Khalaas Vejjey Hayaaiy - Episode 7

ޚަލާސްވެެއްޖޭ ޙަޔާތް – އެޕިސޯޑް 8

ފަޔަށާއި ބޮލަށްވަމުންދިޔަ ތަދުން ބަކުރަށް އެންމެ ފިޔަވަޅެއްވެސް އެޅެނީ ވަރަށް ހާލުންނެވެ. ކޮރާޖަހަމުން ޖަހަމުން ކޮންމެފަދަ ހާލެއްގައިވެސް ބަކުރު ބޭނުންވީ އޭނާ އަމިއްލަ ނަފްސަށްވުރެ ބޮޑަށްވެސް އެމީހަކުދެކެ ލޯބިވާ، އޭނާގެ ނަފީސާ، ރާޝިދުގެ އަނިޔާވެރި ވަކިތަކުން ސަލާމަތްކުރާށެވެ. ބަކުރު އޭނާގެ އަމިއްލަ ނަފްސު ޤުރުބާންކޮށްފައި ވިޔަސް ނަފީސާގެ ދިފާއުގައި ޖާނާއި މާލުން ފިދާވާން އޭނާ ހުރީ ތައްޔާރަށެވެ.

ބަކުރުއައިސް ނަފީސާ އުޅޭ ގޭ ފެންޑާތެރެއަށް ވަދުނުއިރުވެސް ރާޝިދު ހަޅޭފަޅޭޖަހާ އަޑުއިވެއެވެ. އަދި ނަފީސާއަށް ހާނިކަކުރަމުންދިޔަ އިރު ނަފީސާ މަރަށް ފުރާނައަށް ރޮއެ އާދޭސްކުރަމުންދިޔަ އަޑުވެސް އިވެމުންދިޔައެވެ. ބަކުރު ހުރީ ހާސްވެގެން ހަދާނެގޮތް ހުސްވެފައެވެ. ބަކުރަށް ވެފައިހުރިވަރުން އޭނާގެ ހައްޓަކު ރާޝިދަށް އަތުންފައިން ހަމަލާއެއް ދެވޭވަރުގެ ހަކަތައެއް ނެތެވެ.

އެއްވެސް ސަލާމަތީ ހަތިޔާރަކާނުލާ އެގޭތެރެއަށް ނަފީސާގެ ހިމާޔަތުގައި ބަކުރު ވަދެއްޖެނަމަ ރާޝީދު ބަކުރަށް ރަނގަޅުބައިގަ  ކުޅިދައްކާލާނެކަން އޭނައަށް އެނގެއެވެ. ބަކުރު ފަރާތް ފަރާތަށް ނަޒަރު ހިންގާލިހިނދު އެގޯތި ގިފިލިތެރޭގައި ހުރި އަށްޓެއްގެ މަތީގައި އޮތް ކުރުނބާއިހަލަކަށް ޖަހާފައިހުރި ކަތިވަޅިއެއް ބަކުރުގެ ލޮލުގައި އަޅައިގަތެވެ. "މިއީ ރާޝިދަށް ހަމަލާދޭން ރަނގަޅު ހަތިޔާރެއް. މި ހަތިޔާރުން މަށަށް ރާޝިދުގެ މައްޗަށް ކުރިހޯދިދާނެ… މިފަހަރު ޒަމާން ދުއްވާލާނަން. ދެވަނަ ފަހަރަށް ނަފީސާއަށް އޭނަގެ އަތުން އެއްވެސް އަނިޔާއެއް ނުދެވޭވަރުކޮށްލާނަން. ދެއަތް ބުރިކޮށްލާނަން. އޭރަކަށް މާ ކުޅިކުޅިއެއް ނުދެއްކޭނެ… ލައްކަ ޒަމާންވެއްޖެ މަގޭ ރާޝިދު ދައްކާހާ ކުޅިއެއް ބަލަން ފިއްތާލައިން ހުންނަތާ… އަބަދަކު މަށަކަށްވެސް ފިއްތާލައިންނެއް ނުހުރެވޭނެ…" ބަކުރު ހިތާހިތުން ބުނެލިއެވެ.

ބަކުރު ބަލާކަށް ނުހުރެ ގޮސް ކުރުނބާއިހަލުގައި ޖަހާފައިހުރި ކަތިވަޅިއަށް ކުއްލިއެއްޖެހުމަށްފަހު ނަގައިފިފިއެވެ. އަދި އެތަނުގައި ބާއްވާފައި އޮތް ހިލަގަނޑަކުން ކަތިވަޅި ތޫނުކޮށްލުމަށްފަހުގައި އަތަށް ކަތިވަޅި ހެޔޮވަރު ކޮށްލައިފިއެވެ. ކަތިވަޅީގެ ކޮޅު ތޫނުކަމުން އޭގެ ތިލަ ވިދަވިދާ ހުއްޓެވެ. "ވަގަކަށް ހާސްދުވަސް.. ވެރިޔައަކަށް އެންމެ ދުވަހެއް.." ބަކުރު ހިފައިގެން ހުރި ކަތިވަޅީގެ ތިލައިގައި އަތް ބީއްސާލަމުން ބަކުރު ބުންޏެވެ.

"ވާނެ ބަކުރާ ވާނެ. ކަލޭ ތިޔައީ ކެރޭ މީހެއްކަން ކަލޭ މިރޭ ރާޝިދު ކުރިމަތީގައި ސާބިތުކޮށްދޭތި. ނަފީސާއެއީ ކަލޭގެ ހައްޤެއް. ކަލޭ ކަލޭގެ ހައްޤުތައް ހޯދަން ކަލޭ ފިދާވެގެން ނޫނީ ކަލޭ ބޭނުންވާ މަންޒިލަށް ކަލެއަކަށް ލާހިކު ކުޅަދާނައެއްނޫން ވާސިލުވާކަން. ކަލޭގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން ކަލެއަށް އެހީވާކަން އެހެން މީހަކު ނާންނާނެ. ކަލެއަށް މިލްކުވާ ކަމަށް ކަލޭ ހިތުން ގަބޫލުކުރާ ކަންތައްތައް ހާސިލްކުރަން ކަލޭ އަމިއްލަ އަތުންފައިން ނުކުރި މަސައްކަތެއް އެހެން މީހަކު ކަލެއަށް ކޮށްދޭކަށް ނާންނާނެ. ނިކަން ކެރިގެން ކަންކަމާ ކުރިމަތި ލާބަލަ. ފަސްޖެހުމެއްނެތި ކުރިއަށް ފިޔަވަޅު އަޅަމުން ދޭބަލަ. ކަލޭ ހިތްއެދޭ ކަންތައް ކަލެއަށް އިނގެއެއްނު. ކަލޭ ބޭނުންވާ ކަންތައް ކަލޭ ދަންނަމެއްނު. ކަލޭ ދިރިއުޅުމާމެދު ދެކޭ ހުވަފެންތައް ކަލޭ މިއަދު މިންކޮށްލަބަލަ. ކަލޭ ދެކޭ ހުދާއި ކަޅުގެ ހުވަފެންތަކުގައި ކުލަޖައްސައިދޭނެ ކުލަފަންސޫރު ކަލޭއަތުގަ ތިޔަ އޮތީ… ކަލެއަށް މިރޭ ލިބިފައި ތިއޮތް ހަތިޔާރަކީ ކަލޭ ހަޔާތުގެ ބާކީ އޮތްބައި ކުރަހާލަދޭނެ މަގުޗާޓު ކަމުގައި ބަލާ… ކީއްވެ ތިޔަހުންނަނީ.. އަވަސްކުރޭ.. އަވަސްކުރޭ.. ވެހޭތާ ފެންނަގާ… އެހެންނޫނީ ވަގުތު ފާއިތުވެދާނެ." ބަކުރު ހުރީ ހަމަ ރީއްޗަށްވެސް ދުނިޔެރަންވެފައެވެ.

ބަކުރުގެ ލޮލުކުރިމަތީގައި އޭނައަށް ސިފަވަމުންދިޔައީ އޭނާގެ އަމިއްލަ ނަފްސުހުރެ އޭނާގެ ބޮލަށް ސަވާރުވަމުންދާ މަންޒަރެވެ. އިޝާހިތެއްނުވެ، މުސްތަޤުބަލާ ބެހޭގޮތުން ބޮޑު ދަރުސެއް ދިނުމަށްފަހުގައި، ބަކުރަށް އޭނާގެ ލޮލުކުރިމަތީގައި ސިފަވަމުންދިޔަ އޭނާގެ ރޫހު ފަޑުވަމުންގޮސް ވައިސޫރިއެއް ފަދައިން ވައިގެ ތެރެއަށްގޮސް ގެއްލި ނިމިއްޖެއެވެ.

ބަކުރު ހިތްވަރުއަރައިގަނެގެންގޮސް ގިފިލިތެރޭގައި ހުރި ބަނބުކެޔޮގަހުގައި ގައިހުރިބާރަށް ކަތިވަޅިން ތަޅަމުންދިޔައެވެ. ބަކުރަށް އެވަގުތުކޮޅު އެ ބަނބުކެޔޮގަސް ސިފަވަމުންދިޔައީ ރާޝިދުގެ ހަށިގަނޑުގެ ސިފައިގައެވެ. ރާޝިދު ނަފީސާއަށް އަނިޔާކުރަމުންދިޔަ ވަރަކަށް ބަކުރުގެ އަތުގެ ހަރަކާތް ދިޔައީ އަވަސްވަމުންނެވެ. ކަތިވަޅިން ބަނބުކެޔޮ ގަހުގައި ތެޅުނު އެންމެ ބާރަކަށް ތަޅަމުންދިޔައިރު ބަކުރު ހީވަނީ ހަމައިންނެއްޓި ބުއްދިނެތިގޮސް ދުނިޔޭން މޮޔަވެފައިވާ މީހެއްހެއްނެވެ. ބަކުރުގެ ޒުވާން ހަށިގަނޑުގެ ނާރުތައް ބާރުވެ އެތެރެހަށީގައި ދައުރުވަމުންދިޔަ ލޭކެކުން ފަހަރަކަށްވުރެ ފަހަރެއް ހޫނުވަމުންދިޔައިރު މީހާގެ މުޅި ހަށިގަނޑު ރޫރޫއަޅަމުންގޮސް ހީވަނީ މުޅި މީހާގެ ޖާނު ރޫޅެން އުޅޭހެންނެވެ.

*    *    *    *

އުސްމާނު އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއްގެ ފަހަތުން އެހެން މީހަކުވެސް ފިޔަވަޅު އަޅަމުން އަންނަ ކަމުގެ އިހުސާސް އޭނައަށްކުރެވުނެވެ. އަނެއްކާ ކާކުބާއެވެ. އުސްމާނަށް ހިތާހިތުން ބުނެވުނެވެ. އަނެއްކާ ފަރީދާބާއެވެ. ފަރީދާގެ ހިނގުމުގެ އަޑާ ހާދަ ވައްތަރެވެ. އުސްމާނާއި ފަރީދާ ވަކިވިތާ 25 އަހަރު ފާއިތުވެ ގޮއްސައިވީނަމަވެސް ފަރީދާގެ ކުދިކުދި ހަރަކާތްތައްވެސް އުސްމާނުގެ ސިކުނޑީގައި ބިންވަޅުނެގިފައިވާ ފަދައެވެ. ފަރީދާ ލައިގެންހުރި ލޭރަތްކުލައިގެ ލިބާހާއިއެކު އަޅައިގެންހުރި ރަން ފައްޓަރުބައިން ދަޅައަޅައަޅާ ހުއްޓެވެ. އޭނާ އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު ކަރުގައި އަޅާފައިއޮތް ފައްޓަރުބައި ހެލެމުން މޭމަތީގައި ތެޅެމުން ދިޔައިރު އޭގައި އެކުލެވިގެންވީ މިއުޒިކީ ރާގުން އުސްމާނަށް ކޮންމެވެސް ކަމަކަށް އިޝާރާތްކުރާފަދައެވެ.

އުސްމާނު ފަސްފަހަތުން ފަރީދާ އަންނަކަމުގެ އިޙްސާސްވެގެން އޭނާ ހިނގަމުންދިޔަ ދުވެލި މަޑުކޮށްލިއެވެ. ފަރީދާ އޭނައާއި އަރާ ހަމަކުރުމުގެ ފުރުސަތުދޭން ވެގެންނެވެ. ގިނަ ދުވަސްތަކަކަށްފަހު ފަރީދާ ފެނުމުން އުސްމާނު ހުރީ ވާހަކަދައްކާލަން ބޭނުންވެފައިނަމަވެސް އެކަމުގެ އިޒުނަ، ފަރީދާ ކައިރީގައި ދޭންބުނަން ފަސްޖެހޭތީ އުސްމާނު ހަމަހިމޭނުން ހުރީއެވެ. ފަރީދާ އުސްމާނާއި އަރާ ހަމަވުމަށްފަހު އުސްމާނުގެ ދެލޮލަށް ބަލާލުމަށްފަހު ހިނތުންވެލި ގޮތަކުން އުސްމާނުގެ ނަފްސު މާޒީގެ ސަފްހާތަކުގެ ތެރެއަށް ބީއްސާލިފަދައެވެ. މާޒީގައި ދެމީހުން އެކުގައި ހޭދަކުރި އުފާވެރި ދުވަސްތައް އަދިވެސް އުސްމާނުގެ ހިތުގައި ރަންއަކުރުން ވަނީ ފަވާލެވިފައެވެ.

އުސްމާނު ބުނާނެ އެއްޗެއް ނޭނގިފައި، ކަޅިއަޅާނުލާ ފަރީދާގެ މޫނަށް ބަލަން ހުއްޓެވެ. "ހާދަ ވަރަކަށް ތިޔަބަލަނީ؟".. ފަރީދާ ސަމާސާ ޒާތަކަށް ބުންޏެވެ. އުސްމާނު ފަރީދާ ބުނިބަހަށް ދޭނެ ރައްދެއް ވިސްނާލަން ކުޑަވަގުތުކޮޅެއް ނެގިއެވެ. " އަދިވެސް ހާދަ ޒުވާނޭ… ރީތިކަމުން މިބެލެނީ ހަމަ"… އުސްމާނު ދޮގުހަދާކަށް ބޭނުމެއްނުވިއެވެ. ހިތުގައި ބުނަން ބޭނުންވެފައި އޮތް ބަސް އޭނާގެ ދުލުން ބޭރުކޮށްލީއެވެ. އާންއެކެވެ. ފަރީދާގެ އުމުރުން ދުވަސްވެފައިވީނަމަވެސް އޭނާގެ އުމުރާ ބަލާފައި އޭނާ އަދިވެސް ހައުދަހައި ޒުވާނެވެ. މޫނުމަތީގައި އެންމެ ރުލެއްވެސް ނެތެވެ. އާންމުކޮށް މީހުންގެ މޫނުން ނުފެންނަފަދަ އުޖާލާކަމެއް ފަރީދާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ހަންގަނޑު އޮމާންވެފައި ދޮނެވެ. ހީވަނީ ދޮން ބައްޓެއްހެންނެވެ. ލޮލުގެ އެސްފިޔަތަށް ބޯވެފައި ދިގެވެ. ލޮލުގެ ކަޅީގައިވާ އަޅިކުލައިން އޭނާގެ ލޮލުގައިވާ ހުދުކަމަށް އިތުރުފުރިހަމަކަމެއް ގެނުވަމުންދިޔައެވެ. އެހެނަސް، އެ ޗާލު ލޮލުގެ ކަޅިރަވައިގެ މަސްތުގައި ޖެހި ބެހިގެންދާކަށް އުސްމާނު އެރެއަކު ބޭނުމެއް ނުވިއެވެ.

"ލަދުގަތީތަ…؟" އުސްމާނު އޭނާގެ ނަޒަރު ތިރިކޮއްލުމުން ފަރީދާ ސުވާލުކޮށްލިއެވެ. އުސްމާނު އަނެއްކާވެސް އޭނާގެ ނަޒަރުމަތިކޮށްލުމަށްފަހު ފަރީދާގެ މޫނަށް ބަލާލިއެވެ.

"އަހަރެން ސަމާސާ ކޮށްލީއޭ…" އުސްމާނަށް ވެފައިހުރިގޮތުން ފަރީދާ ގާތަށް އައީ ރަކިހިންޏެކެވެ.

"ފަރީދާ އަހަރެންނަށް މާފުކޮށްފިންތަ؟" އުސްމާނު މާޔުސްވެފައިވާ ރާގަކަށް ބުނެލިއެވެ. ކުއްލިއަކަށް އުސްމާނުގެ ދެލޯ  ބޮޑުވެއްޖެއެވެ. އަނެއްކާ މިވަނީ ކީއްބާއެވެ. މިއީ ހަޤީޤަތްބާއެވެ. ނޫނީ ޙިޔާލެއްބާއެވެ. މަށަށް މިފެންނަނީ ހުވަފެނެއްބާއެވެ. އުސްމާނު ދެފައިކޮޅުން ވަރުދާން އުޅޭހެންވެސް އޭނައަށް ހީވާން ފަށައިފިއެވެ. މުޅިގައި ފިނިވެ ހަށިގަނޑު ގުޑަންފަށައިފިއެވެ. ގަންނާކުރެއްވި ބިރުން މީހާ ތުރުތުރުއަޅަންފަށައިފިއެވެ. ފަރީދާ އަތުން އުސްމާނަށް ފެނުނީ ފިޔޮއްސެކެވެ. ފަރީދާ އޭނާގެ އަތުގައިއޮތް ފިޔޮހި ނަގާ އުސްމާނުގެ މޫނާ ކައިރިކޮށްލިއެވެ. އަދި ރުޅިވެރި ގޮތަކަށް ދެލޯ ހަދާލައިފިއެވެ. ފަރީދާގެ ދެލޮލުން ފާޅުވަމުންދިޔަ އަނގުރު އަލިފާންދެކެ ބިރުން އުސްމާނުގެ މޭގަނޑު އަތަށް އަންނަން އުޅޭހެންވެސް އުސްމާނަށް ހީވާން ފަށައިފިއެވެ. އުސްމާނު ބިރުން ދުއްވައިގަންނަން ބޭނުންވިއެވެ. އެކަމަކު ދުވެފައިދާންވެސް ފަސްޖެހޭތީ މަޑުކޮށްގެން ހުރީއެވެ. ހީވަނީ ބިމަށް ޖަހާފައިހުރި މުޑިއެއްހެންނެވެ.

"އިނގޭތަ އަނދިރި މަގުތަކުން މެންދަންވާން ކައިރިވީމަ އެކަނި ހިނގާފަ ދިއުމަކީ ކިހާ ނާމާން ކަމެއްކަން.." ފަރީދާ އުސްމާނުގެ ކަންފަތް ކައިރިއަށް ގުދުވެލާފައި ސިއްރު ސިއްރުން ބުނެލިއެވެ. ވައިރޯޅިއައްވެސް ސިއްރުން ބުނާ ބީދައިންނެވެ. އުސްމާނުގެ މުޅިގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. އެވަމުންދިޔަގޮތެއް އުސްމާނު ވިސްނާ ވިސްނާވެސް ފަހުމްވާގޮތެއްނުވިއެވެ. އަހަރެން މިއީ ހައުދަހައި ފިނޑި މީހެކެވެ. އުސްމާނަށް ހިތާހިތުން ބުނެލެވުނެވެ. އަހަރެންގެ ފުރާނައިގެ ސަލާމަތަށްޓަކައި އަހަރެން ދުއްވައިނުގަނެ މިހުންނަނީ ކީއްވެބާއެވެ. އަހަރެން މިއީ ކޮންފަދަ އާރެއް ބާރެއް ނެތް މީހެއްބާއެވެ. ކޮންފަދަ ބޮޑު ނިކަމެއްޗެއްބާއެވެ. އުސްމާނުގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ފުނިޖެހި، އެހެން ކަމަކާ ބެހޭގޮތުން ވިސްނާނެ ޖާގައެއެއް ނުދިނެވެ. ހަދާނެ ގޮތް ނޭނގިފައި އުސްމާނަށް ހުރެވުނީއެވެ.

"ނޭނގި ހުއްޓާ ޙަޔާތަށް ކޮންމެފަދަ ޒަލްޒަލާއެއްވެސް އަތުވެދާނެ. އުސްމާނަށް ހަމަ އެއްވެސް ހިލަމެއް ނުވަނީތަ؟.." ނުލަފާ ރާގަކަށް ފަރީދާ އަނެއްކާވެސް އުސްމާނުގެ ކަންފަތްބުޑުގައި ބުނެލިއެވެ.

އުސްމާނު ވާނުވާ ނޭނގިފައި، ހާސްކަމާއިއެކު ފަރީދާގެ މޫނަށް ބަލަންހުރުމުން ފަރީދާ ހޭންފެށިއެވެ. "އަހަރެން މިކޮށްލީ އިމްތިހާނެއް. އެ އިމްތިހާނުން އުސްމާނު ފާހެއް ނުވި. އަހަރެން ބޭނުންވީ އުސްމާނުގެ ހުރި ކެރުންތެރިކަން މިންކޮށްލަން. އަދިވެސް ހާދަ ފިނޑިއޭދޯ؟ ތިޔަހާ ފިނޑިވެގެން ކިހިނެއް މި ދުނިޔޭގައި އުޅެވޭނީ… ދުނިޔެއަށް ލޯ ހުޅުވައިގެން އުޅެން ދަސްކުރަން ވާނެ. އެހެން ނޫނީ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިދާނެ. ޒަމާނަށް އައިސްފައިމިވާ ބަދަލު ނިކަން ދަނެބަލަ." އުސްމާނަށް ފަރީދާ އެކިޔާ އެއްޗެއްގެ މާނައެއް ނޭނގުނެވެ. ފަރީދާ މިދައްކަނީ ކޮން ވާހަކައެއް ބާއެވެ. ކޮން ޒަލްޒަލާއެއްގެ ވާހަކައެއްބާއެވެ. ދުނިޔެއަށް އައިސްފައިވާ ކޮން ބަދަލެއްގެ ވާހަކައެއް ބާއެވެ.

"ފަރީދާ ކީކޭތަ ތިޔަ ކިޔަނީ؟ ތިޔަ ވިދާޅުވި ބަހުގެ މާނައެއް މަށަކަށް ނޭނގުން. ނިކަން ތިލަކޮށްލަދީބަލަ".. އުސްމާނު ހިތްއަވަސްވެފައި ހުރިވަރުން ފަރީދާއަށް އަމާޒުކޮށްލީ ސުވާލެކެވެ. އެހެނަސް ފަރީދާ، އުސްމާނު ކުރި ސުވާލަކަށް ޖަވާބެއް ނުދިނެވެ. ވާހަކަ ދެއްކީވެސް ވަރަށް ނުސީދާ ޒާތަކަށެވެ.

"އަހަރެން މިދެއްކި އެއްވެސް ވާހަކައެއް އަހަރެން އުސްމާނަށް ކިޔާދޭކަށެއް ނޫޅެން. އުންމީދުކުރަން ދެންމެގަ މިބުނި ކަންތަކާމެދުގަ ވަރަށް ފުންކޮށް ވިސްނާނޭކަމަށް. އެހެންނޫނީ ވަގުތު ފާއިތުވެދާނެ. ކަމެއް ވުމަށްފަހުގައި އެކަމެއް ބަދަލު ކުރުމަކީ ވަރަށް ނާދިރުކަމެއް. ސަމާލުވެ ހުންނާތި. ކައިރީގައި ވަމުންދާ ކަންތައްތައް ދެނެގަންނަ މީހަކަށް ވާތި. އަހަރެން ބުނީތީވެސް ބަލާތި."

އުސްމާނުގެ ހިތް ދިޔައީ ހުއްޓުމެއްނެތި ޑަންޑަންލާފައި ތެޅެމުންނެވެ. މުޅިމީހާ ދާހިތްލާ ފޯވެފައި ހުރުމުން ފަރީދާ އުސްމާނު ހަމަޖެއްސޭތޯ މަސައްކަތްކޮށްލިއެވެ. އުސްމާނުގެ އަތުގައި ހިފާފައި ފިތްތާލިއެވެ. އަދި އުސްމާނުގެ ހާސްވެ ކަންބޮޑުވެފައިވާ މޫނަށް ބަލާލިއެވެ. "އުސްމާނާ ހަމަޖެހިބަލަ. އަހަރެން މިދެއްކި ވާހަކަތައް މިދެއްކީ އުސްމާނަށް ރަނގަޅަކަށޭ. އަނެއްކާ އަހަރެން އެއްވެސް ހާލަތެއްގަ މިބުނީ އުސްމާނަށް އަހަރެންގެ ފުށުން އެއްވެސް އަނިޔާއެއް ދޭން ރާވަމެކޭއެއް ނޫން. އަހަރެންގެ ހިތް އުސްމާނަށްޓަކައި ވަރަށް ސާފު. އަހަރެންގެ ހިތުގައި އުސްމާނަށްޓަކައި އެއްވެސް ހިތްބުރަކަމެއް ނެތް. އެކަމަކު އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި ކިތައް މީހުން އެބައުޅޭ… އިންސާނުންގެ ހިތުތެރޭގައި ހުންނަ ކަންތައްތަކަކީ އެހެން އިންސާނުންނަށް ފަރުދާވެ ފޮރުވިފައި ހުންނަ ކަންތައްތައް. އެކަމަކު، އެމީސްމީހުންގެ ޢަމަލުތައް ހުންނަ ނުހުންނަ ގޮތަށް ބަލާފަ އަހަރުންނާއި މެދު އެމީހުންގެ ހިތް ސާފުތޯ، ނޫނީ އެމީހުންގެ ހިތުގައި އަހަރުންނާއި މެދު އޮތީ ހަސަދަވެރިކަންތޯ އަންދާޒާކުރުމުގެ ފުރުސަތު އަހަރުންނަށް އެބައޮތެއްނު. ގިނަފަހަރަށް ހިތް އޮންނާނީ ދެލިގަނޑެއްހެން. އެކަމަކު ކަން އޮންނާނީ ވެލިގަނޑެއްހެން. ފެންނަ ފެނުމަށް ވަރަށް ހިތްހެޔޮވާނެ. އެކަމަކު ހިތުގެ އަޑީގައި ކުލުނުގެ ކަންފުޅެއްހާ ހިސާބުވެސް ނޯވެދާނެ. އަޅެ އަހަރެން މިބުނީ ދޮގެއްތަ؟"

އުސްމާނު ހުރީ ފަރީދާ ދެއްކި ވާހަކަ ވަރަށް ކަނުލާ އަޑުއަހާށެވެ. އެވާހަކަތަކާމެދު ވަރަށް ފުންކޮށް ވިސްނާށެވެ. ފަރީދާ ބޭނުންވީ އުސްމާނަށް ދުނިޔޭގެ ހަޤީޤަތް ހާމަކޮށްދޭށެވެ. އެކަމަކު އުސްމާނަށް ނޭނގެނީ އެއީ ކޮން ސަބަބަކަށްޓަކައި ކަމެވެ. އަނެއްކާ ކިހިނެއް ވެގެންބާއެވެ. އަނެއްކާ އުސްމާނުގެ ހަޔާތަށް ބޮޑު މުސީބާތެއް ކުރިމަތިވާން އުޅެނީބާއެވެ. އެފަދަ މުސީބާތެއް ދިމާވެއްޖެނަމަ އެކަމާ ކެރިގެން ކުރިމަތިލުމުގެ ހިތްވަރާއި ކެރުންތެރިކަމާއި ޤާބިލުކަން އަހަރެންގެ ކިބައިގައި އެބަހުރިބާއެވެ. އުސްމާނު އޭނާގެ އަމިއްލަ ނަފްސު މިންކޮށްލިއެވެ.

*    *    *    *

"ދަލޭކަ އަދިވެސް ނުކައެއްނު ތިޔަ އުޅެނީ.." ނިދާފައި އޮތް ދެކުދިން ގޮވައިގެން އުނދޯލިހެއްލާލައި ހެއްލާލައިއިން ދަލޭކަ އަދިވެސް ނުކައި ބަނޑަށް ހުރިކަން ހަނދާންވެގެން ފާތުމަ ބުންޏެވެ. ދަލޭކަގޮސް ހަލީމަ ގެނެސްދިން ފިހުނުމަސް ނަގައިފިއެވެ. "މި މަހުން ހާދަ މީރު ވަހެކޭ ދުވަނީވެސް…"

ކޮންމެއަކަސް ދަލޭކައަށް ހަލީމަ ގެނެސްދިން ފިހުނުމަސް ވަރަށް ކަމުގޮސްފިއެވެ. "މި މަސްފިހުނު މީހަވެސް މިކަމަށް ކުޅަދާނަ ވީމަ މިހާ މީރީ.. މިގޮތަށް ލޮނުމިރުސްގަނޑު ހަދަން އަހަރެންވެސް ބޭނުން ދަސްކުރަން.".. ދަލޭކަ ހަލީމައަށް ތައުރީފްކުރަމުންދިޔަ އިރު ހަލީމަ އިނީ ދަތްކޮޅު ރޮނޑަށް ދީގެންނެވެ.

ކުއްލިއަކަށް އެންމެން އެއްލިގަނެގެން ދިޔައީ ދަލޭކަ އޯކާދެމެންފެށި އަޑަށެވެ. ކިހިނެއްހޭ ވީ ކިޔަމުން ފާތުމަ ދަލޭކަ ގާތަށް ދުއްވާފައި ދިޔައެވެ. ދަލޭއަށް ވާހަކަ ދެއްކޭ ގޮތެއް ނެތެވެ. ކަރުގައި މަހު ކަށްޓެއް އަޅައިގަތީއެވެ. ދަލޭކަ ދުވެފައިގޮސް ބޭރަށް ނުކުތްތަނާހެން ހޮޑުލެވިއްޖެއެވެ. ކުއްލިއަކަށް ކޮށިއަރައިގެން މީހާއަށް ވަރަށް ވަރުވާން ފަށައިފިއެވެ. ދެލޯވެސް ރަތްވެއްޖެއެވެ. މެއަށްވެސް ފާޑެއްގެ ގޮތެއްވާން ފަށައިފިއެވެ. ހަލީމަ ބަލާކަށް ނުހުރެ ބަދިގެ ތެރޭގައި ބަހައްޓާފައި ހުރި ދޮންކެޔޮއަރިން ދޮންކޭލެއް ދަމައިގަތުގަމަށްފަހުގޮސް ގަދަކަމުން ދަލޭކަ އަނގަޔަށް ވައްދައިފިއެވެ. ދަލޭކަގެ ހައްޓައް ލުއެއް ލިބުނީ އެހިސާބުންނެވެ. ދަލޭކަ ބުރަކަށީގައި ފިރުމަންހުރި ފާތުމަވެސް އެހިސާބުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި މަހުކަށި ކެވިގެން ދަލޭކަގެ ފުރާނައަށް ނުރައްކަލެއް ނުވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރިއެވެ.

"ދެންވެސް ބަލައިގެން ރަނގަޅަށް ކަށިހޮވައިގެން ކާތި. އަހަރުން ކުޑައިރު މީހަކު މަރުވެސްވި. މަހުކަށްޓެއް ކެވިގެން. އެއީ ވަރަށް ފުރާނައަށް ނުރައްކާހުރި ކަމެކޭ.." މަންޒަރުބަލަން އިން އާދަނު، ދަލޭކަ އުޅެމުންދިޔަ ހާލު ފެނި ކަންބޮޑުކަން ފާޅުކޮށްލިއެވެ.

"މި އާދަނު އަދި ކަމެއްވާއިރަށް ދައްކާނެ މަރުވާ ވާހަކަ.. ކޮންމެ ކަމެއްގަވެސް ވާހަކަ ދައްކާނީ އެކަމެއްގަ އޮންނަ އެންމެ ގޯސް ގޮތަށް.." ރުންކުރުވެލާފައި ފާތުމަ އާދަނު ބުނިބަހަށް ރައްދުދިނެވެ.

"ބަލަ ގިނަގިނައިން މަރުހަނދާން ކުރުމުގެ މުހިންމުކަން އެނގޭނަމަ ތިޔަހެނެއް ނުބުނާނެ.. މަރު އައިސްދާނެ ކޮންމެ ވަގުތަކުވެސް.. ކޮންމެ ފަދަ ދަނޑިވަޅެއްގަވެސް.. އަހަރެމެން ޖެހޭނެ ގިނަގިނައިން މަރު ހަނދުމަކޮށްގެން ތިބެން. މާދަމާ ނޭނގެ މަގޭ ނޫންކަމެއްވެސް މި ދުނިޔެއަށް އަލްވަދާއު ކިޔާނީ.." އާދަނު ހަޔާތުގެ މަޤްސަދާއިމެދު އަނެއްކާވެސް ވިސްނާލުމަށްފަހު އޭނާގެ ހިޔާލުފާޅުކޮށްލިއެވެ.

"ދެން ބައްޕަވެސް ދޯ.. އަހަރެން އަދި ބޭނުމެއް ނޫން މަރުވާކަށް. އަހަރެން އަދި ކުރަން ބޭނުންވެފައިހުރި ހާދަ ގިނަ ކަންތައްތަކެއް އެބަ ހުއްޓޭ.. މިދުނިޔެ މަތީގައި ތަޖުރިބާކުރަން ބޭނުންވާ އެތައް ކަމެއް!" ދަލޭކަ ބުންޏެވެ.

"ދަލޭކަ ބޭނުންވިޔަސް ނުވިޔަސް ދަލޭކަގެ އަޖަލު ޖެހުނީމަ ދަލޭކަވެސް މިދުނިޔޭން ވަކިވާން ޖެހޭނެ. އެއީ މި ދުނިޔޭގެ އުސޫލު".. އާދަނު ބުންޏަސް އޭނަ އެ ދެއްކީ ހުސްވެސް ރަނގަޅު ވާހަކަތަކެވެ. އަހަރެމެން މި އުޅެމުން މިދާ ދުނިޔެއަކީ ވަގުތީ ތަނެކެވެ. ވަގުތީ ފާލަމެކެވެ. ދާއިމީ ގޮވެއްޗެއް ނޫނެވެ. ދާއިމީ މަންޒިލެއްވެސް ނުމެނޫންމެއެވެ. ދުނިޔޭގައި އުޅެން ލިބިފައިމިވާ ކުޑަ ދުވަސްކޮޅުގައި އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭތޯ ބަލާނަމެވެ. ދަލޭކަ ދެލޯ މަރާލާފައި ވިސްނާލީ ހަޔާތުގެ ކުރުކަމާއި މެދެގައެވެ. މިއަދު ތިމަންނާ ދުނިޔޭގައި އެބަ ހުރީމެވެ. މާދަމާ ހުންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެއްތާއެވެ. މަރަށް ތައްޔާރުނުވެ ހުއްޓައި ފުރާނަ ނެތި ހިންގައްޖެނަމަ ތިމަންނާ ވާނީ ކިހާބޮޑު އަބާއްޖަވެރިއަކަށްތާއެވެ. ކިހާބޮޑު ބަދުނަސީބުވެރިއަކަށްތާއެވެ. ހަމަހިލާ އެހެންވިޔަކަ ނުދޭނަމެވެ.

*    *    *    *

ސައްތާރާއި ޙަމްދީ ގެއާއި ދިމާލަށް ހިނގަމުންދިޔަ އިރު ސައްތާރުގެ މުޅި ސިކުންޑީގައި އުތުރިއަރަމުން ދިޔައީ ސައްތާރާއި ކަތީބާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. ކަތީބު ސައްތާރާއި ހަވާލުކުރި ބުރަބޮޑު އަދި އެހާމެ ނުރައްކާތެރި ޒިންމާއެވެ. ތިމަންނަ ކިބައިގައި ކަތީބު ތިމަންނައާއި ހަވާލުކުރި ޒިންމާ އަދާކުރުމުގެ ކުޅަދާނަކަމާއި ހިތްވަރާއި ކެރުންތެރިކަން އެބަހުރިބާއެވެ. ތިމަންނަގެ ހިތް އެހާ ބިރުމިގަންނަނީ ކިހިނެތްވެގެންބާއެވެ. ވަގުތު ކުޑަތަންވަޅުވެފައި ވަނިކޮށް ތިމަންނައާ ކަތީބު ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުމަށް އަހަރެންގެ ހިތާއި ސިކުންޑި ތިމަންނަ ކައިރީގައި އާދޭސްމިކުރަނީ ކީއްވެގެންބާއެވެ. ތިމަންނާ ވާސިލުވާން ބޭނުންވާ މަންޒިލާއި އެހާ ކައިރިއަށް އާދެވިފައިވަނިކޮށް ތިމަންނާ ފަހަތަށް ފިޔަވަޅެއް އަލަން ބޭނުންމިވަނީ ކީއްވެގެން ބާއެވެ. ސައްތާރު ހިތާހިތުން ބުނަމުންދިޔައެވެ. ކަތީބާއި ސައްތާރާއި ދެމެދު ދެކެވުނު ވާހަކަ ރަނުންރަނަށް އަދިވެސް ސައްތާރުގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ސައްތާރުގެ ލޮލުކުރިމަތީގައި އެ މަންޒަރާއި އަޑު ސިފަވަމުން ދިޔަފަދައެވެ.

އެއީ އޭގެ އެއްމަސް ކުރިއެވެ. ސައްތާރު މަހުންލަފައިން ގެއަށްދިޔަ މަގުމަތީގައި ކަތީބާއި ދިމާވިއެވެ. ސައްތާރަށް ބުރަނުވާ ވަގުތެއްގައި ކަތީބާއި ބައްދަލުކުރުމަށް ކަތީބު ގެއަށްދާން ކަތީބު ސައްތާރު ކައިރީގައި އެދުނެވެ. ވަރަށް މުހިންމު ކަމެއް ޖެހިގެން ނޫނީ ކަތީބު އެގޮތަށް ގެއަށްދާން ނުބުނުނާނެކަން ސައްތާރަށް އެނގެއެވެ. އެހެންކަމުން ސައްތާރު އެރޭ ކަތީބު ގާތަށް ދިޔައެވެ.

"ކަތީބު. ކިހިނެއްތޯ ވީ؟ އަޅުގަނޑު ގާތުގައި މިގެއަށް އައިސްލަން ބުނުއްވީ؟" ސައްތާރު ހުރީ ވެގެން އުޅެނީ ކީއްތޯ ބަލަން ވަރަށް ޝައުޤުވެރިވެފައެވެ. ކަތީބު ދައްކަން ބޭނުންވީ ވާހަކަ އަޑުއަހާލަން ކެތްމަދުވެފައެވެ.

"ސައްތާރަށް އެނގެއެއްނު މިހާރު މިރަށުގެ ހާލަތު. ވަރަށް ނުރައްކާ. އެހާމެ ނާޒުކު ފައްތަރެއްގަ އޮތީ. ފަންޑިތަވެރިކަމާ ބޫގަލާ މިހެންގޮސް ކިޔާނެ ކަމެއްނެތް. ނުބައިވެގެންވާހާ ކަމެއް ކުރަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ މައްޗަށް. ހަނދުބޮޑުވާ މޫސުން ވަރަށް ކައިރިވެއްޖެ. އަހަރެމެން އެބަޖެހޭ މިކަމާ ބެހޭގޮތުން ކަމެއްކުރަން. ދެންމެ މިބުނި ކަންތައްތައް ނުހުއްޓުވައިފީޔާ، މުޅިރަށް ފަސާދަވެ، ބިމުގެ ބަރަކާތްކެނޑި، އަހަރެމެން އެންމެން މި ފަސްގަނޑު ދޫކޮށްލާފައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ޖެހިދާނެ. މިރަށު ގިނަމީހުން މުޅި ޢުމުރު ލޯބޯ ކޮށައިގެން ބިނާކުރި ދިރިއުޅުން، ނުލަފާ ބައެއްގެ ކެހިވެރި ހަމަލާތަކުން ފުނޑިގެންދާތަން ބަލާކަށް ދެއަތް އުރާލައިގެން ހުރެވޭކަށް ނެތް. ވަކީން ހާއްސަކޮށް ޙަމްދީ.. އެ ޙަމްދީ މިހާރު އެހުރީ ހައްދުފަހަނަ އަޅާފައި. އޭނާ ހުރީ މުޅިރަށް ނެތިކޮށްލަންވެސް ތައްޔާރުގަ… އޭނާ ދަނީ ވަރަށް ނުބައި ރޭވުމެއް ރާވަމުން. އޭނާ އެ ރޭވުމުގައި ކާމިޔަބުވެދިޔަ ދޭކަށް އަޅުގަނޑު ބޭނުމެއްނޫން.. ޙަމްދީ އަޅުގަނޑަށް އިންޒާރުވެސް ދީފި. މުޅިރަށް ފަސާދަކޮށްލާނެ ކަމަށް ބުނީ.. އަދި އޭނަ ހުއްޓުވަން އަހަރެމެން އެކަކަށްވެސް އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް ބުނީ.. އޭނާގެ މަސައްކަތައް މީހަކު ހުރަސްއަޅަން މަސައްކަތް ކުރާކަން އެނގިއްޖެނަމަ އެމީހެއްގެ ޒަމާން ދުއްވާލާނެކަމަށް ބުނީ.. އެމީހެއްގެ ފަހުނޭވާ މި ދުނިޔެއަށް ބޭރުކޮށްލަން ޖެހޭނީ ވަރަށް ވޭނުގަ ކަމަށް އޭނަ ބުނީ.."

ކަތީބު ދެއްކި ވާހަކަ އަޑުއަހާފައި ސައްތާރުގެ ގައިން ހީބިހި ނަގައިން ދިޔައެވެ. "ކަތީބު ދެން އަޅުގަނޑު ތިކަމާ ގުޅިގެން ކޮންކަމެއްތޯ ކޮށްދޭންވީ. އެމީހުންގެ ނުބައި ޢަމަލުތައް ހުއްޓުވަން އަޅުގަނޑުގެ އަތުގައި އޮތީ ކޮން ބާރެއް ތޯ؟"

"އަޅުގަނޑު ސައްތާރުގެ ޤާބިލުކަމާމެދު ކުޑަވެސް ޝައްކެއް ނުކުރަން. އަޅުގަނޑު ވަރަށް ގިނަގޮތްގޮތުން ވިސްނާފައި، ސައްތާރުގެ ކިބައިން އެ ޤާބިލިއްޔަތު ފެންނާތީ ސައްތާރު ކައިރީގައި މިކަމަށް މި އެދެނީ.. އަހަރެމެންގެ އުފަން ފަސްގަނޑުގެ ރޯޝަންކަން ފަނާވެދިޔަ ނުދީ.. އަޅުގަނޑުގެ މި އެދުން ފުރިހަމަ ކޮށްދީފިނަމަ، ސައްތާރަށް އޭގެ ބަދަލުގައި ވަރަށް ބޮޑު ޢިނާމެއްވެސް އޮންނާނެ. މިކަން ކުރުމުގައި ބޭނުންވަނީ ކެރުންތެރި، ޤާބިލު، އަދި މިރަށުގެ ރައްޔިތުންގެ ލާބަޔާއި މުސްތަޤުބަލަށްޓަކައި ޖާނާއި މާލުން ފިދާވާނެ ދަރިއެއް. އެދަރިއަކީ ތިއީ.. އެހެންވީމަ، އަޅުގަނޑުގެ އެދުމަށް އިންކާރު ނުކުރާނެ ކަމުގައި އުންމީދުކުރަން."

ކަތީބު އެދުނު އެދުމުން ސައްތާރުން ވަރަށް ފުން ވިސްނުމެއްގެ ތެރެއަށް ދާން ޖެހިއްޖެއެވެ. ތިމަންނާ މިކަން ކުރަން އިޖާބަދޭންވީބާއެވެ. ނޫނީ ނޫނެކޭ ބުނެފައި ކަމުން ރެކެންވީބާއެވެ. ސައްތާރުގެ ސިކުނޑި ސުމަކަށްދިޔައެވެ. ކަތީމު ތިމަންނާއަށް އެހާ އިތުބާރު ކުރަނީ ކީއްވެގެންބާވައެވެ. ކަތީބު ތިމަންނާ ކައިރީގައި އާދޭސް ދެންނެވުމުން ތިމަންނަ ކަތީބަށް އެހީވާން އިންކާރުކޮށްފީޔާ ތިމަންނަ ވާނީ ހައުދަހައި ބޮޑު ފިނޑިއަކަށެވެ. ސައްތާރު ވަރަށް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

*    *    *    *

"މަގޭ ނަފީސާގެ އުޅުން ވިޔާނުދާކަމުން އެކަމާ މަށަށް އަބަދު ވިސްނެނީ.. އޮޅިގެންވެސް ނަމާދަކަށް ނާރާނެ. ކިޔާ އާދޭސްކޮށްގެން ނޫނީ.. ދުނިޔެއަށް ތިމަންނަ އައިސްފައި މިވާ މަޤްސަދަކީ ކޮބައިކަމާމެދު ނަފީސާ ކުޑަކޮށްވެސް ވިސްނާހެނެއް ހިއެއްނުވޭ.." ހިތާމައިގެ ގިލަނުގައި ބެނދި ހަލީމަގެ އިހުސާސްތައް އޭނާ ބަންޑުން ކުރަމުންދިޔައިރު ދަލޭކަ އިނީ ހިތުގައި ޖެހިފައެވެ. ހަލީމައަކީ ދަލޭކަގެ ދެވަނަ މަންމައެއް ފަދަ މީހެކެވެ. ނަފީސާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންގެ އެކުވެރިޔާ އަހަރެން ބޭނުމީ ހަމައެކަނި މި ދުނިޔެއަކު ނޫނެވެ. އާހިރަތުގައިވެސް ބޭނުމެވެ. ދަލޭކަ ނަފީސައަށް ތެދެމަގު ދައްކަން ހިތުގެ އެންމެ ފުންމިނުން އަޒުމްކަޑައަޅައިފިއެވެ. ދަލޭކައަކީ އޭނާ ކުރަން ހިތުއަޅާ ކޮންމެ ކަމެއްވެސް ކާމިޔާބުކުރަން ގަދައަޅާ މަސައްކަތްކުރާ ހިތްމަތްވެރިއެކެވެ.

"އަހަރެން ހިތަށް އަރާ އަހަރެންނަށް ނަފީސާއަށް ދެވުނު ތަރުބިއްޔަތުގައި އުނިކަމެއް ވަނީބާއޭ".. ހަލީމައަށް ރޮވުނެވެ. ދަލޭކަ ހަލީމަ ލޮލުން ފޫދުނު ކަރުނަތައް ފޮހެލިއެވެ.

"ހާސްނުވޭ ދައިތާ.. ނަފީސާ ހެޔޮމަގަށް އަޅުވަން އަހަރެންނަށް ކުރެވުނު ކަމެއް އަހަރެން ކޮށްދޭނަން. ދައިތަގެ ތަރުބިއްޔަތާ މެދު ސުވާލު ނުއުފައްދާ.. ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިން ބަލާބޮޑު ކުރަނީ ވަރަށް ލޯބިން. ދައިތަ ނަފީސާއަށް ދިން ތަރުބިއްޔަތާ، މިއަދުވެސް ތިޔަދޭ ނަސޭހަތް އަހަރެންނަށްވުރެ ރަނގަޅަށް ވަކި ދަންނާނީ ކާކު." ދަލޭކަ މަސައްކަތްކުރީ ހަލީމަގެ ހިތުގައި އުފެދިފައިވާ ފާރުގަނޑުގައި އަޅަމުންދިޔަ ވޭނުން އޭނާ ސަލާމަތްކޮށްދޭށެވެ.

"ދަރިޔަކަށްޓަކައި މަޔަކު ހޭހަންކުރާނީ ދައިތަ ކުރިވަރަށް. ހާސްނުވޭ ދައިތާ! ﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް ހުރިހާ ކަމެއްވެސް ހަމައަކަށް އެޅޭނެ. ނަފީސާއަށް ވިސްނޭނެ."

*    *    *    *

ނަފީސާއަށް ކުރަމުންދިޔަ އަނިޔާއަށް ކެއްނުކުރެވިގެން ނަފީސާ ދިޔައީ ސަލާމަތަށް އެދި ރޮއެ އާދޭސްކުރަމުންނެވެ. ރާޝިދު ނަފީސާއަށް އަނިޔާކުރުން ކުރިއަށް ގެންދިޔައެވެ. އެ އަޑު މީހަކަށް އިވިދާނެތީވެ ރާޝިދު ގޮސް ގޭ ދޮރުގައި މަކުޑި އަޅުވަންދިޔަ ހިނދު ކުއްލިއަކަށް ވަރަށް ބާރަށް މީހަކު އޭނަ ގައިގައި އެއްޗަކުންޖެހި އަޑު ނަފީސާއަށް އިވުނެވެ. ލިބުނު ކުއްލި ސިހުމާއެކު ނަފީސާ ދޮރާއި ދިމާލަށް އެނބުރި ބަލާލިއިރު ކަތިވަޅިއެއްހިފައިގެން ދޮރުމަތީގައި ހުއްޓާ ފެނުނީ ބަކުރެވެ. ނަފީސާއަށް ދެން ފެނުނީ ރާޝިދުގެ އަތުން ހޯސްލާފައި ފައިބަންފެށި ލޭތަކެވެ. ގަންނާކުރެއްވި ބިރުން ނަފީސާ ހަޅޭއްލަވައިގަތެވެ. ބަކުރު އޭނަ އަތުގައި އޮތް ކަތިވަޅި އެއްލާލާފައި އައިސް ބިންމަތީގައި ވެއްޓިފައިއޮތް ނަފީސާ ގައިގައި ހިފުމަށްފަހު އޭނާ ނެގިއެވެ. ރާޝިދު އޭނާގެ އަތައް އަމާޒުވި ހަމަލާގެ ސަބަބުން އެނބުރުން އަރައިގަނެ، ކޮޅަކަށް ގުޑިލަން ނޭނގިފައި ދޮރުގެ ދާރައިގައި ހިފަހައްޓައިގެން ހުއްޓެވެ. ބަކުރުގޮސް ނަފީސާ ނެގުމާއެކު ރާޝިދު ބަކުރާ ދިމާލަށް ބަލާލާފައި ދެލޯ އަޅާލިއެވެ. އައިސްހުރި ރުޅިން ރާޝިދުގެ ލޭކެކި ދެލޯވެސް ހުރީ އަނގުރުއަލިފާން ކުލައިގައެވެ. ރާޝިދަކީ ލޭ ފެނުމުން ގޮތްވާ މީހެކެވެ. އަތުން ފައިބަމުންދިޔަ ލޭތައް ފެނި އެނބުރުން އަރައިގަތުމުގެ ސަބަބުން، ބަކުރު އޭނައަށް ދިން ހަމަލާގެ ބަދަލުގައި، ބަކުރަށް ހަމަލާއެއް ދޭން ދާނެހާ ހިތްވަރެއް ރާޝިދުގެ ހައްޓަކުނެތެވެ.

ބަކުރު ނަފީސާ ނެގުމަށްފަހު ނަފީސާ ގައިގައި އޮޅުލައިގަތެވެ. ނަފީސާވެސް ރޮއެގަނެފައި ބަކުރު ގައިގައި އޮޅުލައިގަތެވެ. އެނޫން ހިމާޔަތެއް ރައްކާތެރިކަމެއް މިދުނިޔެމަތީގައި އޭނައަށް ލިބިފައިނުވާ ފަދައެވެ. ނަފީސާގެ ދަތްދޮޅި ފަޅައިގެން ގޮސްފައިވުމުން އޭނާގެ ދަތްދޮޅިން ފައިބަމުންދިޔަ ލޭތަށް ބަކުރު ލައިގެން ހުރި ގަންޖުފަރާހުގެ ފަހަތަށް ފޭދެމުންދިޔައެވެ. ނަފީސާ ރޮމުންރޮމުން ބަކުރު ގައިގައި ބެއްދުނު އެންމެ ބާރަކަށް ބައްދަމުންދިޔައެވެ. ބަކުރު ނަފީސާގެ މޫނުމަތީގައި ބޮސްދޭންފަށައިފިއެވެ. ދެމީހުން އުލްފަތުގެ ދާނުގައި ގެނބި ޤަރަޤުވެއްޖެއެވެ. އެނބުރި ފަތާފައި ނާދެވޭ ވަރަށް އެދެމީހުން ތިބީ އިޝްޤުގެ ކަނޑުގެ އޮޔެގައިޖެހިފައެވެ. ވެފައިތިބި ވަރުން ރާޝިދު އެތަނުގައި އެމީހުންގެ މަންޒަރުތައް ބަލަންހުރި ކަމުގެ އިހުސާސްވާންވެސް އެދެމީހުންގެ ހިއްސުތައްވެސް ވަނީ ނުކުޅެދިފައެވެ.

