Monday, 07 October 2024

ރިޒޯޓު މުވައްޒަފުންގެ އަނބިދަރިންނަށް ރިޒޯޓުގައި ދިރިއުޅެވޭނެ: ފާރިސް

ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އަނބިދަރިންނަށް ރިޒޯޓުގައި ނުވަތަ ރިޒޯޓު ކައިރި ރަށްރަށުގައި ދިރިއުޅެވޭގޮތް ހަމަޖައްސާދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އަނބިދަރިންނަށް ރިޒޯޓުގައި ނުވަތަ ރިޒޯޓު ކައިރި ރަށްރަށުގައި ދިރިއުޅެވޭގޮތް ހަމަޖައްސާދޭނަން."

ފާރިސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވީ، ‏ހުރިހާ ދާއިރާއެއްގައި ވަޒީފާ ދިނުމުގައި ދިވެހީންނަށް އިސްކަންދިނުމުގެ ސިޔާސަތު ތަންފީޒުކުރައްވާނެ ކަމަށެވެ.

ހަމައެހެންމެ، އެއްވަޒީފާއެއް އަދާކުރާ ދިވެހިންނާއި ބިދޭސީންގެ މެދުގައި މުސާރައާއި އިނާޔަތްތައް ދިނުމުގައި ތަފާތު ކުރުމުގެ ސިޔާސަތު ހުއްޓުމަކަށް ގެންނަވާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި މުހިއްމު ވަޢުދުތަކެއް ވަނީ ހިމަނާފައެވެ.

  • ފަތުރުވެރިކަމަށް ރާއްޖޭއިން ގެނެސްފައިވާ އިންޤިލާބު ދުނިޔޭގެ އެހެން ޤައުމުތަކުގައި ނަކަލް ކުުރެވިގެންދާއިރު ރާއްޖޭގެ ފަތުވެރިކަމުގެ މި ޕްރޮޑަކްޓް އޭގެ އެންމެ މުހިންމު ސިފަވަންތަކަން ބިނާވާ (ވަން އައިލެންޑް ވަން ރިސޯޓް) އާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ހިމެނޭ އެފަދަ ހުރިހާ ޕްރޮޑަކްޓަތައް (ގެސްޓްހައުސް، ސަފާރީ، ހޮޓެލްސް) މާކެޓްކުރުމަށް ދިމާވާނެ ބޮޑެތި ގޮންޖެހުންތައް ހުންނާނެކަން ދެނެގަނެ ހައްލު ކުރަން ދުރާލާ މަސައްކަތް ކުރުން.
  • ލޯކަލް މީހުންއުޅޭރަށރަށުގައި ފަތުރުވެރިން ބޭތިއްބުމަށް ހިންގޭ ވިޔަފާރިތަކުގެ ތެރެއިން(ގެސްޓް ހައުސް ،ހޮޓާ) ޓޫރިޒަމްގެ ޓެކެސްގެ ނިޒާމް މުރާޖާކޮށް ލޯކަލް ޓޫރިޒަމްއަށް ފަހިވާނެ ގޮތް ހެދުން.
  • ރިޒޯޓުތަކާއި ގެސްޓްހައުސްތައް ދެ ގިންތިއެއްގޮތުގައި ކަނޑައަޅާ, ގެސްޓްހައުސްތަކުން ނަގާ ޓްކްސް ކުޑަކުރުން
  • ފަތުރުވެރިކަން ސިންދަފާތު ކުރުމަށްޓަކައި މައިސް (MICE)، ސަގާފީ, ސްޕޯޓްސް ޓޫރިޒަމް އަދި ވެލްނަސް ޓޫރިޒަމް ފަދަ ނީޝް ( niche ) މާކެޓްތަކަށް އަމާޒުކުރުން.
  • ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކޮށް ސިނާއަތުގައި އުޅޭ އެންމެންނަށް ހަމަހަމަ އުޞޫލަކުން ފައިދާތަކާއި ފުރުޞަތުތައް ލިބުމަށް މަގުފަހިކުރުން.
  • ވަރޗުއަލް ޓޫރިޒަމް ފުޅާކުރާކުރުން.
  • އެމް.އެމް.ޕީ.އާރް.ސީ އުވާލައި ފަތުރުވެރިކަން އިސްތިހާރު ކުރުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ދަށުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތު ޕްރޮމޯޓު ކުރާނެ ވަކި އިދާރާއެއް އުފެއްދުން.
  • ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ޓުއަރިޒަމް ދާއިރާ ކުރިއަރުވަން ފުރުޞަތުދިނުން.
  • ރިޒޯޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަންހެނުންނަށް މިހާރަށްވުރެ ފުޅާކުރުން.
  • ރާއްޖޭގައި ރިޒޯޓު ތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އަނބިދަރިންނަށް ރިޒޯޓުގައި ނުވަތަ ރިޒޯޓު ކައިރި ރަށްރަށުގައި ދިރިއުޅެވޭގޮތް ހަމަޖައްސައިދިނުން.
  • ރިސޯޓުތަކަށް ސަޕްލައި ކުރާ ކުދި ވިޔަފާރިވެރިން ނަށް އަދި މަސައްކަތްތެރިންނަށް ހުރި ގޮންޖެހުންތައްބަލާ އެކަންކަން ހައްލުކުރުމަށް ޤާނޫންތަކާއި ގަވާއިދުތަކުގެ ތެރެއިން މަގުފަހިކުރުން، ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު