Saturday, 22 June 2024

ޝައިޚް އިލްޔާސް ޖަމާލް ލަވަކިއުއްވަން ފައްޓަވައިފި

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް އިލްޔާސް ޖަމާލް ލަވަކިޔުއްވަން ފައްޓަވައިފިއެވެ.

ޝައިޚް އިލްޔާސަކީ މީގެ ކުރިން އިންތިޚާބުތަކާ ދިމާކޮށް، ދީނީ މަޢުޟޫޢުތަކަށް ވާހަކަ ދައްކަވާ، އެ ސަޕޯޓް ކުރައްވާ ކެންޑިޑޭޓަކަށް ރައްޔިތުންގެ ހިތްތައް އަނބުރާލައްވަން މަސައްކަތްކުރައްވާ ބޭފުޅެކެވެ.

އެހެންނަމަވެސް، މިފަހަރު މަންޒަރު ފެނިގެން މި ދިޔައީ ދިމާ އިދިކޮޅަށެވެ.

އޭނާ ލަވަކިޔުއްވާކަން އެނގިގެން ގޮސްފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ކެމްޕޭން ޖަލްސާއެއްގައި ލަވަ ކިޔުއްވަނިކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުންނެވެ.

އިލްޔާސް ވާހަކަ ފެއްޓެވީ، ޖަލްސާގެ ފޯރި ގަދަވީމައި އޭނާ ވެސް ޖަލްސާގައި "ފޯރި ގަދަކޮށްލާނަން" ކަމަށް ވިދާޅުވަމުންނެވެ. ދެން އޭނާ ވިދާޅުވީ "ޒަމާނަކުން އައި ޒަމާނެކޭ" ގެ ވާހަކަ ވަރަށް ދައްކާލާ ހިތްވެއްޖެކަމަށެވެ. އެއަށްފަހު، ރާއްޖެދުއް ރަންޒަމާނެއްގެ ވާހަކަ ކަމަށް ވިދާޅުވެ "ރާއްޖެދުއް ރަން ޒަމާނެކޭ" ވިދާޅުވެ އިލްޔާސް ލަވަ އެއް ވިދާޅުވާ މަންޒަރު ފެނެއެވެ.

މީގެއިތުރުން، ރާގަށް ވެސް ލަވައެއް ކިޔާލާނަން ކަމަށް ވިދާޅުވެ އިލްޔާސް ވަނީ "ކެޔޮޅު ކިތަންމެ މޮޅަސް، ފަޅުވެރިން ކަންނެތް ވީމާ، ސަމުގާ ކިތަންމެ މޮޅަސް، ފަޅުވެރިން ހޭނުމެލިއްޔާ، މަރުދާދި ކުޑަތަންވިޔަސް، ފަރުހޯދި އަރާހަމަވީމާ،" ލަވަ ވިދާޅުވާ މަންޒަރު ފެނެއެވެ.

ޕޯޑިއަމް މަތީގައި ހުރި މައިކް ނަންގަވައިގެން ފާޑަކަށް ނަށަމުން "އިބޫ ޞާލިހް ނޫން ވެރިޔަކު ނެތް" ކަމަށް ވިދާޅުވެ ލަވައެއްގެ ރާގަށް ލަވަ ވިދާޅުވާ މަންޒަރުވެސް ވީޑިއޯއިން ފެނިގެން ގޮސްފައިވެއެވެ

އޭނާ ލަވަކިޔާފައިވާ ވީޑިއޯ އާއްމުވުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ. ބައެއް މީހުން ބުނި ގޮތުގައި އިލްޔާސް މެން މިހެން އުޅުމުން ގެއްލެނީ ދީނީ އިލްމުވެރިންގެ އަގު ކަމަށާއި، ދީނީ ޢިލްމުވެރިއަކަށްވެހުރެ އެފަދަ ޢަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބައެއް މީހުން ވަނީ ޢަބްދުﷲ ޖާބިރާއި، މޭނާ ހައްސާން މެންގެ ފެންވަރަށް އިލްޔާސް ވެއްޓެނީ ކީއްވެތޯ ވެސް ސުވާލުކޮށް، ހިތްހަމަ ނުޖެހިގެން ފާޑު ކިޔާފައެވެ.

އޭނާ އަކީ ދީނީ ޢިލްމުވެރިޔަކަށްވެހުރެ، އަދި ދީނީ ޢިލްމުވެރިން ލަވައާއި މިއުޒިކަކީ ޙަރާމް އެއްޗެއްކަމަށް ވިދާޅުވަމުންދާއިރު، ޝައިހް އިލްޔާސަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކާއި ގުޅޭ ގޮތުން އަދި މިހާތަނަށް އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޝެއިޚް އިލްޔާސް ޖަމާލަކީ ކުރިން އަދާލަތު ޕާޓީގެ މެންބަރެކެވެ. އޭނާ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރީ ވެސް އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ނަމަވެސް ރިޔާސީ ކެމްޕޭން ފެށިފަހުން އޭނާ ވަނީ ރައީސް ޞާލިހްގެ ކޯލިޝަން ޕާޓްނަރު އެމްޑީއެން އަށް ސޮއި ކުރައްވައި، ކެމްޕެއިން ޙަރަކާތްތަކަށް ނިކުމެ ވަަޑައިގަންނަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު