ޖަމާޢަތުގެ ނަމާދު

ނޯޓް: މި ލިޔުމުގެ މައްޗަށް ބިނާކޮށް ދެވޭ ސުވާލެއް "ފިޔަ އޮންލައިން" ގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކުރެވޭނެއެވެ. މި ލިޔުން ކިޔާލުމަށްފަހު، ދެވިފައިވާ ސުވާލުގެ ރަނގަޅު ޖަވާބުގެ އަކުރު ލިޔާނީ އެފްބީ ޕޯސްޓްގެ ކޮމެންޓް ސެކްޝަންގައެެވެ. ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ދިމާވާ ފަރާތަކަށް އިނާމެއް ލިބިވަޑައިގަންނަވާނެއެވެ.

•••✧•✧•✧•✧•✧•✧•✧•✧•••

ޝަރުޢީ އުޒުރެއް މެދުވެރިނުވާހާ ހިނދަކު، ޖަމާޢަތުގައި ފަރުޟު ފަސް ނަމާދު އަދާ ކުރުމަކީ  ފިރިހެނުންގެ މައްޗަށް އެންމެ މޮޅުއިތުރު ވެގެންވާ ގޮތެވެ. އަދި އެއީ الله تَعَالَىٰގެ ޙަޟްރަތުގައި އެންމެ މަތިވެރި ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

ޖަމާޢަތުގެ ނަމާދުގެ މަތިވެރިކަން ބަޔާންކުރައްވާ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ  ޙަދީޘް ކުރައްވާފައިވެއެވެ: "صَلَاةُ الجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِيْنَ دَرَجَةً." މާނައީ: ”އެކަނި ކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާ ނަމާދު ހަތާވީސްގުނަ މަތިވެރިވެގެންވެއެވެ.] އަދިވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ: "مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ" މާނައީ: [ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ ފަހެ ރޭގަނޑުގެ ދެބައިކުޅައެއްބައިގައި ނަމާދުކުރިފަދައެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭ އަޅުކަން ކުރިފަދައެވެ.]

ޖަމާޢަތުގެ އެންމެ މަދު މިންވަރަކީ ކޮބާ؟

ޖަމާޢަތެއް ހަމަވާނީ މަދުވެގެން ދެމީހުން ހަމަވުމުންނެވެ. އެއީ އިމާމަކާއި މައުމޫމެކެވެ. އެއީ މިސްކިތުގައި ހަދާ ޖަމާޢަތެއްކަމުގައި ވިޔަސް ނުވަތަ ގޭގައި ހެދޭ ޖަމާޢަތެއްކަމުގައި ވިޔަސް މެއެވެ. އިމާމު ބުޚާރީ رَحِمَهُ اللهُ އެކަލޭގެފާނުގެ ޞަޙީޙުގައި بَاب اِثْنَانِ فَمَا فَوْقَهُمَا جَمَاعَة (ބާބު: ދެއެއް ނުވަތަ އެއަށްވުރެ އިތުރުވުން އެއީ ޖަމާޢަތެކެވެ.) މިހެން ލިޔުއްވާ ބާބެއްގެ ނަން ދެއްވާފައިވެއެވެ.

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ  ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. [މީހަކާ އެކުގައި މީހަކު ނަމާދު ކުރުން، އޭނާ އެކަނި ނަމާދު ކުރުމަށްވުރެ މާތްކަން ބޮޑުވެގެންވެއެވެ. އަދި މީހަކު ދެމީހަކާ އެކުގައި ނަމާދުކުރުން، އޭނާ އެކަކާ އެކުގައި ނަމާދުކުރުމަށްވުރެ މާތްކަން ބޮޑުވެގެންވެއެވެ. އަދި މީހުން ގިނަވި ވަރަކަށް الله تَعَالَىٰގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.]

މީގެ އިތުރުންވެސް ޖަމާޢަތުގެ ނަމާދުގެ މާތްކަން ދޭހަވާ އެތައް ޙަދީޘެއްވެއެވެ. އެގޮތުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރައްވާފައިވެއެވެ:

"مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ مَشَى إِلَى بَيْتٍ مَنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً، وَالْأُخْرَى تَرْفَعُ دَرَجَةً." މާނައީ: "ގެއިން ޠާހިރުވެ، الله تَعَالَىٰގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް ފަރުޟު (ނަމާދު) ތަކުގެ ތެރެއިން ފަރުޟެއް އަދާކުރަން ހިނގާފައި ދާ މީހާގެ އެއް ފިޔަވަޅަށް ފާފައެއް ފުއްސަވައެވެ. އަދި އަނެއް ފިޔަވަޅަށް އޭނާގެ ދަރަޖަ އުފުއްލަވައެވެ.]

މި މައުލޫމާތު ކޮޅުންވެސް އަޅުގަނޑުމެންނަށް ޖަމާޢަތުގެ ނަމާދާގެ މަތިވެރިކަން އެނގިގެންދެއެވެ. ވީމާ އަޅުގަނޑުމެންނީ ޖަމާޢަތުގެ ނަމާދަށް ފަރުވާތެރިވާ ބަޔަކަށް ވާންޖެހެއެވެ.

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://t.me/pathway_mv

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު