Thursday, 18 April 2024

އިންތިޚާބަށް ނުފޫޒު ފޯރުވަން އެއްވެސް ފުރުޞަތެއް ނުދޭނަން: ޙަބީބް

އެއްވެސް ޕާޓީ އަކާއި ގުޅިގެން އަދި އެއްވެސް ފަރާތަކާއި ގުޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވިދާނެ، އަދި އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން އީސީއިން ދެއްވައިފިއެވެ.

އިންތިޚާބާ ބެހޭ މައި މަރުކަޒު ދަރުބާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ބޭރުން ގެންނަ ވޯޓު ކަރުދާސް، ވޯޓު ފޮއްޓަށް ވައްޓާލި ނަމަވެސް އެއީ ސައްޙަ އެއްޗަކަށް ނުވާނެ ކަމަށާއި، އަދި ވޯޓު ކަރުދާސް ކޮޅުގައި ވަކި ތައްގަނޑަކާއިއެކު، ޚާއްސަ ސެކިޔުރިޓީ ފީޗަރސްތަކެއް ހުންނާނެ ކަމަށް ޙަބީބް ވިދާޅުވިއެވެ.

ކޮންމެ އިންތިޚާބަކާއި ގުޅިގެން އަބަދުވެސް އިދިކޮޅު ފަރާތްތަކުން، ވޯޓުގެ ސިއްރުކަން ގެއްލުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވާފަދަ ވާހަކަތައް ދައްކާވާނެ ކަމަށާއި، އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފަރާތަކާއި ގުޅިގެން ނުވަތަ އެއްވެސް ސިޔާސީ ޕާޓީ އަކާއި ގުޅިގެން އިންތިޚާބަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އަދި އިންތިޚާބުގެ ސިއްރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަޤީންކަން ދެން، އިލެކްޝަން ކޮމިޝަނުން އެއްވެސް ފަރާތަކާއި، އެއްވެސް ޕާޓީއަކާއި ގުޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވިދާނެ، އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުޞަތެއް ނުދޭނަން."

ޙަބީބް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ 143 އޮބްޒަރވަރުންނާއި 22 މޮނިޓަރުން ހަރަކާތްތެރިވާނެކަމަށާއި، އޭގެ ތެރެއިން 40 އޮބްޒަރވަރުންނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ހަރަކާތްތެރިވާ އޮބްޒަރވަރުންކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 138،196 މީހުންނަކީ އަންހެނުންނެވެ. އަދި 144،199 މީހުންނަކީ ފިރިހެނުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *