މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް، އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިން ހޯދައިފިއެވެ.
ރަފާއާއި މުންސިފް މިއަދު ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލުގައި މަޑަގަސްކަރައިގެ އެއް ނަންބަރު ޕެއާ ކަމަށްވާ ނެޓިވަލް ޖޮނަތަންއާއި ޑިމްބިމްމިހަރަލަނިޓްރާ ހަރޭނާ ކައިރިން 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓު ރަފާއާއި މުންސިފް 11-8 އިން ކާބިޔާބުކުރި އިރު، އަނެއް ދެ ސެޓު ގެންދިޔައީ 11-7 އަދި 11-5 އިން ނަތީޖާ ނެރެގެންނެވެ.
މިއަދުގެ މިކްސް ޑަބަލްސް އިވެންޓްގައި ރަފާއާއި މުންސިފް ފައިނަލަށް ދިޔައީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި މުހައްމަދު ޝައްފާން އިސްމާއިލް ބަލިކޮށްފައެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ރަފާއާއި މުންސިފް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއެއް ހޯދައިގެންނެވެ.
ބްރޯންޒް މެޑަލް މެޗަށް ނުކުމެ، މަޑަގަސްކަރައިގެ ރަންޑްރިއަންޓޮއާންޑްރޯ މެހްފާއާއި ރަހަރިޖާނޯ ސަންޓަރިނިއައައިނާ ސީދާ ތިން ސެޓުން ބަލިކުރިއެވެ. ދީމާއާއި ޝައްފާން ސެޓުތައް ގެންދިޔައީ 11-5، 11-8 އަދި 11-7 ގެ ނަތީޖާއެއް ހޯދައިގެންނެވެ.
މިއީ ޓީޓީގެ މިކްސް ޑަބަލްސް ބައިން ރާއްޖޭގެ ކުޅުންތެރިން ހޯދި ފުރަތަމަ މެޑަލްތަކެވެ.