ޤައުމީ ތަރައްޤީގެ ޤާނޫނާއި އޭގެ ދަށުން އެކުލަވާލެވޭ ޤައުމީ ތަރައްޤީގެ ޕްލޭނާއި އަދި ނެޝަނަލް ސްޕޭޝަލް ޕްލޭނުގައި ކަނޑައެޅޭ ހަމަތަކުގެ ތެރެއިން މާލެ އަތޮޅު ހިންމަފުށި، ހުރާ، އަދި ތުލުސްދޫ ގްރޭޓާ މާލެ އޭރިއާގައި ހިމަނާ، ބޯހިޔާވަހިކަމުގެ މަޝްރޫތައް އެ ސަރަހައްދުތަކުގައިވެސް ހިންގަށް އިލްޔާސްގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މި ވަޢުދު ހިމަނާފައިވަނީ، މެނިފެސްޓޯގެ "ގްރޭޓާ މާލެ އޭރިއާގެ ތަސައްވަރު – ވެށިފަހި މާލެ" ގެ ދަށުންނެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ބައިކުޅަބައި ވަޒަންވެރިވެ ދިރިއުޅޭ ގްރޭޓާ މާލެ އޭރިއާއަށް އިލްޔާސް ލަބީބު ކުރާ ތަސައްވަރުގެ މައިގަނޑު އަސާސްތަކަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، މާލޭގައި ދިރިއުޅޭ ހަމަކޮންމެ މީހަކަށް ހިތްފަހި ހާސްކަމެއްނެތް ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށް، މި ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކާރޫބާރޫ ބޮޑުކަމާއި އަދި ރަށްވެހި ހިދުމަތްތަކުގެ އުނދަގޫތައް ފިލުވާ، މި މައްސަލަތަކަށް އެކަށޭނަ ހައްލެއް ކުރު މުއްދަތެއްގައި – އިލްޔާސް ލަބީބުގެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ގެނެސް ނިންމުމަކަށް ޑިމޮކްރެޓުސްއިން ހާމަކުރައްވާފައިވެއެެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބަލާއިރު 16،193 (ސޯޅަހާސް އެއްސަތޭކަ ނުވަދިހަ ތިނެއް) އާއިލާ މިހާރުވެސް ދިރިއުޅެމުން އަންނަނީ އެވްރެޖް 600 (ހަސަތޭކަ) އަކަ ފޫޓަށް ވުރެ ކުޑަ 1 (އެކެއް) އަދި 2 (ދޭއް) ކޮޓަރި ތަންތަން ކޮޅުގައި ކަމަށް އެޕާޓީން ވިދާޅުވެއެވެ.
މާލެ ސަރަހައްދުން ގޯތި ލިބޭ ލިސްޓް، ގުޅިފަޅާއި ގިރާވަރުފަޅާއި އަދި ހުޅުމާލެއިން ދޭނެ ކަމަށް ބުނާ ގޯތިތަކާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އާންމު ކުރިއިރު، މިހާރަށް އާބާދު ވެވެން އޮތީ ހަމައެކަނި ހުޅުމާލޭގައި ކަމަށާއި، މިއީ މި ލިސްޓުގައި އޮތް ބޯހިޔާވަހިކަން ހައްގުވާ 9،000 (ނުވަހާސް) އެތައް އާއިލާއެއްގެ ތެރެއިން %15 އަށް ވުރެވެސް ކުޑަ އަދަދެއް ކަމަށާއި ބާކީ އެންމެނަށް ގޯތި ލިބޭކަމަށް އިއުލާނުކޮށްފައިވާ ގުޅީފަޅާއި އަދި ގިރާވަރުފަޅު އެންމެ ކުޑަމިނުން ހިއްކާވެސް ނުނިމެކަމަށް ކަމަށް ފާހަގަކުރައްވަމުން، އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އަމުދުން ނުވެސް ފެށޭ ކަމަށް އެ ޕާޓީން ވިދާޅުވެއެެވެ.
ގުޅީފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދު ހިއްކުމަށް 2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަވާނެކަމަށް އަންދާޒާކުރެވޭ އިރު، ގިރާވަރުފަޅު ހިއްކުމަށް އިތުރު 800 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭއިރު، އަދި މިތަންތަނުގެ މަގުތަކާއި ޔުޓިލިޓީ ގްރިޑާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް އިތުރު 2 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ޑިމޮކްރެޓުން އަންދާޒާކުރެއެވެ.
ހުޅުމާލެ މަޝްރޫއިން ފެންނާން އޮތީ ބިންހިއްކާ، ތޮށިޖަހާ، ހޮޅި ވަޅުލާ، މަގު ހަދާ އަދި ދިރިއުޅެން ފަށަން ބޭނުންވާނެ އެހެނިހެން އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރަން، ބިން ހިއްކަން ނަގާ މުއްދަތުގެ އިތުރުން ރަނގަޅު ދިހަފަނަރު އަހަރު ހޭދަވާނެ ކަމަށް ފާހަގަކުރައްވަމުން، މި މުއްދަތުގައި މި ލިސްޓުން ގިނަ ބަޔަކު މީހުންނާ އިނދެ، ދަރިން ހޯދާ، ބޯ ގިނަވެ، އާއިލާތައް ބޮޑުވެ، ތޮއްޖެހުން އިތުރުވެ، ނިކަމެތިވަމުން ދާނެކަމީ ހަޤީޤަތެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
އިލްޔާސް ލަބީބު ޤަބޫލުކުރައްވާ ގޮތުގައި މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން އިތުރު ދިހަފަނަރަ އަހަރު މަޑުކުރެވޭ ކަށް ނެތެެވެ. މިއީ މިހާރުން މިހާރަށް ފުރިހަމަ ކޮށްދޭންޖެހޭ ޒަރޫރީ ކަމެއްކަމަށް ޑިމޮކްރެޓުން ވިދާޅުވެއެވެ.
މީގެއިތުރުން އިލްޔާސްގެ މެނިފެސްޓޯގައި، މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ތިރީގައިވާ ވަޢުދުތައް ހިމަނާފައިވެއެވެ.
- އިލްޔާސް ލަބީބުގެ ސަރުކާރުގެ 5 (ފަހެއް) އަހަރުތެރޭ މާލޭގެ 25،000 (ފަންސަވީސް ހާސް) އަށްވުރެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން.
- މާލެއިން ބޭރަށް ބަދަލުވާން އެދޭ މީހުންނަށް، ބޯހިޔާވަހިކަމާއި އަދި ސެޓްލްމަންޓް އެލަވަންސް ފޯރުކޮށްދިނުން.
- ވިލިމާލެއިން ބިން ލިބި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން 6 ބުރިއަށް ވުރެ މައްޗަށް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލެއަށް ބަދަލުވުމުގެ ފުރުސަތު ދިނުން.
- މާލޭގެ އެންމެ ތޮއްޖެހި ކޮއްލަވާނިވެފައިވާ ކޮށިތަކުގައި ހުރި ގޯތިގެދޮރަށް އެއްބަސްވެވޭ އަދުލުވެރި ބަދަލެއް ދިނުމަށްފަހު، އެ ގޭގޭގެ އަހުލުވެރިންނަށް ގޯތި ނުވަތަ ކޮންޑޮމީނިއަމް ޔުނިޓެއް ފޯރުކޮށްދިނުން.
މި ސިޔާސަތުގެ ބޭނުމަކީ އެކޮށިތަކުގައި، ކޮންކްރީޓު ގޮޅިތަކަކަށް ދިރިއުޅުން މެހިފައި ތިބި ރައްޔިތުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. މާލޭގެ ތޮއްޖެހި ފުރިބާރުވެފައިވާ ކޮށިތައް ހުސްކުރުމެވެ. ހާސްކަމާ ނުތަނަވަސްކަމުން އަރައިގަތުން ކަމަށް އެ ޕާޓީން ހާމަކުރައްވައެވެ.