ކެމްބެލް-ބެނަރމަން މުއުތަމަރު އެނގިލައްވާތޯ: ޝެއިޚް ޝަފީޢު

ކެމްބެލް-ބެނަރމަން މުއުތަމަރު "Campbell Bannerman Conference" އެނގިލައްވާތޯ ސުވާލުކުރަވައި ޝެއިޚް ޝަފީޢު ޢަބްދުﷲ މިއަދު ސޯޝަލް މީޑިޔާގައި މުހިއްމު މަޢުލޫމާތެއް ޙިއްސާ ކުރައްވައިފިއެވެ.

ޝެއިޚް ޝަފީޢު ވިދާޅުވީ، ބެނަރމަނަކީ 1905 ވަނަ އަހަރުން ފެށިގެން 1908 ވަނަ އަހަރަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަން ކުރި މީހެއް ކަމަށާއި، އަދި ކެމްބެލް-ބެނަރމަން މުއުތަމަރަކީ ނުވަތަ ކޮންފަރެންސަކީ އޭނާގެ ވެރިކަމުގައި، 1905 ވަނަ އަހަރުން ފެށިގެން 1907 ވަނަ އަހަރާ ދެމެދު އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން ދައުވަތު ދީގެން، އޭރު ވެރިކަން ކުރަމުން އައި ލިބަރަލް ޕާޓީއާ ދެމެދު ލަންޑަނުގައި ބޭއްވުނު ސިއްރު ކޮންފަރެންސެއް ކަމަށެވެ.

" މި މުއުތަމަރުގެ މަޤްސަދަކީ އިސްތިޢުމާރީ "ކޮލޯނިއަލް" ދައުލަތްތަކުގެ އާރާއި ބާރާއި "ހައިބަތާއި މަޖްދު" ތާއަބަދަށް ދަމަހައްޓައި، އެބައިމީހުން އިސްތިޢުމާރުކޮށް އަޅުވެތިކޮށްފައިވާ ޤައުމުތަކުގެ ޤުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަމާއި ޘަރަވާތުގެ ނާޖާއިޒު ފައިދާ ތައާބަދަށް ނުވަތަ ވީ އެންމެ ދިގު މުއްދަތަކަށް ލިބޭނޭ ގޮތްތަކެއް ކަނޑައެޅުމަށް މަޝްވަރާކުރުމެވެ."

ޝެއިޚް ޝަފީޢު ވިދާޅުވިއެވެ.

ޝެއިޚް ޝަފީޢު ވިދާޅުވީ، މި މުއުތަމަރުގައި އޭރު އިސްތިޢުމާރީ ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ނެދަލޭންޑްސް، ބެލްޖިއަމް، ސްޕެއިން އަދި އިޓަލީ ވެސް ބައިވެރިވިއެވެ. ކޮންފަރެންސް ނިމުމުން އެ މީހުން ވަނީ އޭރުގެ އިނގިރޭސި ބޮޑުވަޒީރު ހެންރީ ކެމްބެލް ބެނަރމަންގެ ނަމުން ނަން ދީފައިވާ "ކެމްބެލް ޑޮކިއުމެންޓް" ގެ ނަމުގައި ސިއްރު ވަޘީޤަތެއް (ލިޔުމެއް) ތައްޔާރުކޮށްފައި ކަމަށެވެ.

"މި ކޮންފަރެންސްގައި އެއްބަސްވެވުނު ބައެއް ކަންކަން: މެޑިޓެރޭނިއަން އަކީ އިސްތިޢުމާރީ އެންމެ މުހިންމު ލޭނާރެވެ. އެހެނީ، އެއީ އިރުމައްޗާއި ހުޅަނގާއި ގުޅުވައިދޭ ގުޅުންކަމާއި، އޭޝިއާ އަދި އެފްރިކާގެ ބައްރުތަކަށް ދަތުރުކުރުމަށް ޤުދުރަތީ ގޮތުން ހެދިފައިވާ މަގުކަމާއި، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅައިދޭ ހަތަރުއަނގޮޅިކަމާއި، ދީންތަކާއި ތަހުޒީބުތަކުގެ މައި މަރުކަޒު ވެސް ކަމުގައިވާތީއެވެ."

ޝެއިޚް ޝަފީޢު ވިދާޅުވިއެވެ.

"އެހަނަސް މި "ލޭނާރު" ގައި އެބައިމީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، "ކެމްބެލް ޑޮކިޔުމެންޓް"ގައި ފާހަގަކޮށްފައިވަނީ: "ވަކިން ޚާއްޞަކޮށް ދެކުނު އަދި އިރުމަތީ އައްސޭރިފަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަކީ ތާރީޚާއި ދީނާއި ބަހުގެ ގޮތުން އެއްބައިވަންތަ ބައެއް ކަމުގައިވުމެވެ."

ޝެއިޚް ޝަފީޢު ވިދާޅުވިއެވެ

އެހެންކަމުން އެބައިމީހުން އިޤްރާރުވެ ނިންމި ކަންކަމުގެ ގޮތުގައި ޝެއިޚް ޝަފީޢު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

"1- މި ސަރަޙައްދުގެ ރައްޔިތުން ބައިބައިކޮށް، ކުދި ޤައުމުތަކުގެ ގޮތުގައި އިސްތިޢުމާރީ ބާރުތަކުގެ ދަށުގައި ބެހެއްޓުމާއި، އެ ތަންތަނުގެ ރައްޔިތުންނަކީ ޖާހިލު ނާތަހުޒީބީ ބައެއްގެ ގޮތުގައި ތާއަބަދަށް ބެހެއްޓުމެވެ. މި ގޮތުން ދުނިޔޭގެ ޤައުމުތައް އެބައިމީހުން ތިން ގިންތިއަކަށް ބަހާލިއެވެ. ފުރަތަމަ ގިންތިއަކީ: ހުޅަނގުގެ ކްރިސްޓިއަން ޙަޟާރަތުގެ ޤައުމުތަކެވެ. އެއީ ޔޫރަޕް، އުތުރު އެމެރިކާ އަދި އޮސްޓްރޭލިއާގެ ޤައުމުތަކެވެ. މި ޤައުމުތަކާ މެދު މުޢާމަލާތުކުރާން ނިންމީ، އެ ޤައުމުތައް ވީ އެންމެ ތަރަައްޤީއެއް ކޮށް، މާލީ ގޮތުންނާއި ޢިލްމާއި ފަންނީ ގޮތުން އެ ޤައުމުތަކަށް ދެވުނު އެންމެ މާތީ ފެންވަރަކަށް މަދަދާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ދެވަނަ ގިންތިއަކީ: ހުޅަނގުގެ ކްރިސްޓިއަން ޙަޟާރަތުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް އެ ޤައުމުތަކާ އެކު ޙަޟާރީ ގޮތުން އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އަދި ކުރިމަތިލުމެއް ނެތް ޤައުމުތަކެވެ. އެއީ ދެކުނު އެމެރިކާ، ޖަޕާން، ކޮރެއާ ފަދަ ގައުމުތަކެވެ. މި ޤައުމުތަކާ މެދު ނިންމީީ، ހުޅަނގުގެ އިސްތިޢުމާރީ ދައުލަތްތަކަށް ނުރައްކަލަކަށް ނުވާ މިންވަރަށް މި ޤައުމުތަކަށް ކަންކަމުގައި އެހީތެރިކަމާއި މަދަދު ފޯރުކޮށްދިނުމެވެ. އަދި އިސްތިޢުމާރީ ޤައުމުތަކާ ދެކޮޅަށް މި ޤުއުމުތަކުން ކުރިމަތިނުލާނޭ ކަން ކަށަވަރުކުރުމެވެ. ތިންވަނަ ގިންތިއަކީ: ހުޅަނގުގެ ކްރިސްޓިއަން ޙަޟާރަތުގެ ތެރޭގައި ނުހިމެނޭ އަދި އެ ޤައުމުތަކާ އެކު ދީނީ، ޘަޤާފީ، އަދި ބަހުގެ ގޮތުން ވެސް ނުގުޅޭ، ހުޅަނގުގެ ޙަޟާރަތަށް ނުރައްކަލެއް ކުރިމަތިވެދާނޭ ޤައުމުތަކެވެ. ޚާއްޞަކޮށް ޢަރަބި ޤައުމުތަކާއި ޢާންމުގޮތެއްގައި އިސްލާމީ ހުރިހާ ޤައުމުތަކެއް ހިމެނޭނެހެންނެވެ. މި ޤައުމުތަކާ މެދު ޢަމަލުކުރާން ނިންމީ، ސައިންސާއި ފަންނީ ޢިލްމު ހޯދުމަށް އެ ޤައުމުތަކަށް އެއްބާރުލުން ނުދިނުމާއި، މި ދާއިރާތަކުން އެ ޤައުމުތައް ކުރިއަރައި ނުދިޔުމަށް މަސައްކަތްކުރުމަށެވެ. އެއްވެސް ކަހަލަ ތަރައްޤީއެއް ތަމައްދުނެއް މި ޤައުމަތަކަށް އަޔަ ނުދިނުމަށް ކުރެވުނު ކަމެއް ކުރުމަށެވެ.

2- މި ޤައުމުތަކުގައިވާ އެއްބައިވަންތަކަން ނަގައިލުމެވެ. މި ކަން ޙާޞިލުކުރުމަށް ޓަކައި ފަލަސްޠީނުގައި ޢަދާވަތްތެރި އަނިޔާވެރި ދައުލަތެއް ޤާއިމުކުރަން ނިންމިއެވެ. އެއީ އޭޝިއާ ބައްރުގައިވާ ޢަރަބި ޤައުމުތަކާއި އެފްރިކާ ބައްރުގައިވާ އިސްލާމީ ޤައުމުތަކާ ދެމެދުގައި ހުރަހެއްގެ ގޮތުގައި އެ ދެމެދުގައި އިޒްރާއީލު ނަމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމެވެ. ބޭނުމަކީ، މި ސަރަޙައްދުގައި ބައިބައިވުން އުފައްދަައި، އިސްތިޢުމާރީ ހުޅަނގުގެ އެކުވެރި ޖާސޫސީ ދައުލަތެއް އެ ތަނުގައި ޤާއިމުކުރުމެވެ. އިސްލާމީ ޤައުމުތަކުގެ ހިތްތަކަށް ހަރާލެވޭ ޚަންޖަރެއްގެ ގޮތުގައެވެ. އޭޝިއާގެ ޢަރަބީން އެފްރިކާގެ ޢަރަބީންނާ ވަކިވުމަކީ ހަމައެކަނި އިސްރާއީލުގެ ދައުލަތް މެދުވެރިކޮށް ޖިސްމާނީ ގޮތުން ވަކިވުމެއް ނޫން ކަމަށާއި، އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި ޘަޤާފީ ގޮތުން ވެސް ޢަރަބީން ނިކަމެތިޙާލުގައި ބޭތިއްބުން ކަމުގައި އެބައިމީހުން ނިންމިއެވެ. މި ކޮންފަރެންސުގައި އެއްބަސްވެވުނު ކަންކަމަކަށް އެބައިމީހުން ޢަމަލީ ސިފަ ގެނައެވެ. އަދި މުސްލިމުން ބައިބައިކޮށް، ކުދިކުދި ދައުލަތްތަކަކަށް ބަހާލައި، ޔަހޫދީންނަށް ފަލަސްޠީނު ބިމުގައި ދައުލަތެއް ޤާއިމުކޮށް، މުސްލިމުން އެބައިމީހުންގެ ތާރީޚާއި، ޘަޤާފަތާއި، ބަހާއި، ޤިޔަމުތަކާއި، މަބާދިއުތަކާއި ދުރުކޮށް، މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ ޖައްސުވައި، މުސްލިމުންނަކީ ދާޚިލީ ހަމަނުޖެހުމާއި ހަނގުރާމާއިގެ ތެރޭގައިވާ ބައެއް ކަމުގައި ހަދައި، ޢިލްމާއި ފަންނާއި ތަރައްޤީއާއި ތަމައްދުނުގެ ގޮތުން މުސްލިމުންނަކީ އެންމެ ފަހަތަަށް ސޮއްސައިލައިފައިވާ ޤައުމުތައް ކަމުގައި ހަދައި، މިހިރަމިހިރަ ހުރިހާ ރޮނގުތަކަކުން މުސްލިމުން ބަލިކަށިކޮށްފައެވެ."

ޝެއިޚް ޝަފީޢު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު