ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދުއަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ރަށެއްގައި މީހުން ދިރިއުޅޭ އާބާދީ 8،000 އަށް އެރީމަ، ސިޓީއެއްގެ ދަރަޖަ އެ ރަށަކަށް ލިބެން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަމަށް ވިދާޅުވެ، ބިން ހިއްކުމާއި ހައުސިން މަޝްރޫއު އާއި މަގު ހެދުމާއި އިސްލާމީ މަރުކަޒު ފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ތިނަދޫގެ ތަރައްގީ އަށްޓަކައި ކުރަން ޖެހޭ ކަންކަމުގައި އޭނާ އަށް އިތުބާރު ކުރައްވައި ފުރުސަތު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، ތިނަދޫގައި އިންފްރާސްޓްރަކްޗާގެ ގޮތުން ބެލި ކަމުގައި ވިޔަސް، ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އުމްރާނީ ގޮތުން ތަރައްގީވެފައި އޮތް ނަމަ، އާބާދީ 10،000 އަށް ނޭރި ނަމަވެސް، ސިޓީއެއްގެ ލަގަބު ދޭން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ތިނަދޫއަކީ ސިޓީއަކަށް އިރާދަކުރެއްވިއްޔާ ހަދައި ދޭނަން، އަޅުގަނޑު ގަބޫލު ކުރަނީ 8،000 މީހުން ހަމަވާ ނަމަ، ސިޓީއެއްގެ ލަގަބް ދޭން ވާނެ ކަމަށް."
މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީއަކަށްވުމުން، އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި، މަސްވެރިކަމާއި ފަތުރުވެރިކަމާއި އެހެނިހެން ދާއިރާތަކަށް ބެލި ކަމުގައި ވިޔަސް، ތިނަދޫ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ގދ. އަތޮޅަށް 10،000 އެނދު އިތުރު ކުރުމަކީ އަމާޒެއް ކަމަށާއި، އެ އަތޮޅު ޓޫރިޒަމްގެ ހަބަކަށް ބަދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ތިނަދުއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ސިއްހީ ނިޒާމު ރަނގަޅު ކުރުމާއި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމާއި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުން ހިމެނެއެވެ.