އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރައްވަން ދެއްވި މުއްދަތު މިރެއަށް ހަމަވުމުން ލިސްޓުގައި ސޮއިކުރައްވަން އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ލިސްޓުގައި ސޮއިކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެކަމަށެވެ.
ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއިކުރައްވަން ވަޑައިނުގެންނެވޭނަމަ، ކެންޑިޑޭޓެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން އެކެންޑިޑޭޓެއްގެ ފަރާތުން ހުށަހަޅުއްވާ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދެއްވާނެކަމަށް ހަބީބް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. ވޯޓާސް ލިސްޓަށް ދެން ބަދަލު ނުގެނެވޭނެކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގެންނެވި 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންނެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ.