Saturday, 13 April 2024
ވިލާ ޓީވީ (ވީޓީވީ) އިން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' ޕްރޮގްރާމުގައި

ޤާސިމް މިސަރުކާރަށް ދެއްވީ، "ސުމެއް"

ދައުލަތުގެ ދަރަނި މިހާ މައްޗަށް އަރައިގެންދާ އިރު، އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަކީ "ސުމެއްގެ" ސަރުކާރެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވީޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މި އަހަރު ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް އެރި ނަމަވެސް އެއީ ކުންފުނިތަކުގެ ދަރަނިތައް ނުލާ ކަމަށާއި އެއާ އެކީގައި ކިއާ ނަމަ، އެއަށް ވުރެ ވެސް ގިނަ ވާނެ ކަމަށެވެ.

"ޤައުމަށް އިތުރު އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ނެތޭ ކުރެވިފައެއް. ދެން އަޅުގަނޑުމެން ބުނަންވީ ވަރަށް ސަކްސެސްފުލް އޮޕަރޭޝަނެއް ކޮށްފައޭ މިސަރުކާރުން ދިއައީ؟ ހަމަ ސުމެއްގަ ދިޔައީ. ދައުލަތް ދަރަނިވެރިކުރުވާ، ގައުމުގެ ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، މުޅިން ހުވަފެނެއްގެ މަންޒަރު ދައްކާފަ ދިއައީ. މާދަމާ ތިބެންޖެހޭ ހާލު ވިސްނާލީމާ މިކަން އެނގޭނީ."

ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި މިކަމުން ވެސް އެނގެނީ ސަރުކާރު ފެއިލްވެފައި އޮތް މިންވަރު ކަމަށާއި، ދައުލަތުގެ ދަރަނި މިހާ މައްޗަށް އަރައިގެންދާ އިރު، އާމްދަނީއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރާއިރު އަމިއްލަ ފަރާތަކަށް ރިސޯޓެއް ހަދަން ލާރިއެއް ދީފަ ނުވަތަ ބޭންކުން ތިން ހަތަރު މިލިއަން ޑޮލަރު ނުދީގެން މީހުން ބޭންކްރަޕްޓް ވެގެން އެބަދޭ. ދެން މިހިސާބަށް ދާއިރު، ސަރުކާރުން އޮތީ ބަލަހައްޓައިގެން. ސަރުކާރުން މިހުރިހާ ލާރި ދަރަންޏަށް ނަގައިގެން މި ސަކަރާތް ގަންނައިރު، މި ދެންނެވި ކަހަލަ މީހަކަށް ފައިސާދީގެން، މީ ދިވެހިންނޭ، ދިވެހިން އަތުގަ ހުރި ތަންތަނަށް އެވަރުގެ ލާރިކޮޅެއް ދީގެން ސަލާމަތްކުރެވެން ހުރި ކަންކަން ނުކުރީމާ ދެން ކީކޭތޯ ބުނާނީ؟ ކޮން ވާހަކައެއްތޯ ދައްކާނީ؟ ލާރި ކޮޅެއް ދީގެން އެރަށް އޮޕަރޭޓްކުރަން ފަށައިފިއްޔާ ޖީއެސްޓީވެސް ލިބޭނެ، ހުރިހާ އެއްޗެއްވެސް ލިބޭނެ."

ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ތިން ބިލިއަން ޑޮލަރާ ހަމައަށް ލޯން ނެގި އިރު، ތައުލީމީ ހާލަތު ރަނގަޅު ނުވެ އޮތުމަކީ ވެސް ފެއިލްވުމެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *