ހުޅުމާލެއިން އަލަށް ހިއްކާ ސަރަޙައްދުން އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް، އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނަގާ، ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.

އާބަންކޯއިން ވިދާޅުވީ، އެ މަސައްކަތް ކުރިއަށްގެންދަނީ ތިންބަޔަކަށް ބަހާލައިގެންކަމަށާއި، ފުރަތަމަ މަސައްކަތް ފަށާނީ ސައިޓް-އޭ ގައި ހިމެނޭ 10 ހެކްޓަރު ހިއްކުމުގެ މަސައްކަތް ކަމަށާއި، ފުރަތަމަ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވަނީވެސް އެ ސަރަޙައްދުގައި ކަމަށާއި، ދެން ހިމެނޭ ސައިޓް-ބީގެ 29 ހެކްޓަރާއި، ސައިޓް-ސީ ގެ 24 ހެކްޓަރު ހިމެނޭ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ އުޅަނދުތައްވެސް ވީހާވެސް އަވަހަށް ނެގުމަށް ކަމަށެވެ.

އާބަންކޯއިން ވަނީ ނަގާ އުޅަނދުތައް ހުޅުމާލެ ބޭރުގައާއި، އަދި ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައިވެސް އެޅޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައެވެ. ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައި އުޅަނދުތައް އެޅޭނީ އާބަންކޯގައި ރަޖިސްޓްރީކޮށްގެންނެވެ.

ހުޅުމާލެ ހިއްކަނީ، މިހާރު ސަފާރީތަކާއި އަމިއްލަ މީހުން އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ. އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

ހުޅުމާލެ ފަޅުން ޖުމްލަ 62.6 ހެކްޓަރުގެ ބިން ހިއްކައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުނި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއެވެ.

ހުޅުމާލެއިން ހިއްކާ ބިމަކީ ބޯހިޔާވަހިކަމަށް ބިން ދޫކުރުމަށާއި، އިޤްތިސާދީ ބޭނުންތަކަށް ހިއްކާ ސަރަހައްދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