ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު ޒުހައިރު އެ މަޤާމުން އިސްތިއުފާދީފިއެވެ.
ޒުހައިރަކީ ސަރުކާރު ކޯލިޝަންގައިި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް ޢައްޔަންކުރެއްވި ބޭފުޅެކެވެ. އަދި މިހާތަނަށްވެސް އޭނާ ދެމިހުންނެވީ. އެމްއާރްއެމްގައެވެ. ޒުހައިރު އިސްތިއުފާ ދެއްވާފައި ވީނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާއިރު، ޒުހެއިރުގެ ތާޢީދު ފާރިސްއަށް ދެއްވާނެ ކަމަށް ބެލެވެއެވެ.
ޒުހެއިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މި ހަފްތާގެ ތެރޭގައި އެ މިނިސްޓްރީގެ ސްޓޭޓަކަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޑރ. ޝާހް މާހިރުވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު ޖޭޕީ ދޫކުރައްވާ ޝާހް ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންފައެވެ.