30 އެޕްރީލް 2025

ރިޔާސީ ބަހުސް: ނާޒިމް ވިދާޅުވީ، ބޭރު ސިފައިން ރާއްޖޭގައި ތިބިކަމަށާއި، އެމީހުން ބާލާނެކަމަށް

އެގްރިމަންޓްތައް ބުނާ ގޮތަށް ބޭރު ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި ހެލިކޮޕްޓަރުތައް ދުއްވަން ވެސް ބޭރުގެ ސިފައިން އެބަ ތިބި ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޤައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށާއި އަދި ޙަޤީޤަތަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގްރިމަންޓްތައް ބުނާ ގޮތަށް ބޭރު ސިފައިން ތިބި ކަމަށާއި ހެލިކޮޕްޓަރުތައް ދުއްވަން ވެސް ބޭރުގެ ސިފައިން އެބަ ތިބި ކަމަށް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ބޭރުގެ ސިފައިން ބާލާނީ ޑިޕޮލޮމެސީ ބޭނުންކުރައްވައިގެން ކަމަށެވެ.

"އެގްރިމަންޓްތައް ބުނާ ގޮތުން ދިވެހީން ތަމްރީންކޮށްފައި އެމީހުން ދާން ޖެހޭނެ. އިންޑިއާ އައުޓް ޖަހައިގެން މަގުމައްޗަށް ނިކުމެ ހަޅޭއްލަވައިގެން ސިފައިން ބޭރެއް ނުކުރެވޭނެ. އަޅުގަނޑުގެ ސިޔާސަތު ވަރަށް ތަފާތު. ޑިޕްލޮމަސީ ބޭނުންކޮށްގެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި މި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ރާއްޖެއިން އިރާދަ ކުރެއްވިއްޔާ ބާލާނަން. އެކަމާ ދޭތެރޭ ޝައްކު ނުކުރައްވާތި،".

ނާޒިމް ވިދާޅުވިއެވެ.

ޖިއޯ ޕޮލިޓިކްސްގެ ތެރެއިން ގައުމުތަކާ ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށާއި އަދި އަސްކަރީ ތަމްރީންތަކަށް ސިފައިން އައުން މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް މިއަދުގެ ހާލަތު ތަފާތު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އިޅޭ ބިދޭސީންގެ މައްސަލައަކީ ވެސް ޤައުމީ މައްސަލައެއް ކަމަށާއި، ޓެރަރިޒަމްގެ މައްސަލައަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި ވެސް މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ޚާރިޖީ ސިޔާސަތަކަށް ވާނީ "ދިވެހީން ފުރަތަމަ" ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު