Thursday, 12 September 2024

ރައްޔިތުންގެ މަޖިލިސް އިޞްލާޙު ކުރަން ފާރިސް ވިސްނަވާ ގޮތަކީ ކޮބާ؟

ރައްޔިތުންގެ މަޖިލިސް އިޞްލާޙު ކުރަން، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫނަކީ ރައްޔިތުންގެ މަޖިލިސް އިޞްލާޙްކުރުމަށް މީގެ ކުރިންވެސް ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން، ފާރިސްއަށް ވެރިކަން ލިބިވަޑައިގެންފިނަަމަ، ރައްޔިތުންގެ މަޖިލިސް އިޞްލާޙްކުރުމަށް މުހިއްމު ކަންތައްތަކެއް ވަނީ، ފާރިސްގެ މެނިފެސްޓޯގައި އެކަށައަޅާފައެވެ.

ފުރަތަމަ ކަމަކަށް، ރައްޔިތުންގެ މަޖިލިސް ނުވަތަ ޤާނޫނު ހަދާ މަޖިލީހަކީ މަތިގެ (އަޕަރހައުސް) އަކާއި ތިރިގެ (ލޯވަރހައުސް) އަކާ ހިމެނޭ މުއައްސަސާއަކަށް ހެދުމަށް ފާރިސްގެ މެނިފެސްޓޯގައިވަނީ ހިމަނާފައެވެ.

މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ކޯޓާ އެއް (ޙާއްޞަ ގޮނޑިތަކެއް) ކަނޑައެޅުމަށް ހިމަނާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ފަންނީ މީހުން މަޖިލީހަށް ގެނައުމަށްޓަކައި، އެފަދަ މީހުންނަށް އެކަނި ކުރިމަތި ލެވޭނެ މުޅި ރާއްޖެއަށް ހުޅުވާ ލެވިފައިވާ (ނޭޝަނަލް ކޮންސްޓިޓުއަންސީ) ގޮނޑިތަކެއް ކަނޑައެޅުން ވަނީ މެނިފެސްޓޯގައި ހިމަނާފައެވެ.

ހަމައެހެންމެ، ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރުމަށްވެސް ފާރިސް ވަނީ ވަޢުދުވެފައެވެ.

ދައުލަތުން އިންތިޚާބަށް ކުރާ ހޭދާ ކުޑަކުރުމަށްޓަކައި، ފާރިސް ހުށަހަޅުއްވާ ކަންތައްތަކުގެ ތެރޭގައި:

  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި, ލޯކަލް ކައުންސިލުގެ އިންތިޚާބާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އެކީގައި ބާއްވާގޮތަށް ހަމަޖެއްސުމަށްވެސް މެނިފެސްޓޯގައި އިމަނާފައިވާއިރު، ކޮންމެ 5 އަހަރަކުން މުޅި މަޖިލީސް އިންތިޚާބު ކުރުމުގެ ބަދަލުގައި، ދައުރެއްގެ މެދުތެރެއިން މުޅި މަޖިލީހުގެ އަދަދުގެ ވަކި ނިސްބަތެއް އިންތިޚާބުކުރުން
  • މަޖިލީސް މެންބަރުންގެ މުސާރަ ކުޑަކޮށް, މެންބަރުންގެ މުސާރައަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖެއްސުން
  • ޖީ.ޑީ.ޕީ ނުވަތަ ދައުލަތުގެ ބަޖެޓްގެ ވަކި އިންސައްތައަކަށް ވުރެ މަޖިލީހުގެ ބަޖެޓު ބޮޑުނުކުރުން

މީގެއިތުރުން، ރައްޔިތުންގެ މަޖިލިސް އިޞްލާޙްކުރުމަށް ފާރިސް ނިންމަވާފައިވާ އިިތުރު ކަންތައްތަކެއް ހިމެނެއެވެ. އެއީ:

  • އިންތިޚާބީ ދާއިރާތައް ނުވަތަ ދާއިރާއެއް ބަދަލު ގެންނަންޖެހޭ ހާލަތެއްގައި އެކަންކުރާނެ އުޞޫލެއް ޤާނޫނުން ކަނޑައެޅުން
  • މަޖިލީހުގެ މެންބަރުންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހަމަޖެއްސުން
  • ދާއިރާގައި ދިރިއުޅޭ މީހެއް ފިޔަވައި އެ އިންތިޚާބީ ދާއިރާއަށް ކުރިމަތި ނުލެވޭނެ ގޮތް ހަދައި, ކޮންމެ މެންބަރެއް ދާއިރާގައި އަހަރަކު 30 ދުވަސް މަދުވެގެން ހޭދަކުރާގޮތް ހެދުން
  • މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތަކަށް ބަދަލު ގެންނައުން
  • ތަޢުލީމީ ވަކި ފެންވަރެއް ނުވަތަ ވަކިކަހަލަ ތަޖުރިބާއެއް ހުރުން
  • މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ ގޮތެއް ހަމަޖެއްސުން
  • ދާއިރާގެ ރައްޔިތުންގެ ވަކި ނިސްބަތަކުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅުންފަދަ އުޞޫލަކުން މެންބަރުން ރިކޯލް ކުރެވޭނެ ގޮތް ހަމަޖެއްސުން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު