ރައްޔިތުންގެ މަޖިލިސް ހަމަޔަކަށް އަޅުއްވަން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނީ ރިޔާސީ އިންތިޚާބަށް ފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މުސާރަވެސް މިހާރު ހުރީ ހިފަހައްޓާފަތޯ އެބަ ސުވާލު އުފެދެއެވެ. އެހެނީ، ދައުލަތުގެ އެހެން ހުރިހާ އިދާރާއެއް ހިނގާއިރު، ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮންނަންޖެހޭ ސަބަބެއް އޮންނަންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މަހުން މަހުން މުސާރަ ދޭނަމަ، ދައުލަތުގެ އެހެން މުވައްޒަފުން ފަދައިން، ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް އަދާކުރައްވަންޖެހޭ ވަޒީފާ އަދާކުރައްވަން ޖެހޭނެ ކަމުގައި ދެކެމެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22 ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. ނަމަވެސް މަޖިލިސްގެ ޖަލްސާތައް ވަނީ ހުއްޓިފައެވެ. ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ. އެންމެ ފަހުން ބޭއްވި ދެ ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަކަށް ނުގެންދެވި ޖަލްސާ ކެންސަލް ކުރީއެވެ.
ލ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ރައްޔިތުން މަޖިލިސް ކުރިއަށް ގެންދިއުމަށް ދެން ކުރަންޖެހޭ ކަންތައްތައް ރާވައި ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރުގައި މީގެކުރިން ވެސް ހަފްތާއެއް ދެ ހަފްތާއަކަށް ވީމަ ރައްޔިތުން މަޖިލީހުގެ މެންބަރުން މި އުޅުއްވަނީ ކެމްޕެއިންގައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކެމްޕެއިނާއި ރިޔާސީ އިންތިހާބުގައި ވޯޓުލާ ނިމެންދެން މަޑުޖައްސާލާފައިވާ ކަމަށާއި، އިންތިޚާބަށްފަހު ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށެވެ. މިހެން ވިދާޅުވާއިރު، ދައުލަތުގެ އެހެން މުވައްޒަފުންގެ މަސައްކަތްތައްވެސް މި ވަގުތަށް މަޑުޖާއްސާލެއްވީތޯ އެބަ ސުވާލު އުފެދެއެވެ. މަޖިލިސް މެންބަރުންވާތީވެ، ކެމްޕެއިނަށް ވަގުތު ހުސްކުރަން ޖަލްސާތައް ނުބޭއްވޭނެ ގޮތަށް ބައްޓަންކުރުމަކީ އެހާ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އެއީ މި ކަރާމާތްތެރި ދައުލަތަށް ވެވޭ ބޮޑު ޚިޔާނާތެކެވެ. އަދި އަމުދުން ވަލިއްޔުލްއަމުރުގެ ގޮތުގައި ހުންނަވައިގެން، މިފަދަ ވާހަކައެއް ވިދާޅުވުމަކީ ޤާނޫނީ އިމުގެ ތެރޭގައި ހުންނަވައިގެން ވިދާޅުވެވޭނެ ވާހަކައެއް ކަމަކަށް ނުދެކެމެވެ.
"މަޖިލީހުގެ ތެރެއިން އެކަން ނުކުރެވޭ ކަމަށްވާނަމަ ދެން އޮންނާނީ ކޯޓުގެ ތެރެއިން ހައްލެއް ހޯދުން. އެކަން ކުރައްޖެހިއްޖިއްޔާ އެކަން ވެސް ކުރާނީ،". ރައީސް ޞާލިޙް އިތުރަށް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތް ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެކަން މަޖިލީހަށް އެންގެވީ އެންމެ ތިން މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އެހެންވެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރައްވާތީ މަޖިލިސް ކުރުކޮށްލައި ނިންމާލިއެވެ. އަދި ޖެހިގެން އައި އަންގާރަ ދުވަހު ވެސް މެމްބަރުން އަޑު ގަދަކުރާތީ މަޖިލިސް ކުރިއަށް ނުގެންދެވި ޖަލްސާ ވަކި ހިސާބަކުން ކުރުކޮށްލައި ނިންމާލިއެވެ.
ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސް އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވީއެވެ. އެކަން ޙައްލުކުރުމަށް ކުރެވުނު ކަމެއްވެސް ނެތެވެ. އަދި މިކަމަަކީ އެންމެ ދުވަހަކަށްވެސް ޙައްލު ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެނީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެެވެ. ރައްޔިތުންނާ ސީދާ ގޮތުން ގުޅިފައިވާ ބާރެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގަންޖެހޭނީ އިންތިޚާބު ނިމުމުން ކަމަށް ވިދާޅުވެވޭނެ ޖާގައެއް ނެތެވެ. ދައުލަތުގެ އެއްވެސް މުއައްސަސާއެއް ހުއްޓުމަކަށް އައުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ރައްޔިތުން މަޖިލިސް ހުއްޓުމަކަށް އައިސްގެން، މިކަން ޙައްލުކުރުމަށް މިވީ ތަނަށްް ދައުލަތުގެ ޒިންމާދާރު ފަރާތްތަކުން ޒިންމާ އުފުލިތޯ ރައްޔިތުން އެބަ ސުވާލު އުފައްދައެވެ.