Wednesday, 22 May 2024

މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ، ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް: ޚުޠުބާ

މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ، ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް ކަމަށާއި، މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ، ސުވަރުގޭގެ އެ މަތިވެރި ނިޢުމަތުން މަޙްރޫމް ވެގެންދާނެކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް" މިނަމުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އަދާކުރަންޖެހޭ ހައްގުތަކަށް ފަހު ދެން އަދާކުރަންޖެހޭ އެންމެ އިސް ޙައްޤަކީ މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުކަން ބުނެދީފައެވެ.

ޚުޠުބާގައި ބުނީ ޝަރުއީ ނައްސުން މައިންބަފައިންނަށް ކަމޭހިތުމަށް އަމުރުކުރައްވައި އެމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާން ކުރައްވާފައިވާ ކަމަށެވެ.

ޝަރުއީ ނައްސަތުތަކުގައި ވެސް މައިންބަފައިންނަށް ކިޔަމަން ގަތުމަށް އަމުރުކުރައްވައި އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައިވާ ކަމަށް ޚިޠުބާގައި ވެއެވެ. ޚުޠުބާގައި ވިދާޅުވީ މާތް ރަސްކަލާންގެ ކަމެއް ކަނޑައެޅުއްވުމުގެ މާނައަކީ އެކަމާ ބެހޭ ގޮތުން ނިޔާ އިއްވުން ކަމަށެވެ. އެހެންކަމުން، އެ ނިޔާއަށް އަމަލުކުރުން ވާޖިބުވާނެ ކަމަށާއި އަދި އެކަމެއް ނުކޮށްފިނަމަ ފާފަވެރިވެސް ވާނެ ކަމަށެވެ.

"މާތް ރަސްކަލާނގެ އަށް އަޅުކަން ކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ބަނދެލައްވާފައި ވަނީ އެއް ވާފަށަކުންނެވެ. މިކަމުން އެނގެނީ މައިންބަފައިންނަށް އަޅާލުމާއި އެ މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އަދި އެ މީހުންނަށް އުރެދުމަކީ މާތް ރަސްކަލާނގެ ހަރާން ކުރައްވާފައިވާ ކަމެވެ."

ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، މުސްކުޅި މައިންބަފައިންނާއިއެކު އެއް ގެއެއްގައި އުޅުމަކީ، ދަރިންނަށް މިއަދު ހުތުރު ކަމަކަށް ވެފައިވާކަމަށާއި، މުސްކުޅި މައިންބަފައިން ނުކުޅެދޭ މީހުންނަށް ހާއްސަ ހިޔާވަހިތަކުގައި ބައިތިއްބަން ދަރިން ބޭނުންވާކަމަށެވެ. މިއީ ބައެއްގެ ފާސިދު ސަގާފަތުގައި ޖެހި، އާޝޯހުވެ، އާވާރާވެ ތިބެ ދަރިން ކުރާކަމެއްކަންވެސް ޚުތުބާގައި ފާހަގަކުރިއެވެ. އަދި މިކަމަށް އޮތް ހައްލަކީ އިސްލާމީ ތަރުބިއްޔަތާއި، އިސްލާމީ ރިވެތި އަޚްލާޤާއި، އިސްލާމީ އަދަބާއި ސުލޫކު ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށ ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަނލާގެ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ތިބާ ގާތުގައި ތިބެ މުސްކުޅިވުމާއި ހަމައަށް ފޯރައިފިނަމަ އެދެމީހުންނަށް އުފްވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެދެމީހުންނަށް ބަސް ބުނާށެވެ. އަދި އޯގާތެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. އަޅުގެ ވެރިރަސްކަލާކޯއެެވެ. ކުޑަކުއްޖެއްކަމުގައި މިއަޅާ ވީދުވަހު އެދެމީހުން މިއަޅާ ބަލައި ބޮޑުކުރިފަދައިން އެދެމީހުންނަށް ރަހުމަތް ލައްވާފާނދޭވެ!
ޚުޠުބާގައި ބުނެފައިވެއެވެ.

މައިންބައިންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ އެކަލާނގެ ހުރިހާ ނަބިއްޔުންނާއި ރަސޫލުންނަށްވެސް އަންގަވާފައިވާކަން ފާހަގަކުރަމުން، ޚުޠުބާގައި ވަނީ މުސްކުޅި މައިންބަފައިންނަށް ޚިދުމަތްކުރާނެ ފުރުސަތު ދުނިޔެމަތީގައި ލިބުނު މީހަކު އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވުމަށް އިލްތިމާސްކޮށްފައެވެ.

"އެއްދުވަހަކު ރަސޫލާގެ އަރިހަށްއައިސް މީހަކު ދަންނަވަނީ އޭﷲގެ ރަސޫލާއެވެ! ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވަމެވެ. އަދި ކަލޭގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވަމެވެ. ފަރުޟު ފަސް ނަމާދު ކުރަމެވެ. މުދަލު ޒަކާތްދެމެވެ. ރަމަޟާންމަހު ރޯދަ ހިފަމެވެ. އެހިނދު ނަބިއްޔާ ހަދީސްކުރެއްވި. ތިޔަގޮތުގެ މަތީގާއި މަރުވެއްޖެނަމަ ގިޔާމަތްދުވަހު ވާނީ ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާއެކުގައެވެ. ދެން އިނގިލިފުޅު އުފުއްލަވާ ވިދާޅުވި. އެއީ މައިންބަފައިންނަށް އުރެދިފައިނުވާނަމައެެވެ."

ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލީ މާތް ސިޔަރަތުން ފެންނަންހުރި މައިންބަފައިނަށް ކަމޭހިތުމުގެ ލާމަސީލު މިސާލުތައް އުއްމަތަށް ހަނދާންކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *