އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލާން ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕުކޮށް، އަތޮޅުތަކަށް ފޮނުވަން ޖެހޭ ކަރުދާސްތައް ޕެކް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާހާއި އިތުރު ސާމާނުތައް ސަލާމަތާއި ރައްކާތެރިކަމާއެކު ރަށްރަށަށް ފޮނުވާނީ ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެންމެ ފުރަތަމަ މާދަމާ ފަށާނީ އުތުރުގެ އަތޮޅުތަކަށް ފޮނުވަން ޖެހޭ ތަކެތީގެ ތެރެއިން އަތޮޅު ކައުންސިލްތަކާއި ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލަށް ފޮނުވަން ޖެހޭ ތަކެތި ކަމަށް ހަބީބު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި، އަތޮޅުތަކަށް ސެކިޔުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެ.
މިގޮތުން، އުތުރުގެ އަތޮޅުތަކަށް މާދަމާ (2023 އޮގަސްޓު 29 ގައި) އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި،…— Ismail Habeeb (@IsmailHabeeb) August 28, 2023
އަދި އަންނަ އަންގާރަ ދުވަހު ދެކުނު އަތޮޅުތަކުގެ ކައުންސިލަށާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ކައުންސިލަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވާނެ ކަމަށާއި، ރަށު ކައުންސިލްތަކަށް ފޮނުވަން ޖެހޭ އިންތިހާބާ ގުޅޭ ސާމާނުތައް ފޮނުވާނީ އަންނަ ބުދަ ދުވަހު ކަމަށް ހަބީބު ކުރެއްވި ޓްވީޓުގައިވެއެެވެ.
ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން އިލެކްޝަންސް އިން ވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ. އެހެންކަމުން މި އަހަރުގެ އިންތިހާބަށް ގާތްގަނޑަކަށް 282،395 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާނެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9 ގައި އޮންނަ އިރު، ވަނަ ބުރަކަށްދާ ނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.