ޖުމްހޫރީ ޕާޓީ (ޖޭޕީ) ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000ރ. ގެ އާމްދަނީއެއް ލިބޭނެ ކަމަށް ޤާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މާލީ ޙާލަތު ހުރިގޮތުން މިއީ ފުއްދޭނެ ވަޢުދެއް ކަމަކަށް ނުބެލެވެއެވެ.
އަމީން މިހެން ވިދާޅުވެ ރައްޔިތުންނަށް އޮޅުވައިލެއްވީ، އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު ނިސްބަތުން އާބާދީ ބޮލަކަށް ޖެހޭވަރު 27،000 ޑޮލަރަށް ޤާސިމް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
މިހާރު ގާތްގަނޑަކަށް 17،000 ނުވަތަ 18،000 ޑޮލަރު ބޮލަކަށް ޖެހޭކަން އަމީން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށާއި ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ ހަތަރު ބިލިޔަނުން އަށް ބިލިޔަން ޑޮލަރަށް އިތުރުކޮށްދޭނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވި ގޮތުގައި ޤާސިމްގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަރައްޤީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ދެކެފައިނުވާ ފަދަ ތަރައްޤީއެކެވެ.
"އެމަނިކުފާނު (ގާސިމް) ވިދާޅުވީ ފާއިތުވީ 40 އަހަރު ރާއްޖެއަށް ގެނެވިފައިނުވާ ތަރައްޤީ ކުރިޔަށް އޮތް ފަސް އަހަރު ހޯދައި ދޭނެ ކަމަށް،"
އަމީން ވިދާޅުވިއެވެ.
ފާއިތުވީ 30 އަހަރުތެރޭ އައްޑޫ ސިޓީ އަށް ކޮށްދޭން ސަރުކާރުތަކުން ބުނި ކަންތައް އަދިވެސް ނުކުރާ ކަމަށް އަމީން ފާހަގަ ކުރެއްވިއެވެ.
އަމީން ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
ޤައުމުގެ ފުދުންތެރިކަން ވަރަށް ވަރަށް ދަށްވެފައިވާ ކަމަށާއި، ދަރަނި މައްޗަށް ގޮސްފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ޤައުމުގެ ފުދުންތެރިކަން ވަރަށް ދަށަށް ގޮސްފައިވަނީ، ދަރަނި ވަރަށް މައްޗަށް ގޮސްފައިވަނީ، ތަސައްވުރެއް އަޅުގަނޑުމެންތެރޭ ނުއެއް ފެނޭ، ވައުދުތައް ފުއްދާ މަންޒަރު އަޅުގަނޑުމެންނަށް ނުއެއް ފެނޭ މިހާރު." އަމީން ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަންޖެހޭ އިންވެސްޓުމެންޓުތަކާއި ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އަދި ރާއްޖޭގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޚަޒާނާގައި އެއް މިލިޔަން ޑޮލަރު ބަހައްޓައިދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޤާސިމް ވެރިކަމަށް ވަޑައިގަންނަވަނީ ރާއްޖެ އަށް ވަރުގަދަ ތަސައްވުރަކާ އެކީގައި ކަމަށާއި، ޤާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމުން އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި ކަމަށެވެ.
މިހާރު ޙާލަތަށް ބަލައި، އަދި ދައުލަތަށް ދަރަނީގެ ވަރަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ދަނޑިވަޅެއްގައި، ކޮންމެ ރައްޔިތަކަށް މަހަކު 35،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމުގެ ވަައުދު ފުއްދުމަކީ ދައުލަތަށް ކެރި ކުޅަދާނަ ވާނެ ކަމެއް ނޫނެވެެ.
ދަރަނި މައްޗަށް ގޮސް ރާއްޖޭގެ ހާލަތު ދަށަަށްދާއިރު، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން އިޤްތިސާދީގޮތުން ރާއްޖެއިން ބޭރުގެ ދަރަނި ބޮޑުވެ ރާއްޖޭގެ މާލީ ހާލަތައް ނުރައްކާތެރިކަން ކުރިމަތިވެފައިވާކަމަށް ދުނިޔޭގެ މާލީ އިދާރާ ވޯލްޑް ބޭންކުން ދާދިފަހުންވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުން ކުރިމަތިވާ އިޤްތިސާދީ ލޮޅުންތަކާއި ރާއްޖޭގެ މާލީ ނިޒާމުގެ ނާޒުކު ކަމުން އިޤްތިސާދީ ކުރިއެރުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
އިންވެސްޓްމަންޓްތަކަށް ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމުގެ ސަބަބުން އޭގެ ގޮންޖެހުންތައްވެސް ރާއްޖެ އަށް އެބައޮތް ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. އަދި މި ހުރިހާކަމެއްގެ އިތުރުން، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރާ ޚަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތު އިތުރަށް ބަލިކަށިވާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. އެހެންކަމުން، ރާއްޖޭގެ މާލީ ނިޒާމަށް ލުއިކުރުމަށްޓަކައި ސަބްސިޑީދޭ ގޮތަށް ބަދަލުގެނެސް ސަބްސިޑީގެ މިންވަރު ކުޑަކުރަންޖެހޭކަމަށް ބޭންކުން ލަފާދީފައިވެއެވެ.