ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމުގައި ބަހައްޓަން އިންޑިއާއިން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ. ހަންޏާމީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން، ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ތާއީދުކޮށް ގެނައި ވެރިކަންތަކާ ދެކޮޅަށް އަޑުއުފުލާ ތެދުވަންޖެހުނީ ޤައުމަށާއި ރައްޔިތުންނަށް ފާޅުގައި ޚިޔާނާތްތެރިވުމުންކަމަށާއި ރައީސް ޞާލިހުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުންވެސް ކަންކަން ކޮށްފައިވަނީ މިގޮތަށް ކަމަށެވެ.

މިސަރުކާރަށް ރައްޔިތުން މަޖިލީހުގެ ސްޕަމެޖޯރިޓީ އޮތްއިރު ރާވައިގެން މަޖިލިސް މަރުތަޅުވާގެން ތިބި ކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގައިވެސް ސަރުކާރުގެ އިޚުލާސްތެރިކަމެއްނެތް ކަމަށް ޤާސިމު ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލީ ޤައުމު ވެއްޓެމުންދާ ފުންވަޅުގަނޑުން ސަލާމަތްކޮށްދިނުމަށްކަމަށާއި ޚިޔާނާތްތެރި ވެރިންގެ އަތްދަށުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް ކަމަށެވެ.

"މިއަދު ރައްޔިތުންގެ މަޖިލިސްވެސް އެއޮތީ ޑެޑްލޮކެއްގަ. ސަރުކާރުގަ އެބައޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ. ސުޕަރ މެޖޯރިޓީ. އޮތްއިރު މިމީހުން ހަމަ ކަނޑައެޅިގެން ރާވައިގެން އެނގިހުރެ ރައްޔިތުންގެ މަޖިލިސް ހުއްޓުވާލުމަށްޓަކައި އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސްއަށް ނޯ ކޮންފިޑެންސް ވޯޓް ލައިގެން މިތިބީ. ހަމަ ކަނޑައެޅިގެން އެކަންކުރިޔަށްދިޔަ ނުދެންވެގެން، މަޖިލީހުގެ ޖަލްސާތައް ކުރިޔަށްދިޔަ ނުދޭންވެގެން ނޫނޭ ބުނާނެ އެއްވެސް ސަބަބެއް ބެތް. އެއީ އެކަން ކުރަން ހަގީގަތުގައި ބޭނުންވާނަމަ، ކުރާނެކަމެއް ނޫން އެކުރީކީ. މީގަވެސް ސިއްރެއް އޮންނާނެތާދޯ. އެސިއްރު ދެން އެނގޭނެތާ މިކަން ނިމޭއިރު."

ޤާސިމް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި އިންތިޚާބުގައި ރައްޔިތުން ވޯޓުލާއިރު، ވިސްނަންވީ އިންތިހާބުގައި ކުރިމަތިލައްވާފައި ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން އެންމެ ކަމަށް ޤބިލް، ތަޖުރިބާހުރި، އެކަށީގެންވާ މީހަކަށް ވޯޓުލުމަށްކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެެވެ. އެކަންކަން ބަލާނީ މާޒީގައި އެމީހަކު ކަންކަން ކޮށްފައިވާ ގޮތްތަކުންކަމަށްވެސް އެމަނިކުފާނު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.