އެ މަންޒަރު ބަލަން ހުންނާކަށް ރާޝިދަކަށް ކެތެއްނުކުރެވުނެވެ. ކެތްކުރެވޭނީވެސް ކިހިނެތްހެއްޔެވެ؟ ދުނިޔެމަތިން ފެންނަމުން މިދަނީ ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ؟ ކަންތައްތައް މިހަމަޔަށް ދިޔައިރު މަށަށް އެކަން ފަޅާއަރަން މިހާ ލަސްވެގެން މިދިޔައީ ކޮން ސަބަބަކަށްޓަކައި ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިއްޖެއެވެ. ބަލަބަލާ ހުއްޓައި މުޅި ދިރިއުޅުން އެކީ އެކައްޗަކަށް ޙަލާސްވެ ނިމިއްޖެއެވެ. މަގޭ ދިރިއުޅުން އެކަށް ބަރުބާދުވެއްޖެއެވެ. ބޭވަފާތެރިން އެހާ އަނިޔާވެރީ ކީއްވެ ހެއްޔެވެ؟ އަހަރެން ނަފީސާދެކެ ވީ ލޯބީގައި ކޮޅުފައިން ޖަހާފައި، ނަފީސާ އަހަރެންގެ ހިތް ފުނޑުފުނޑުކޮށްލީ ކީއްވެބާއެވެ. އަހަރެން ހަމަ އެހާ ގޯހީ ބާވައެވެ. ލޯބިން އަހަރެންގެ އުނގުގައި އިށީންދެލާނެ ހުރިހާ ސަބަބުތަކެއް ނަފީސާއަށް ހުސްވީބާއެވެ. ރާޝިދު ހިތާހިތުން ބުނެލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ނީރާލިއެވެ. އެ ކަރުނައިގައި ވަނީ ވޭނެވެ. ތަދެވެ. އަސަރެވެ. ހިތްދަތިކަމެވެ. ރުޅިވެރިކަމެވެ. އަދި ނަފްރަތެވެ.

ރާޝިދުގޮސް ބަކުރު އެއްލާލި ކަތިވަޅި ނެގިއެވެ. އަދި އެ ކަތިވަޅި ހިފައިގެންގޮސް ބަކުރަށް ހަމަލާދިނުމަށް ހިނގައިގަތެވެ. މިފަހަރު ބަކުރު ކަތިލާފައި ނޫނީ އަހަރެން ދުލެއް ނުކުރާނަމެވެ. ރާޝިދުގެ ހިތުގެ އެދުމަކަށް އެހިނދު ވެފައިވަނީ ބަކުރުގެ ވަސްވެސް މިދުނިޔޭން ފޮހެލުމެވެ.

*    *    *    *

ކުޑަދޮރު ކައިރީގައި ހުއްޓިހުރެ، ބޭރުގައިހުރި ގަސްތައް ވަޔާއި ހެލެމުންދިޔައިރު އެ މަންޒަރަށް ގެއްލިފައިހުރި ދަލޭކަ ސިއްސައިގެން ދިޔައީ މުޅި ޖައްވު ވިދާލި ހިނދުގައެވެ. ވިއްސާރަވާން އުޅެނީއެވެ. ގުގުރަންވެސް ވަށައިފިއެވެ. ވައިވެސް ހައުދަހައި ބާރުވެއްޖެއެވެ. ކޮޅިގަނޑެއް އަންނަނީބާއެވެ. ނޫނީ ތޫފާނެއްބާއެވެ. ދަލޭކައަށް އޭނާގެ ހަޔާތުގެ މައްޗަށް ވެރިވެގަންނަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއްނުވެއެވެ. އޭނާގެ ޙަޔާތުގެ އުޖާލާ ސަފްހާތައް ބަނަކޮށްލަން އަންނަން އުޅޭ ކަޅުވިލާތަކުގެ ހިލަމެއްވެސް ނުމެނޫންމެއެވެ.

ދަލޭކަގެ މެއަށް ފާޑެއްގެ ތަދެއް އެރިކަމުގެ އިޙުސާސް އޭނައަށް ކުރެވުމުން އޭނާ މޭގައި އަތްއަޅާލިއެވެ. އަނެއްކާ މިވީ ކިހިނެއްބާވައެވެ. މިއީ މީގެ ކުރިއަކު ދުވަހަކުވެސް ވީކަމެއް ނޫނެވެ. ދަލޭކަ ހިތާހިތުން ސުވާލުކޮށްލިއެވެ.

"ކޮންމެވެސް ގޯހެއް އެބައުޅޭ.. މަގޭ ހިތް އެބަ ބުނޭ".. ބޭރުގައި ހެލެމުންދިޔަ ގަސްތަކަށް ބަލަމުން ދެލޯބޮޑުކޮށްގެން ހުރެ އާދަނު އައެވެ.

"ބައްޕާދެން ތިޔަކަހަލަ ވާހަކަ ނުދައްކަބަލަ. އަހަރެން ހިތްބިރުގަނޭ.. އެހެންނޫނަސް ގަދަޔަށް ވައިޖެހުމަކީ އެހެންޏާވެސް ވާކަމެއްނު. ދެންވަކި މިރޭ ކީއްވެ އެކަމާ ގުޅިގެން ގޯހެއް އުޅެންވީ؟.." ދަލޭކަ ހާސްވެއްޖެއެވެ.

"ބަލާބަލަ ދަރިފުޅާ.. ނިކަން ފުންކޮށް ވިސްނާލަބަލަ. މިރެއާއި އެހެން ރޭރެޔާއި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރި.. ނިކަން ފުންކޮށް ވިސްނާލައިފީޔާ ދަރިފުޅަށްވެސް މެހެސޫސްކުރެވޭނެ.."

ދަލޭކަ ނިކަން ހާސްވެފައި އާދަނުގެ މޫނަށް ބަލައިލި ހިނދު ދެމީހުންގެ ނަޒަރު ދިމާވިއެވެ. ދަލޭކަގެ ދުލުގައި ގޮޝެއްޖެހުނެވެ. ބައްޕަ އެ މާނަކުރަނީ ކޮން ވާހަކައެއްބާއެވެ. ހަޤީޤަތުގަވެސް އެހެން ވެދާނެ ހެއްޔެވެ؟

"ދަލޭކާ!" ވައިއަޑަކުން މީހަކު ދަލޭކައަށް ގޮވާލި އަޑު އިވުނެވެ. ދަލޭކަ ހާސްވެއްޖެއެވެ. ކާކުބާއެވެ. ހާދަ ބީރައްޓެހި އަޑެކެވެ. ދަލޭކަ ކުޑަ ދޮރުން ބޭރަށް ބޯދިއްކޮށްލާފައި ބަލައިލި ހިނދު ފެނުނު މަންޒަރަކުން ދަލޭކަގެ ފުރާނަ އޭނާގެ ހަށިގަނޑުން ނިކުމެގެންދިޔަ ފަދަ އިހުސާސް އޭނައަށް ކުރެވުނެވެ. އެއާއެކު އޭނާއަށް ބޭއިޙްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އަނެއްކާ ދަލޭކައަށް އެ ފެނުނީ ކޮން މަންޒަރެއްބާއެވެ؟

— ނުނިމޭ —

ކުރީގެ އެޕިސޯޑް ކިޔާލުމަށް:

ޚަލާސްވެއްޖޭ ޙަޔާތް – އެޕިސޯޑް 7

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު