ރައީސް ޔާމީނަށް ނަފްރަތުކުރާ، އަދި އެމަނިކުފާނަށް ނުޙައްޤު އަނިޔާދެމުން ގެންދާ ފަރާތްތަކުން، ރާވައިގެން ފަތުރާ މިފަދަ ބުހުތާނު ދޮގު ވާހަކަތަކަކީ ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާޢީދުކުރައްވާ ޢާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިކޮށް، މި ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް/ޕީ.އެން.ސީ އަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިނޑި ޢަމަލުތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި ވާގޮތުން، އެފަދަ ފިތުނަ އުފައްދާ ވާހަކަތައް ޤަބޫލުނުކުރުމަށާއި، ހުރިހާ ފަރާތްތަކެއް ވެސް އިތުރު ހިތްވަރެއްލައި، މި ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަދި ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ކާމިޔާބުކޮށްދިނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޔާމީންގެ ވަކީލުން މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ ރާއްޖޭގެ ނޫހަކުން, ރައީސް ޔާމީން ޑރ.މުއިއްޒަށް އަމާޒުކޮށް ނުރުހުމުގެ ބަސްތަކެއް ބުނެ، ރައީސް ޔާމީނުގެ ތާއީދު ޑރ.މުއިއްޒަށް ނެތްކަމަށް ދޭހަވާ މޭރުމަކުން ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ވަކީލުންގެ ބަޔާނުގައި ވަނީ އެ ނޫހުގައި ދައްކާފައިވާ ވާހަކަތައް ދޮގުކޮށް، އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ބަޔާންކޮށްފައެވެ.
" މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ތާޢީދުކުރައްވާ ކެންޑިޑޭޓަކީ ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަދި ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފް ކަމަށާއި، ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ އެންމެހައި މެންބަރުންނާއި ރައީސް ޔާމީނަށް ތާޢީދުކުރައްވާ އެންމެހައި ސަޕޯޓަރުން ވެސް ވޯޓު ލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޑރ. މުޙައްމަދު މުޢިއްޒު އަށް ކަމަށާއި، މި އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮއްވަވަން އެމަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވޭ"
ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.