ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ އޮތް ރިޔާސީ ބަހުސް ކެންސަލް ކޮށްފައި ވަނިކޮށް، އެނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ ބަހުސް ބަލާލުމުގެ ފުުރުޞަތު ލިބިގެންދިޔުމަކީ ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި މެނިފެސްޓޯތައް ދެނެ ގަންނަން ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށާއި، އަދި ކެންޑިޑޭޓުން ވެފައިވާ ވަޢުދުތައް އަޅާކިޔާން ލިބޭ ފުރުޞަތެއް އޮންނަންޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ފާރިސް އިތުރަށް ވިދާޅުވީ، ކެންޑިޑޭޓެއް ބަހުސްގައި ބައިވެރިވުމަށް އުޒުރުވެރިވުމަކީ ބަހުސް ކެންސަލްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ފާރިސް ވިދާޅުވީ، އެންމެ ކެންޑިޑޭޓެއް ބަހުސްގައި ބައިވެރި ވިޔަސް، އެ ބަހުސް ގެނެސް ދިނުމަކީ ޕީއެސްއެމްގެ ޒިންމާއެއް ކަމަށެވެ.
ސަރުކާރުގެ ނުފޫޒުގައި ޖެހި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ބައިވެރި ނުވެވޭތީ ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ވަނީ މިއަދު ކެންސަލް ކޮށްފައެވެ.
ރިޔާސީ ބަހުސް ބޭއްވުމަށް 8 ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތު ޤަބޫލުކޮށް ޕީއެސްއެމްއަށް އެންގުމުން ދައުލަތުގެ މީޑިއާއިން ބަހުސްއަށް ވާންޖެހޭ ތައްޔާރީތައް ވީނަމަވެސް މިއަދު ކުއްލިއަކަށް ރައީސް ޞާލިހުގެ ތަރުޖަމާން މިއުވާންއާ ޙަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވަނީ، އެމްޑީޕީގެ ޖަލްސާއެއް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާތީ ބަހުސް ފަސް ކުރަން އެދިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން، ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ނެރުއްވި ބަޔާނެއްގައި ވަނީ، ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބައިވެރި ނުވެވޭނަމަ، ބަހުސް ކުރިއަށް ގެންދިއުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަމަށާއި، އަދި ބަހުސްގެ ތާރީހު ބަދަލު ކުރުމަކީ ކެމްޕޭންތަކަށް ހުރަސް އެޅޭނެ ކަމަކަށްވުމުން ބަހުސް ނުބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.
އެކަމަކު، ސަންގު ޓީވީން ކުރިއަށް ގެންދާ ބަހުސްގައި ޕާޓްނާ ވެގެން ބަހުސް ކުރިއަށް ގެންދިއުމުގެ އެއްބާރުލުން ދޭކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް މީގެ ދެދުވަސް ކުރިން އެމްޑީޕީން ހާމަކުރެއްވިއެވެ.