Saturday, 15 June 2024

ދައުލަތުގެ މީޑިޔާ "ބޮއްކުރާ ދަށަށް ކަނބަން" ޖެހުމާއި، އެޅިފައިވާ ސިޔާސީ ކޮސްތޮޅު

ދައުލަތުގެ މީޑިޔާ ކަމަށްވާ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ރިޔާސީ އިންތިޚާބަށް އިންތިޒާމްކޮށްގެން ބާއްވާ "ރިޔާސީ ބަހުސް" ވަކިން ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. ޕީ.އެސް.އެމްއިން "ރިޔާސީ ބަހުސް" ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ އަންނަމަހުގެ 1 ވާ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.

އެހެެންނަމަވެސް، ޕީ.އެސް.އެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ. އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށެވެ.

އެހެންވެ، ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނާތީ، މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް ޕީ.އެސް.އެމްގެ ބަޔާނުގައިވެއެވެ. އެގޮތުން ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީ.އެސް.އެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށް ޕީ.އެސް.އެމްއިން ބުނެއެވެ.

މި ބަހަނާތައް ދެއްކި ކަމަށްވިޔަަސް، މިކަން މިހެން ދިމާވީ ސަރުކާރުގެ ނުފޫޒުގައި ޖެހިގެން ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ބައިވެރި ނުވެވޭ ކަމަށް އެންގުމުން، އެ ކަމަށް ބަހަނާ ދައްކަން ޕީއެސްއެމްއިން މޮޅު ވާހަކައެއް ދައްކަނީއެވެ. ރިޔާސީ ބަހުސް ބޭއްވުމަށް 8 ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތު ޤަބޫލުކޮށް ޕީއެސްއެމްއަށް އެންގުމުން ދައުލަތުގެ މީޑިއާއިން ބަހުސްއަށް ވާންޖެހޭ ތައްޔާރީތައް ވީނަމަވެސް ކުއްލިއަކަށް ރައީސް ޞާލިހުގެ ތަރުޖަމާން މިއުވާންއާ ޙަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވަނީ، އެމްޑީޕީގެ ޖަލްސާއެއް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާތީ ބަހުސް ފަސް ކުރަން އެދިފައިވާ ކަމަށެވެ.

މިކަން މިހެން އޮތް ނަމަވެސް، ރިޔާސީ ބަހުސް ބަލާލުމުގެ ފުުރުޞަތު ލިބިގެންދިޔުމަކީ ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި މެނިފެސްޓޯތައް ދެނެ ގަންނަން ރައްޔިތުންނަށް ލިބިގެންވާ މުހިއްމު ފުރުޞަތެކެވެ. އަދި ދައުލަތުގެ މީޑިޔާއިން އެފަދަ ފުރުޞަތެއް ތަނަވަސްކޮށްދިނުމަކީ، ރައްޔިތުންނަށް ލިބިގެންވާ ޙައްޤެކެވެ. ހަމައެހެންމެ، ކެންޑިޑޭޓުން ވެފައިވާ ވަޢުދުތައް އަޅާކިޔާން ލިބޭ ފުރުޞަތެއް ތަނަވަސްކޮށްދިނުމަކީ ދައުލަތުގެ މީޑިޔާއިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ނުވަތަ އެހެން ކެންޑިޑޭޓެއް ކަމަށްވިޔަސް ބަހުސްގައި ބައިވެރިވުމަށް އުޒުރުވެރިވުމަކީ ބަހުސް ކެންސަލް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އެންމެ ކެންޑިޑޭޓެއް ބަހުސްގައި ބައިވެރި ވިޔަސް، އެ ބަހުސް ގެނެސް ދިނުމަކީ ޕީއެސްއެމް އިން ރައްޔިތުންގެ ޙައްޤުގައި އަދާކުރަންޖެހޭނެ ޒިންމާއެކެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ބްރޯޑްކާސްޓަރުން އިންތިޒާމުކުރާ ކަންކަމުގައި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ ލާޒިމްކަމެއް ކަމަށްވާއިރު، މިފަދަ ހަމަހަމަ ފުރުސަތުތައް ފަހިވާގޮތެއްގެ މަތީން ދައުލަތުގެ މީޑިޔާއިން އިސްނަގައިގެން ޕްރޮގްރާމްތައް ގެނެސްދޭންޖެހޭނެ ކަމަށް ޤަބޫލުކުރަންޖެހެއެވެ.

ސަންގު ޓީވީން ކުރިއަށް ގެންދާ ބަހުސްގައި ޕާޓްނާ ވެގެން ބަހުސް ކުރިއަށް ގެންދިއުމުގެ އެއްބާރުލުން ދޭކަމަށް ދައުލަތުގެ މީޑިއާއިން ބުނުމުން، ދައުލަތުގެ މީޑިޔާ މިހާރު މިވަނީ "ބޮއްކުރާ ދަަށަށް އޮޑި ކަނބަންޖެހުން" މި މަގަށް މިސްރާބު ބަދަލުވެފައެވެ. މިއީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި އިހުމާލުވެ، "ސިޔާސީ ކަސްތޮޅު" ގައި ބަނދެވިފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު