Saturday, 12 October 2024

ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ބޭއްވިފައެއް ނުވެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީީފް ވިދާޅުވީ މިއަދު މަޖިލިހަށް ވަޑައިގެން ތިއްބެވީ 10 މެންބަރުން ކަމަށްވާތީ، ކޯރަމް ހަމަ ނުވާ ކަމަށް ވިދާޅުވިއެވެ.

ކޯރަމް ހަމަވޭތޯ ބަލާފައި ފަހުން 9:30 ގައި ޖަލްސާ ކުރިއަށް ގެންދަންވެސް ރިޔާސަތުން ނިންމެވިއެވެ.

ނަމަވެސް ފަހުން 9:30 ގައި އަފީފް ވިދާޅުވީ، މިއަދުގެ ޖަލްސާ ގެންދެވެން ނެތް ކަމަށެވެ. އަދި މިހާރު ވަޑައިގެން ތިއްބެވީ 9 މެންބަރުން ކަމަށް ފަހުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޯރަމް ހަމަވާނީ 22 މެމްބަރުން ތިބެގެންނެވެ. އިއްޔެ ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

މިއަދުގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ މެމްބަރުން ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދިޔަ އިރު މިދިޔަ ބުދަ ދުވަހު ބާއްވަން އޮތް ޖަލްސާ ވެސް ނުބާއްވައެވެ. އެއީ ކޮމިޓީތައް އެކުލަވާލަން ޕާޓީތަކަށް ވަގުތު ދިނުމަށް ކަމަށް ބުނެއެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22 ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދުވަހު ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގައި 57 މެންބަރުންނާއި ޑިމޮކްރެޓްސްގައި 13 މެންބަރުން، ޕީޕީއެމްގެ ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުންނާ އެކު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު