އިންޓަރޕޯލް ރެޑް ނޯޓިސް: މަނީ ލޯންޑަރިންގެ ބޮޑެތި ތުޙުމަތުތަކެއް ކުރެވޭ ޝިފާޢު ހޯދަނީ

މަކަރާއި ޙީލަތް ހެދުމާއި، މަނީ ލޯންޑަރިންގާއި އެނގިހުރެ ޞައްޙަނޫން ލިޔުން ދިނުމާއި، މިބާވަތުގެ ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ، ޝަރީޢަތަށް ޙާޟިރުނުވެ، ފިލައިގެން އުޅޭ، މ. ހަނީސަކްލް ޙުސައިން ޝިފާޢު ހޯދުމަށް، އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ޢުމުރުން 37 އަހަރުގެ ޝިފާޢު ހޯދަން އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި މިވަނީ އިތުރު މީހަކާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ބައެއް ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައިގައެވެ.

އޭނާ މި ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ހަދަން ޞައްޙަނޫން ލިޔުންތަކެއް އުފައްދައި ހުށަހަޅައިގެންނެވެ.

އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ވަނީ ޖުމްލަ 23 ދަޢުވާއެއް އުފުލާފައެވެ.

އެނގި ހުރެ ޞައްޙަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާ، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ 7 ދަޢުވާއެއް އޭގެ ތެރޭގައި ހިމެނެއެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދު 123،844.54 އެމެރިކާ ޑޮލަރަށް އަރައެވެ. ޝިފާޢުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތައް ޝިފާޢުގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު