އަންނަ ސެޕްޓެންބަރު މަހު 9 ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ހދ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ތާޢީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.
ފާރިސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދުގެ ވަގުތެއްގައި ހދ ކުޅުއްފުށްޓަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި މިއަދު ހދ. މަކުނުދޫ އާއި ނޮޅިވަރަމް އަށް ވަޑައިގަންނަވާނެ ކަމަށް ފާރިސްގެ ކެމްޕެއިން އޮފީހުން މަޢުލޫމާތު ދެއްވައެވެ. އަދި މާދަމާ ހދ. ނޮޅިވަރަމް އާއި ހަނިމާދޫ އަށް ވަޑައިގަންނަވާނެ ކަމަށްވެސް މަޢުލޫމާތު ދެއްވައެވެ.
ހދ. ކުޅުދުއްފައްޓަށް ވަޑައިގެން ފާރިސް ވަނީ ތާޢީދު ހޯއްދެވުމަށް ދޮރުންދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި ޝަހީދު ޙުސައިން އާދަމްގެ މަންމާފުޅާއި ޢާއިލާގެ މެންބަރުންނާވެސް މިއަދު ފާރިސް ވަނީ ބައްދަލުކުރައްވައި، ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަންވެފައިވާއިރު، ފާރިސް ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންނާ ބައްދަލުކޮށް ތާޢީދު ހޯއްދެވުމުގެ މަސައްކަތްތަކެއްވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ފާރިސްގެ މެނިފެސްޓޯގައި ވައުދުތައް އާއްމުކޮށްފައިވާއިރު، ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތަކީ، "އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ގެންނަ އިޤްތިޞާދީ އިންގިލާބު" މި ސިޔާސަތެވެ. ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަ ކުރުން ހިމެނޭއިރު، ރާއްޖޭގެ ޓެކްސް ސިސްޓަމް ރިވިއުކޮށް ޖީ.އެސް.ޓީ 3% ޕަސަންޓަށް ތިރިކުރުމާއި، އެތެރެ ކުރާ ބާއްވަތްތަކުން ނަގާ ޑިޔުޓީ އުނިކުރުމާއި، ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެގޮތް ފުޅާކުރުމާއި، އަދި ޔޫޓިލިޓީ ކުންފުނިތައް ރަށުކައުންސިލު ދަށަށްގެނައުން ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ބުރޯޯ ހާދަަ ފަހަތުގަަ ތިޔަަ އުޅެނީީ… އެހެންް ކެންޑިޑޭޓުންް މުޅިި ރާއްޖެެ އެޔޮށްް ކަވަރުު ކުރީީ.
ތިވަރުންް ވާނެެތަަ. 24 ގަޑިއިރުު ޖެއްސުންް ނޫންގޮތެއްް ނެތްް.