Thursday, 18 April 2024

އައިއޯއައިޖީ 2023: ދީމާ އާއި ރަފާ ރަން މެޑަލް ދިފާއުކޮށް، ޝައްފާނާއި މުންސިފަށް ރިހި މެޑަލް

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ރަން މެޑަލް ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާއިން ދިފާއުކޮށް، ފިރިހެން ޑަބަލްސްއިން މޫސާ މުންސިފް އަޙްމަދާއި މުޙައްމަދު ޝައްފާން އިސްމާޢީލުގެ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.

2019 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް އަންހެން ޑަބަލްސްއިން ރަން މެޑަލް ހޯދާފައިވަނީ ދީމާ އާއި ރަފާގެ ޕެއާއެވެ.
އެ ޕެއާ ވަނީ މި އަހަރުގެ މުބާރާތުގައިވެސް ވާދަކުރި ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

ފައިނަލުގައި ދީމާ އާއި ރަފާގެ ޕެއާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ޕެއާ އަކާއެވެ. ހޮސެނެއްލީ އާއި ޖަލިމްގެ ޕެއާއާ ވާދަކޮށް، ރަފާ އާއި ދީމާ މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ޝައްފާން އާއި މުންސިފްގެ ޕެއާ ފައިނަލް މެޗުގައި މަޑަގަސްކަރައިގެ ޖޮނަތަން އާއި މަހެފާ ލުސިއާނޯ އާ ވާދަކޮށް ބަލިވީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައިވެސް ރާއްޖޭގެ ދެ ޕެއާ ވަނީ ވާދަކޮށްފައެވެ. އަންހެން ތިންވަނަ ހޮވާ މެޗުގައި މިޝްކާ އާއި ލައިސާގެ ޕެއާ ވާދަކޮށްފައިވާއިރު، ފިރިހެން ތިންވަނަ ހޮވާ މެޗުގައި އަޚްޔަރު އާއި ޒީސްތުގެ ޕެއާ ވަނީ ވާދަކޮށްފައެވެ. ނަމަވެސް، ދެ ޕެއާއަށްވެސް ވަނީ ނާކާމިޔާބުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *