މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ޠަލާލް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
"ބިރެއް ނެތް އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މިކަމުގައި ފުލުހުންނާ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އެދޭ އެދުމެއް،"
ޠަލާލް ވިދާޅުވި އެވެ.
ވޯޓުލާ މަރުކަޒުތަކުގައި ބޮޑީ ކެމް ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށާއި އެގޮތަށް އެކަން ކުރެވިގެން ނުވާނެ ކަމަށް ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ވޯޓުލާ މަރުކަޒުގެ ތެރޭގައި ފުލުހުން ބޮޑީ ކެމް ޖައްސައިގެން ތިބި ނަމަ، ވޯޓުލާ ބޫތުގައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ޕޮލިސް ކޮމާންޑް ސެންޓަރަށް ލިބޭނެއެވެ.
"މަރުކަޒުތަކުގެ އެތެރޭގައި ބޮޑީ ކެމް ޖައްސައިގެން އުޅޭކަމަށް ވާނަމަ މީގެއިން އެބައުޅޭ ވަރަށް ބޮޑު ނުރައްކަލެއް. އެއީ ވޯޓިން ބޫތުގައި މީހާ ހުންނައިރު އަދި ވޯޓިން ބޫތު އަރާ ގޮތަށް ޕޮލިސް މީހާ އެނބުރި ހުރެއްޖެއްޔާ ޕޮލިސް ކޮމާންޑް ސެންޓަރަށް ހަމަ ހުރިހާ މައުލޫމާތެއް ލިބެމުންދާނެ،"
ޠަލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމަކީ ވޯޓުލާންދާ މީހުންނަށް ކުރިމަތިވާނެ ބިރުވެރިކަމަށްވާތީ އެކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް އިންތިހާބުގައި ފުލުހުންގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ކަމަށް ބުނެ، މިފަހަރު ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.