Saturday, 22 June 2024

މުޢިއްޒުގެ މެނިފެސްޓޯ: އެމޭޒަން، އީބޭގައި އޮންލައިން ވިޔަފާރި ކުރެވޭގޮތް ހަދައިދެނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި، ޒުވާނުންނަށް ކޮށްދޭން ވަޢުދުވެފައިވާ ކަންތައްތަކުގެ ތެރޭގައި، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތައް ކަމުގައިވާ އެމޭޒަން، އީބޭ، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދޭން ހިމަނައިފިއެވެ.

އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕެލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ހަމަޖައްސައިދިނުމަށް ނިންމާފައިވާއިރު، ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ތަނަވަސްކޮށް ދިނުމުގެގޮތުން، ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް ވަނީ ވަަޢުދުވެފައެވެ.

މީގެއިތުރުން، ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހީންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ބިދޭސީން ދިވެހި ޒުވާނުންނާ ވާދަކުރުމުގެ ފުރުޞަތު ބަންދުކުރުމަށް ވަނީ ހިމަނާފައެވެ.

ހަމައެހެންމެ، ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭނެ މިންވަރަށް، 5 އަހަރުގެ ތެރޭގައި، ވަޒީފާގެ ބާޒާރު ފުޅާކުރުމާއި، ފެޝަން ޑިޒައިނިންގ، ކެއްކުން، އެނިމޭޝަން، އެކްޓިންގ އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި މިއުޒިކް ފަދަ ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ނަންހިނގާ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ޤާއިމުކުރުމަށްވެސް ވަނީ ޒުވާނުންގެ މެނިފެސްޓޯގައި ހިމަނާފައެވެ.

ޒުވާނުންނަށް ކޮށްދޭން ވަޢުދުވެފައިވާ ކަންތައްތަކުގެ ތެރޭގައި، މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް، ޢާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގ އަދި ރެކޯޑިންގ ސްޓޫޑިއޯތަކެއް ޤާއިމުކުރުން ހިމަނައި، ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދުމަތްލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކުރުމާ، ޚިދުމަތް ހޯދަންއެދޭ ފަރާތްތަކަށް ވެއިޓިންގލިސްޓެއްގައި މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާ، އަދި ސައިކޮލަޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އަދި، ޒުވާނުންނަށް ކޮށްދޭން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި:

 • ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢުލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރުން.
 • ނިމެމުންމިދާ ރިޔާސީ ދައުރުގައި ވެފައިވާ ރިޔާސީ ވައުދާއި ޚިލާފަށް، ރައްޔިތުންގެ އެއްގަމު އުޅަނދުފަހަރުގައި ޕާކިންގ ސްޓިކަރ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުން.
 • މާތްވެގެންވާ އިސްލާމްދީނާއި، ޤައުމިއްޔަތާ، ދިވެހިރާއްޖޭގެ ތާރީޚާ، ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް، ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމެނުން.
 • ކައުންސެލިންގ، ސޯޝަލް ތެރަޕީ، ހިލޭ ސާބަހަށް މަސައްކަތްކުރުން އަދި ސޯޝިއޮލޮޖީގެ ފަންނުތައް ފަދަ ޤައުމީ ތަރައްޤީއަށް މުހިންމު އިޖުތިމާޢީ ދާއިރާތައް ދެނެގަނެ، އާ ޖީލުތަކުގެ ޒުވާނުން އެދާއިރާތަކުން ކުރިއަށް ދިއުމަށް ބާރުއެޅުމަށްޓަކައި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުން.
 • ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ އާ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމުކުރުން.
 • ގޫގުލް، މައިކްރޯސޮފްޓް، އެމޭޒަން، އައި.ބީ.އެމް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސްޓޮކޮސް ރާއްޖޭގައި ތިބެގެން ދިވެހީންނަށް ގަނެ ވިއްކޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން، ފޮރެކްސް ޓްރޭޑިންގް އާއި ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހީންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން.
 • ޞިއްޙީ ދާއިރާގެ ސިޔާސަތުތަކުގެ ތެރެއިން ދަރިމައިވުމުގެ ޞިއްޙަތާއި ގުޅުންހުރި މައްސަލަތަކަށާއި ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާދޭނެ ޒަމާނީ ފެންވަރުގެ ޚާއްޞަ ކްލިނިކްތަކެއް ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުން.
 • އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން.
 • ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމުކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ރޫޙު ޒުވާން ޖީލުތަކުގައި އަށަގެންނެވުން.
 • ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރުން.
 • ކޮޕީރައިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި އެޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ތެރެއިން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުން.
 • ތިން މަސް ދުވަހުގެ ސިފައިންގެ ކެޑޭޓް ތަމްރީން ޕްރޮގްރާމްތަކެއް، ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލެވިގެން، މެދުނުކެނޑި ކުރިއަށް ގެންގޮސް، ރިވެތި އަދި ހަރުދަނާ އިޖްތިމާއި އާދަތަކަކާއި ދިރިއުޅުމަށް މުހިންމު އިތުރު ހުނަރުތައް ލިބިފައިވާ މުރާލި، އަޚްލާޤް ރަނގަޅު އަދި ދުޅަހެޔޮ ޒުވާން ޖީލުތަކެއް ބިނާކުރުމަށް ބާރުއެޅުން.
 • ކުޅިވަރާއި ކަސްރަތުގެ ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށްޓަކައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތަޢުލީމު ޙާޞިލުކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ތަނަވަސް ކުރުން.
 • ޤައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތުލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުކަށްޓަކައި، ޚާއްޞަ އިންސެންޓިވްސް ސްކީމެއް ތަޢާރަފުކުރުން.
 • ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި، ޤާއިމުކުރުން.
 • ޒުވާނުން އިސްކަންދޭ ވަކިވަކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފާ އެރުވުމަށް އަދި އެ ކަންކަމާ ގުޅިގެން ޒުވާނުންގެ ޚިޔާލު ހޯދާ، ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ޒުވާނުންގެ އުންމީދުތައް ހިމެނުމަށްޓަކައި އެކުލަވާލެވޭ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ގެ ގިންތިއެއް ތަޢާރަފުކުރުން.
 • މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހީންނަށް ލިބެމުންދާ ގެއްލުންތައް ދިރާސާކޮށް، ދެނެގަނެ، ބައިނަލްއަޤްވާމީ މުޖްތަމައުގައި އެކަމާމެދު އަޑުއުފުލުމަށް އިތުރު ހިތްވަރެއްގެގޮތުގައި، ދިވެހި ޒުވާނުން މިދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަން ފުރުޞަތު ހޯދައިދިނުން.
 • މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ބޮޑު ކުޑަކުދީންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެފަދަ ކުދީންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މުޖުތަމައުގައި ޤާނޫނަށް ބޯލަބައި ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ޤައުމީ ވިއުގައެއް ޤާއިމުކުރުން.
 • ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަކުދީންނާއި ޒުވާނުން މުޖުތަމައުއަށް އަބުރާ އަހުލުވެރި ކުރުމަށްޓަކައި، ބޮޑެތި ޖަލުހުކުމްތަކާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖުތިމާޢީ ޚިދުމަތުގެ ޚާއްޞަ ވެއްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމުތަކެއް ޤާއިމުކުރުން.
 • ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި އަންހެނުންނަށް ޚާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
 • ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ޢާއިލާތަކަށް ޚާއްޞަ ކުރެވިގެން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ދެވޭނެ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފުކުރުން.
 • ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާރސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކުރުން.
 • ދިވެހި ފޮރިން ސާރވިސްގައި ހަރަކާތްތެރިވާ ޒުވާން ޑިޕްލޮމެޓުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން.
 • އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައަށްވުރެ އިތުރުނުވާ އިންޓްރެސްޓް ރޭޓެއްގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުން.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު