ނިއުޔޯކްގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބަންގި ގޮވުމުގެ ހުއްދަދީފިއެވެ. އެގޮތުން، ހުކުރު ދުވަހުގެ ނަމާދުތަކާއި، ރޯދަމަހުގެ މަޣްރިބު ނަމާދު ބަންގި އަޑުހަރުކޮށް ބާރަށް ގޮވުމުގެ ހުއްދަ ވަނީ ދީފައެވެ.
މިކަން އިޢުލާންކޮށްފައިވަނީ، މި ހަފުތާގެ އަންގާރަ ދުވަހު ނިއުޔޯކް ސިޓީގެ މޭޔަރ އެރިކް އެޑަމްސްއެވެ.
މީގެ ކުރިން އެސިޓީގައި އަޑުހަރުކޮށް ބަންގި ގޮވެނީ، ޚާއްޞަ ހުއްދައެއް ނަގައިގެންނެވެ. ނަމަވެސް މިފަހަރު އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން ހުއްދައަކާ ނުލައި މި ނަމާދު ވަގުތުތަކުގައި، އަޑުހަރުކޮށް ބާރަށް ބަންގި ގޮވޭނެއެވެ.
އުސޫލަށް ގެނެވުނު ބަދަލާމެދު ހޭލުންތެރިކުރުމަށް ޕޮލިސް ޑިޕާޓްމަންޓުގެ ކޮމިޔުނިޓީ އެފެއާޒުން މިހާރު ގެންދަނީ މަސައްކަތްކުރަމުންނެވެ.
އަޑުހަރުކޮށް ބަންގި ގޮވުމުގެ ފުރުޞަތު އިސްލާމީ ޤައުމުތަކުގައި އޮތް ނަމަވެސް އެމެރިކާ ފަދަ ޤައުމުތަކުގައި އެފުުރުޞަތު، މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.
މިގެނެވުނު ބަދަލާ ގުޅިގެން ނިއުޔޯކް ސިޓީގެ މުސްލިމުން ދަނީ އުފާފާޅުކުރަމުންނެވެ.