔަ އަޅުވާލި ކޫރުމުން ދިން ޒަހަމުގެ ހައްޤު އަދަބު ކަލެއަށް މަގޭ މިރޭ ނުދީފިއްޔާ މަގޭ ނަމަކީ ރާޝިދެއްނޫން. ތިޔަހަލަ ހަޑިމުޑުދާރު އަމަލު ހިންގާ ބޭވަފާތެރިންނަށް އޭގެ ސަޒާ ލިބެންޖެހޭނެ. ނުލިބޭނަމަ އެއީ ވަފާތެރިންނަށް އޮތް ބޭއިންސާފެއް. ހުރޭ… މިރޭ ދެދުނިޔެ ދައްކާލާނަން." ގޭ ތަޅުންގަޑުމައްޗަށް ވެއްޓިފައިއޮތް ނަފީސާގެ މޭމަތީގައި ފައިންޖަހަމުން ރާޝިދު ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންނެވެ. ނަފީސާގެ ރުއިމުގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ. ރާޝިދު ނަފީސާއަށް ކުރަމުންދިޔަ އަނިޔާއަށް ކެއްނުކުރެވިގެން ނަފީސާ ދިޔައީ ސަލާމަތަށް އެދި ރޮއެ އާދޭސްކުރަމުންނެވެ. ރާޝިދު ނަފީސާއަށް އަނިޔާކުރުން ކުރިއަށް ގެންދިޔައެވެ. އެ އަޑު މީހަކަށް އިވިދާނެތީވެ ރާޝިދު ގޮސް ގޭ ދޮރުގައި މަކުޑި އަޅުވަންދިޔަ ހިނދު ކުއްލިއަކަށް ވަރަށް ބާރަށް މީހަކު އޭނަ ގައިގައި އެއްޗަކުންޖެހި އަޑު ނަފީސާއަށް އިވުނެވެ. ލިބުނު ކުއްލި ސިހުމާއެކު ނަފީސާ ދޮރާއި ދިމާލަށް އެނބުރި ބަލާލިއިރު ކަތިވަޅިއެއްހިފައިގެން ދޮރުމަތީގައި ހުއްޓާ ފެނުނީ ބަކުރެވެ. ނަފީސާއަށް ދެން ފެނުނީ ރާޝިދުގެ އަތުން ހޯސްލާފައި ފައިބަންފެށި ލޭތަކެވެ. ގަންނާކުރެއްވި ބިރުން ނަފީސާ ހަޅޭއްލަވައިގަތެވެ. ބަކުރު އޭނަ އަތުގައި އޮތް ކަތިވަޅި އެއްލާލާފައި އައިސް ބިންމަތީގައި ވެއްޓިފައިއޮތް ނަފީސާ ގައިގައި ހިފުމަށްފަހު އޭނާ ނެގިއެވެ. ރާޝިދު އޭނާގެ އަތައް އަމާޒުވި ހަމަލާގެ ސަބަބުން އެނބުރުން އަރައިގަނެ، ކޮޅަކަށް ގުޑިލަން ނޭނގިފައި ދޮރުގެ ދާރައިގައި ހިފަހައްޓައިގެން ހުއްޓެވެ. ބަކުރުގޮސް ނަފީސާ ނެގުމާއެކު ރާޝިދު ބަކުރާ ދިމާލަށް ބަލާލާފައި ދެލޯ އަޅާލިއެވެ. އައިސްހުރި ރުޅިން ރާޝިދުގެ ލޭކެކި ދެލޯވެސް ހުރީ އަނގުރުއަލިފާން ކުލައިގައެވެ. ރާޝިދަކީ ލޭ ފެނުމުން ގޮތްވާ މީހެކެވެ. އަތުން ފައިބަމުންދިޔަ ލޭތައް ފެނި އެނބުރުން އަރައިގަތުމުގެ ސަބަބުން، ބަކުރު އޭނައަށް ދިން ހަމަލާގެ ބަދަލުގައި، ބަކުރަށް ހަމަލާއެއް ދޭން ދާނެހާ ހިތްވަރެއް ރާޝިދުގެ ހައްޓަކުނެތެވެ.
* * * *
"މިއީ ހާދަ ނިންދަވަންވެސް އުނދަގޫ ސޮރެކޭދޯ.." އާމިރު ގޮވައިގެން އުނދޯލީގައި އިންދެ ނާނާ ކިޔަމުންދިޔަ ދަލޭކައަށްވެސް އާމިރު ނިންދެވޭގޮތެއް ނުވިއެވެ. ކައިރީގައި އުނދޯލީގައި އޮށޯވެ ނިދަން އޮށޯވެ އޮތް ޤާސިމުވެސް އޮތީ ސައްތާރު ނައިސްގެން ތަންވިޔަރިވެފައެވެ. "މަންމާ… މިރޭ ބައްޕަ ހާދަ ލަސްވެއްޖޭ.. އެހެންޏާ އިރުއޮއްސޭ އިރު ގެއަށް އާދެ އެންނު"..
ޤާސިމަކީ ސައްތާރާއި ނުހަނު ދޯޅު ކުއްޖެއްކަމުން، ސައްތާރު ނެތުމުން އެކަމުގެ ޝަކުވާ ޤާސިމްކުރުމުން ބަދަލުގައި ދޭނެ ޖަވާބެއް ދަލޭކަގެ ސިކުނޑިއަކަށްވެސް ނައެވެ. އަނެއްކާ ކޮބައިބާވައެވެ. ފަތިހު މަހަށް ދިޔަގޮތަށް އަދިވެސް ރަށަށް ނާންނަނީބާއެވެ. ނޫނީ ރަށަށް އައިސް އެހެން ގެއަކު މަސައްކަތެއް ކުރުމުގައި އަވަދިނެތި އުޅެނީ ބާވައެވެ. ހުސްވެސް ސުވާލެވެ. އެއްވެސް ސުވާލަކަށް ޖަވާބެއް ނެތެވެ. ނަފީސާވެސް ކޮބައިބާވައެވެ. އަދިވެސް އޭނަވެސް ގެއަށް ނުދަނީ ބާވައެވެ. ގެއަށްދިޔަނަމަ މިހާރު އާމިރު ނުފެނިގެން ހޯދާނެތާއެވެ. އަނެއްކާވެސް ސުވާލެކެވެ. ދަލޭކަގެ ސިކުނޑީގައި ފުނިޖެހެމުންދިޔަ ސުވާލުތަކާއި މެދު ފުންކޮށް ވިސްނާލުމަށްފަހު ދަލޭކަ އުނދޯލި ހެއްލަމުންދިޔައީ އުނދޯލީގައި ނިދަން ބައިތިއްބާފައިތިބި ދެކުދީން ނިދާނެކަމުގެ އުންމީދުގައެވެ.
އެވަގުތު މެދުގޭގައި ފާތުމައާއި އާދަނުގެ އިތުރުން ހަލީމަވެސް ތިއްބެވެ. ހަލީމަ ފުންޑައިގެން އައި ބޭސްގަނޑު އާދަނު ފައިގައި އެޅުމަށް ތައްޔާރުވަމުންދިޔަ އިރު، އާދަނުގެ ފައިގައި ކުރީގައި އަޅާފައިއޮތް ބޭސްގަނޑު ނެގުމުގެ މަސައްކަތްކުރަމުންދިޔައީ ފާތުމައެވެ. "އާދަނާ… ތިޔަ ބޭސްގަނޑުން އެއްވެސް ރާހަތެއްކުރާކަމުގެ އިހުސާސް ކުރެވޭތަ.. މި ބޭހަކީ އެހެންމީހުންނަށް ވަރަށް ރަނގަޅަށް މަސައްކަތްކުރި ބޭހެއް… ހިއްތަލަ އަވަށު އައިމިނަވެސް އެއީ ކުރިން ކޮރާ ޖަހައިގެން ވަރަށް ހާލުގައި އުޅުން މީހެއް. އެކަމަކު ދެތިން މަސްވަންދެން ގަވާއިދުން މި ބޭސް އެޅީމަ އޭނަގެ ހާލަތުވެސް ވަރަށް ރަނގަޅުވި. މިހާރު ތެދުވި އުޅެވޭކަމަށް ބުނީ.." ހަލީމަ އޭނާގެ ބޭސްވެރިކަމުގެ ތަޖުރިބާއެއް ހިއްސާކޮށްލިއެވެ.
"އާނ… ފުދޭވަރަކަށް ފަސޭހަވޭ.. އެކަމަކު ދަންވެއްޖީޔާ އެހެރަވާ ތަދެއްގެ ވާހަކަ ނުދެއްކީޔާ ރަނގަޅުވާނީ.. މީހަ ހީވަނީ ހޭބަލިވެދާނެހެން. އަހަރެން މިހެން މިއުޅެނީ ހަމަހިތްވަރަށް. އެހެންމީހަކު ނަމަ އޮންނާނީ ނުވެސް ތެދުވެ.. ހިރިނުލެވިފަ…" އާދަނު އޭނާ ތަޙައްމަލްކުރަމުންދާ ވޭން ހަލީމައަށް ބަޔާންކުރެވޭތޯ މަސައްކަތްކުރިއެވެ.
"އާން…. އެއީ ތެދެއް. ރޭގަވެސް މީހަ ހަމަ ތެޅިފޮޅުނީ… ރިއްސާވަރުން… އާދަނު އުޅުނީ ވަރަށް ހާލުގަ. ބައެއްފަހަރު އާދަނު އުޅޭ ހާލަތު ފެނިފަ މަގޭ ލަނގޮޑިއަށްވެސް ކެތެއްނުވޭ…" އާދަނުގެ ބަލިހާލަތު ހަނދުމަވެ ފާތުމަ ހިތުގައި ޖެހުނެވެ.
"ހާސްނުވޭ އާދަނާ… އިރާދަކުރެއްވީޔާ މާތް ﷲ އާދަނަށް ވަރަށް އަވަސް ޝިފާއެއް މިންވަރުކުރަށްވާނެ.. މަށަށް ވީވަރެއް މަގޭ ކޮށްދޭނަން…" ހަލީމަ އޯގާތެރިކަމާއެކު ދެއްކި ވާހަކަ އަޑުއަހާފައި ފާތުމަގެ ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.
** ނުނިމޭ **
— ވާހަކައިގެ ކުރިއަށް އޮތްބައި ވަރަށް އަވަހަށް ހިއްސާކޮށްލަދޭނަން. އިން ޝާ ﷲ —
އެންމެ ފަހުގެ އެޕިސޯޑް ވިދާޅުވުމަށް: