އުމަރުގެ ވެރިކަމުގެ ސިޔާސަތަކީ އިންޑިޔާ ފަސްޓް އަދި ޗައިނާ ފަސްޓް ޕޮލިސީ ނޫން ކަމަށާއި، "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
"ސަންގު ބަހުސް" ގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވަނީ މި ސަރުކާރު އައި ފަހުން ގެންގުޅޭ ޚާރިޖީ ސިޔާސަތު ގެއްލިއްޖެ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އުމަރުގެ ވެރިކަމުގެ ސިޔާސަތަކީ އިންޑިޔާ ފަސްޓް އަދި ޗައިނާ ފަސްޓް ޕޮލިސީ ނޫން ކަމަށާއި އޭގެ ބަދަލުގައި ދެ ޤައުމާއި ވެސް ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އަދި ސަބަބަކަށް އުމަރު ވިދާޅުވީ ދެ ގައުމު ވެސް އިގްތިޞާދީ ގޮތުން ރަނގަޅު ކަމުން ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސަތަކީ އިންޑިޔާ ފަސްޓެއް ވެސް ނޫން. ޗައިނާ ފަސްޓެއް ވެސް ނޫން. މޯލްޑިވްސް ފަސްޓް. އަޅުގަނޑުމެން މި ދެ ޤައުމާ ވެސް ގުޅުން ބާއްވާނަން. ސަބަބަކީ މި ދެ ޤައުމަކީ ވެސް އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ދެ އިގްތިޞާދު. އެހެންވީމަ އަޅުގަނޑެމެން އެ ދެ ގައުމާއި ވެސް އިޤްތިޞާދީ ގޮތުން ގުޅުމަށް އަޅަން ބޭނުންވާ ލިންކް ތަކެއް އަޅާފައި ބާއްވާނީ.".
ޢުމަރު ވިދާޅުވިއެވެ.
އިންޑިޔާއަށް ބަރޯސާވެ އިންޑިޔާ އަތުން ދަރަނި ނަގާ އިންޑިޔާ ފަސްޓް ޕޮލިސީގެ ދަށުން އިންޑިޔާގެ ސިފައިން ރާއްޖޭގައި ބައިތިއްބާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ދެކުނުގައި އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލިގެން އެދިޔައީވެސް އިންޑިޔާގެ ޕްރެޝަރުގައި ކަމަށް ފާހަގަކުރައްވާ އުމަރު ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް މުޅިން އެއްކޮށް ގެއްލިއްޖެ މި ސަރުކާރު އައި ފަހުން. އަޅުގަނޑުމެން އިންޑިޔާ އަށް ބަރޯސާވެ އިންޑިޔާ އަތުން އަޅުގަނޑުމެން ދަރަނި ނަގާ، އިންޑިޔާ ފަސްޓް ޕޮލިސީގެ ދަށުން އެމީހުންގެ ސިފައިން މިތާ ބައިތިއްބާ، އަޅުގަނޑުމެންގެ އަތުން ކަނޑުގެ ބައެއް އިހަކަށް ދުވަހަކު ގެއްލިގެން އެދިޔައީ ވެސް އިންޑިޔާގެ ޕްރެޝަރުގައި މި ސަރުކާރުން ދޫކޮށްލައިގެން."
އުމަރު ވިދާޅުވިއެވެ.
ދިވެހިރާއްޖެ ވީ އިންޑިޔާގެ ފަސްޓް ޕޮލިސީ ދޫކޮށްލަން ކަމަށާއި އިންޑިޔާ އާއެކު ފަސްޓް ޕޮލިސީ ގެންގުޅެގެން ދިވެހިންނަށް އެއްވެސް ފައިދާ އެއް ވެފައި ނެތް ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެ ސަބަބުން އެހެން ގައުމު ތަކާއި ރާއްޖެ އޮތް ގުޅުން ވަނީ މުޅިން ހީނަރުވެފައި ކަމަށް ވެސް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.
އެއްވެސް ޤައުމެއްގެ ދަށުވެއްޖެނަމަ އެ ގެއްލިގެން ދަނީ ރާއްޖޭގެ މިނިވަންކަމާއި އިޤްތިޞާދު ދާނީ ފުޑުފުޑު ވެގެން ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.