އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ހުރިހާ ހައުސިން ޔުނިޓުތަކުގެ ކުލި، މުޢިއްޒުގެ ވެރިކަމެއްގައި 3،500ރ. އަށް ކުޑަކޮށްދެއްވާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ނިންމި ހައުސިން ޔުނިޓުތަކުގެ ކުލި ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ފައިނޭންސް ކޯސްޓާއި އިންޓްރެސްޓު ދެއްކުމަށްފަހު ވެސް ސަރުކާރަށް ވަރަށް ބޮޑު ޕްރޮފިޓެއް ލިބޭ ގޮތަށް ކަމަށެވެ.
ގިނަ ރަށްރަށުގައި މި ސަރުކާރުން ނިންމި ހައުސިން ޔުނިޓުތަކުގެ ކުލި 5،000ރ. އަށްވުރެ މަތިކަން ފާހަގަކުރައްވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރަށްރަށުގައި ޤާއިމުކުރެއްވި ހައުސިން ޔުނިޓުތަކުގެ ކުއްޔަކީ 2،000ރ. އާއި 3،000ރ. އާ ދެމެދުގެ ކުއްޔެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހަދާލައިފިން ހިސާބުތައް ފައިނޭންސް ކޯސްޓާއި އިންޓްރެސްޓް ލައިގެން 20 އަހަރަށް ބަހާލާއިރު، އަގު ދައްކާ ނިމިގެން ސަރުކާރަށް ޕްރޮފިޓުވެސް ލިބޭ ވަރަށް ހުންނީ މި ސަރުކާރުން ކުލި ކަނޑައަޅާފަ،"
ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޓެކްނިކަލް ބެކްގްރައުންޑާއެކު ހިސާބުތައް ހެދުމަށްފަހު ޑރ. މުއިއްޒު މިރޭ ވެލެއްވި ވައުދަކީ އޭނާގެ ވެރިކަމެއްގައި، އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ހުރި ހައުސިން ޔުނިޓުތަކުގެ ކުލި 3،500ރ. އަށް ކުޑަކޮށްދިނުމެވެ.
"ރާއްޖޭގެ ކަންކޮޅުތަކުގައި އަޅާފައި ހުރި ހައުސިން ޔުނިޓުތަކުގެ އަގު ތިރިކޮށްދޭނަން 3،500ރ. އަށް،" ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ފައިނޭންސް ކޯސްޓާއި އިންޓެސްޓް ދައްކާފަ ވެސް ސަރުކާރަށް ފައިދާ ޖެހޭނެ 3،500ރ. ނަގައިގެންވެސް."
އަދި ޑރ. މުއިއްޒު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ނައިފަރުގެ ބިން ހިއްކައި އެރަށުގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށްވެސް ވަޢުދުވެވަޑަައިގެންނެވިއެވެ.
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުއިއްޒު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ބައެއް ރަށްރަށަށް ވަޑައިގަތުމުން އެރަށްރަށުން ވަނީ ސަރުކާރުން ޤާއިމުކޮށްފައިވާހައުސިން ޔުނިޓުތަކުގެ ކުލި ބޮޑުވެގެން ކަންބޮޑުވުން ހިއްސާކުރަމުންދެއެވެ.