Tuesday, 18 June 2024

ރިޔާސީ ބަހުސް: އުތުރުތިލަފަޅު އެއްބަސްވުމުން ނުރައްކާވާނަަމަ، ބާތިލްކުރާނެކަމަށް މުޢިއްޒު ވިދާޅުވެއްޖެ

އުތުރުތިލަފަޅު އެއްބަސްވުމަކީ ދިވެހި ޤައުމުގެ މިނިވަންކަމަށް ނުރައްކާވާ ކަމަށް ވެއްޖެނަމަ، އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން ރޭ ބޭއްވި "ރިޔާސީ ބަހުސް" ގައި، މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް މިނިވަންކަމާއި އަމިއްލަވަންތަކަމަށް ބޭރުގެ ޤައުމުތަކުން އިހްތިރާމް ކުރަން ޖެހެއެވެ. އެ އިހްތިރާމް ކުރާ ނަމަ، ކޮންމެ ގައުމަކާ ގުޅުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެންފި ނަމަ، ފުރަތަމަ ކަމަށް އެއްބަސްވުން ބަލައި ދިރާސާ ކުރައްވާނެ ކަމަށެވެ. އަދި އެއްބަސްވުމަކީ ދިވެހި ގައުމުގެ މިނިވަންކަމަށް ނުރައްކާވާ ކަމެއް ވެއްޖެ ނަމަ، އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމާ ގުޅިގެން އެކަމުގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ބާއްވަމުންދާތީ އިދިކޮޅު ޕީޕީއެމްގެ ބޮޑެތި ފާޑުކިއުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ފަސް އަހަރު ވަންދެން ޓްރެއިނިންއެއްގައި ކަމަށް ބުނެ، ސިފައިން އައިސް ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މެލޭޝިއާ ވިޔަސް، ލަންކާ ވިޔަސް، އެހެން ތަނެއްގައި ތިބި ކަމަށްވިޔަސް، އެހެން ތަނެއްގައި ތިބި ވިޔަސް، އެއީ ރައްޔިތުން. އެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ވާން ޖެހޭނީ ފައިދާ. އެހެން ގައުމަކަށް ނޫން ފައިދާ ވާން ޖެހޭނީ. އެ ހާރިޖީ ސިޔާސަތު ގަބޫލު ކުރާ ކޮންމެ ގައުމަކާ ގުޅުން އޮންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

ދިވެހިންގެ ގޯތީގެ "ވަށާފާރު މަތިން" ނާރާހާ ހިނދަކު، ކޮންމެ ގައުމަކާ ވެސް ގުޅުން ބާއްވަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތު ގެންގުޅޭނީ ހުރިހާ ޤައުމަކާވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ. އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށާއި ދިވެހިން ތިބި ގައުމުތަކާއި، އަދި ދިވެހިން އާންމުކޮށް ދާ ގައުމުތަކާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެއްވެސް ޤައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައިދާ ކަމުގައިވާ ނަމަ އެކަމަށް ޖާގަ ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ހާރިޖީ ސިޔާސަތުގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހިންގެ ގޯތީގެ ވަށާފާރު މަތިން ނާރާހާ ހިނދަކު، އަޅުގަނޑުމެންނާ ކޮންމެ ގައުމަކާ ގުޅުން އޮންނާނެ. އަޅުގަނޑުމެންނަކީ އެއްވެސް ގައުމަކާ ދެކޮޅުވެގެން އުޅޭ ގައުމެއް ނޫން. އަޅުގަނޑުމެންގެ ބަސް ބުނެ، އިސްތިގްލާލް ހިމާޔަތް ކުރެވޭ ކަމުގައިވާ ނަމަ، އެއީ އަޅުގަނޑުމެން އިސް ކުރާނެ ގޮތް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިގްތިސާދު ކުރިއަށް ގެންދެވި، އަމިއްލަވަންތަކަން ދަމަހައްޓައި ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ.

"ބޭރުގެ ނުފޫޒުގެ ސަބަބުން އަޅުގަނޑުމެން ކަނޑުން ބައެއް ވެސް ގެއްލުނީ. މަސްކަނޑުގެ ބޮޑު ބައެއް ގެއްލިގެން ދިޔައީ މި އަޅުވެތިކަމުގެ ސަބަބުން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަނބުރާ ހޯދަން." ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމާއި އެ ސިފައިން ބޭރު ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު