ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރަން ނޭނގޭ ކަމަށާއި، އެހެންކަމުން ދެވަނަ ދައުރަަކަށް އެމަނިކުފާނު ހޮވަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
"ފެންނަމުން ދަނީ ރައްޔިތުން ނިކަމެތި ވަމުންދާ ތަން. ކަންކަން ހައްލުވަމުންދާ ތަނެއް ފެނިގެން ނުދޭ."
ސެމްބެ ވިދާޅުވިއެވެ.
މީގެން (ސެޕްޓެންބަރު 9 ގައި ނެގޭ ވޯޓް) ރައްޔިތުންނަށް ނިންމާލެވެނީ ރައްޔިތުންގެ މުސްތަގުބަލު ކަމަށާއި، ދަރިންގެ މުސްތަގުބަލާއި، ގައުމުގެ ހާލަތާއި ގުޅޭގޮތުން ނިންމާ ނިންމުން ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.
"އެހެން ބަލައިލާއިރު ރާއްޖެއަށް މިއިން ދުވަހަކުވެސް ނުގެންނަ ވަރުގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ގެނެސްދެއްވާ، ރާއްޖޭގެ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދެއްވާ، ރާއްޖޭގެ ޖީބަށް މިހާރު ތިވާ އުނދަގޫތައް އެއިރު ނުވޭ، ފަސޭހަކަމާއި އެކީގައި އަނބިދަރިން ގޮވައިގެން އުޅެވޭނެ ލީޑަރު މިއަދު އޮތީ ޖަލުގައި، ބައެއްގެ އަނިޔާވެރި ކަމާއި އެކީގައި.".
ސެމްބެ ވިދާޅުވީ، އެމަނިކުފާނު ޖަލުގައި އޮންނެވީ ބަޔަކު މީހުން ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލް ކުރުމަށް ފަސޭހަ ވެދާނެތީ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން މި ކުރާ އުއްމިދަކީ ރައީސް ޔާމީން 9 ސެޕްޓެމްބަރުގައި މިނިވަން ކުރަން ކުރާ މަސައްކަތް، އަދި އެއާއެއްކޮށް މި ރާއްޖެ، އެމަނިކުފާނުގެ ވިސްނުންފުޅާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ނަގާ ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތް އެކަމަށްޓަކައި އަޅުގަނޑުމެންގެ ލީޑަރަކަށް ރައީސް ޔާމީން ދައްކަވާފައި ވަނީ ޑރ، މުއިއްޒު."
ސެމްބެ ވިދާޅުވިއެވެ.
ސެމްބެ ވިދާޅުވީ، ޑރ. މުއިއްޒުގެ ސާބިތުކަން ފެންނަމުންދާ ކަމަށާއި، ރައީސް ޔާމީންގެ ފަސް އަހަރުގައި ހިދުމަތް ކުރެއްވިއިރު، އުމްރާނީ ތަރައްގީގައި އެންމެ ވަރުގަދަ މޭސްތިރިޔާއަކީ ރައީސް ޔާމީން އަރިހުގައި ޑރ. މުއިއްޒު ކަމަށެވެ.
އޭނާ ވަނީ، މިދިޔަ ފަސް އަހަރުގައި ރައްޔިތުން ތިބި ގޮތަށް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް، އެ ހިޔާލު ތަފާތުވުންތައް އެއްފަރާތް ކޮށްލެއްވުމަށްފަހު ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބަށް ވާސިލްވުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.
"އަޅުގަނޑުމެންނަށް އޮތީ އެ މަގު، އަޅުގަނޑުމެންގެ އަތުގައި އޮތް ބާރު ދޫކޮށްލަން ވާނީ ކަށަވަރުކަމާއި އެކީގައި، އެ ބާރު ލިބިއްޖެކަމުގައިވާނަމަ ކުރިއަށް އޮތް ފަސް އަހަރަކީ ﷲގެ ތަނަވަސް ރަހުމަތުން ތިޔާގި އުފާވެރި ދުވަސްތަކެއް ކަމުގައި ލައްވާނެ.". ސެމްބެ ވިދާޅުވިއެވެ.