Tuesday, 18 June 2024

އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕުކޮށް ނިންމައި ޕެކް ކުރަންފަށައިފި

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ، ވޯޓު ކަރުދާސް ޗާޕުކޮށް ނިންމައި ޕެކް ކުރަން ފަށައިފިއެވެ.

އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕުކޮށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ވޯޓު ކަރުދާސްތައް ޗެކް ކުރެއްވުމުގެ މަސައްކަތްކުރައްވަމުންނެވެ. ފޮށިތަކަށް ކަނޑައެޅިފައިވާ އަދަދަށް ވޯޓު ކަރުދާސް ޕެކް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޤާނޫނުގައިވާ ގޮތުން، ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ. އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ވޯޓު ކަރުދާހުގެ މަސައްކަތާއެކު ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ރަށްރަށަށް ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު