29 އެޕްރީލް 2025

ރިޔާސީ ބަހުސް: ރައީސް ވިދާޅުވީ ސީޕީ ހަމީދަށް ވަޒީފާ ދިނީ ސުޕްރީމް ކޯޓުން އެންގުމުން ކަމަށް

ސީޕީ ހަމީދަށް ވަޒީފާ ދިނުމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސީޕީ ހަމީދަށް ވަޒީފާ ދިނުމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުން ކަމަށާއި، ދެން ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންގެ ކުރިމައްޗަށް ގޮސް އިންތިހާބުން ކާމިޔާބު ކޮށްގެން މަޖިލީހަށް ވަދެތިއްބެވި ބޭފުޅުން ކަމަށެވެ.

"ސީޕީ ހަމީދަށް ވަޒީފާ ދިނުމަށް ހުކުމް ކުރީ ސުޕްރީމް ކޯޓުން. ދެން ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންގެ ކުރިމައްޗަށް ގޮސް އިންތިހާބުން ކާމިޔާބު ކޮށްގެން މަޖިލީހަށް ވަދެތިއްބެވި ބޭފުޅުން. އެހެންވީމަ އަޅުގަނޑާދޭތެރޭ ތި ވިދާޅުވީ ވަރަށް އިހާނެތި ބަހެއް. އަޅުގަނޑުގެ ސަރުކާރުގައި އާއިލާގެ އެއްވެސް ބޭފުޅަކަށް ވަޒީފާ ދީފައެއް ނުހުންނާނެ. އަދި ނުވެސް ދޭނަން."
ރައީސް ވިދާޅުވިއެވެ.
ސީޕީ ހަމީދު ވަޒީފާއިން ވަކިކުރެއްވީ ރައީސް ވަހީދުގެ ދައުރުގައި ފުލުހުންގެ ސިއްރުތަކެއް ލީކްކުރި ކަމުގެ ތުހުމަތުގައެވެ. ސްޕްރީމް ކޯޓުން ހުކުމްކުރީ ސީޕީ ހަމީދަށް ފުލުހުންގެ ވަޒީފާގައި ކުރިން ހުރި ރޭންކުގެ ވަޒީފާއެއް ދިނުމަށެވެ. އެކަމަކު، އެ މަގާމުގެ ބަދަލުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދެއްވީ ރައީސް ޞާލިހެވެ.

އެމްޑީޕީން އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ފެށީ އާއިލީ ވެރިކަމަކާ ދެކޮޅަށްކަން ފާހަގަކުރައްވަމުން ކުރި ސުވާލުގައި، މިއަދު ސިޔާސީ ހަގީގަތަކީ ރައީސް ސޯލިހްގެ އާއިލާ ސަރުކާރުގެ ތެރޭގައި އަށަގަނެފައިވާތަން ފެނުމެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ރައީސް ޞާލިހްގެ ޅިޔަނެއް ކަމަށާއި ރައީސް ސޯލިހްގެ ސެކްރެޓަރީ ފާތުމަތު މުހައްމަދު ސޯލިހަކީ އެމަނިކުފާނުގެ ކޮއްކޮ ކަމަށް ބުނެފައިވެއެވެ.

އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދަކީ ވެސް ރައީސް ޞާލިހްގެ ކޮއްކޮއެއް ކަމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން  ގެ އަނބިކަނބަލުން (ރައީސްގެ އަނބިކަނބަލުންގެ ކޮއްކޮ) ހުންނެވީ ސިޔާސީ މަގާމެއްގައި ކަމަށް ބުނެފައިވެއެވެ.

އާއިލީ ވެރިކަމެއް ކުރާއިރު ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ދެއްކި ޕާޓީއިން މިއަދު ވެރިކަމަށް ވަޑައިގެން މިއަދު ދައްކަވަމުންދަނީ ކޮން މިސާލެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އާއިލާގެ އެއްވެސް މީހަކަށް ވަޒީފާއެއް ދީފައި ނޯންނާނެ ކަމަށެވެ

ރައީސް ވިދާޅުވީ ސެކްރެޓަރީ މަގާމުގައި ހުންނެވި އެމަނިކުފާނުގެ ކޮއްކޮ ފާތުމަތު މުހައްމަދު ޞާލިހަކީ ރައީސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، އެކަހަލަ ބޭފުޅުންނަކީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުގައި ތިބެން ޖެހޭނެ ދުވަސްވީ ތަޖުރިބާހުރި ބޭފުޅުން ކަމަށްވާތީ ވަޒީފާއިން ވަކި ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު