ހުޅުމާލެއާ މާލޭއާއި ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް މިރެއިން ފެށިގެން 24 ގަޑިއިރަށް ބަދަލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
އޭނާ ވިދާޅުވީ، އެކުންފުނިން ހުޅުމާލެއާ މާލެއާއި ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންކަމަށެވެ.
މިބަދަލާއެކު، ދަންވަރު 12:30 ން ފެށިގެން ފަތިހު 5:30 އަށް ކޮންމެ 1 ގަޑިއިރަކުން ދަތުރުތައް ބާއްވަމުން ދާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
“ބަހުގެ ދަތުރުތައް ރޭގަނޑު 12:30 ގެ ފަހުން ނޯންނާތީ ގިނަބައެއްގެ ކަންބޮޑުވުން ޢާދޭ. ޚާއްސަކޮށް ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަދިވެސް އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުން ދަންވަރަށް ޑިއުޓީއަށް ގޮސް އަންނަން އެބަޖެހޭ. އެކަމަށް ހައްލެއް ގެނައުމަށް ރެގަނޑު 12:30 ގެ ފަހުން ބަހުގެ ޚިދުމަތް މިފަށަނީ.”
އާޒިމް ވިދާޅުވިއެވެ.
ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ މީހުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި، އަދި މިހާރު މިގޮތަށް ނިންމިނަމަވެސް ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޭނުންވާނަމަ ދަންވަރު ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.