Sunday, 06 October 2024

21 ވަނަ ޤަރުނަށް ކަމުދާނީ މި ޤަރުނަށް ފިޓްވާ މީހުން، އެންމެ އެކަށީގެންވަނީ މުޢިއްޒު: ޝަހީމް

21 ޤަރުނަށް ކަމުދާނީ މި ގަރުނަށް ފިޓްވާ މީހުން ކަމަށާއި، މި ޤައުމު ރިޔާސަތަކަށް އެންމެ އެކަށީގެންވަނީ ޑރ. މުޢިއްޒު ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ މުޢިއްޒުގެ ކެމްޕެއިންއަށް ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، 1980 ގެ އަހަރުތަކުގައި ވެރިކަން ކުރުމަށް ރަނގަޅު ބޭފުޅެއް މިހާރަށް ރަނގަޅު ނުވާނެ ކަމަށާއި، 21 ވަނަ ޤަރުނަށް ކަމުދާނީ މި ޤަރުނަށް ފިޓްވާ މީހުން ކަމަށެވެ. އެއީ މި ޒަމާނުގެ ތައުލީމާ، ފިކުރާ، މި ޒަމާނުގެ އޮޔާ ވަޔާ ދަތުރުކުރަމުންދާ ދަންނަ މީހުން ކަމަށާއި، އެހެންކަމުން މި ޤައުމު ރިޔާސަތަށް އެންމެ އެކަށީގެންދާ ބޭފުޅަކީ މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސްކަމުގެ މަޤާމަކީ އެއީ ޝަރަފެއް ނޫން ކަމަށް ވިދާޅުވެ، އެއީ ވަރަށް މަތިވެރި މަސްއޫލިއްޔަތެއް ކަމަށާއި، އެއީ ސެލްފީ ނެގުމެއް ނޫން ކަމަށާއި އެއީ އަނބިދަރިން ގޮވައިގެން ޤައުމުތަކަށް ދަތުރުކުރުން ނޫން ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

އެ މަސްއޫލިއްޔަތަކީ ވަރަށް މަތިވެރި އަމާނާތެއް ކަމުން، އެ އަމާނާތް ހަވާލުކުރަން ޖެހެނީ ފުރިހަމަ ޒިންމާ އަދާކުރެވޭވަރުގެ ޢިލްމާއި ޤާބިލިއްޔަތުކަން ހުރި މީހަކަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި މިހާރު ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެ ސިފަތައް ހުރި އެންމެ ޙައްޤުކަން ބޮޑު ކެނޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.

" ވަރަށް އަޑު ހަރުކޮށް މި ދަންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންނޭ ޑރ. މުއިއްޒު އިންތިހާބުކުރައްވާށޭ. ތިޔަ ބޭފުޅުންނަށް ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެ މަގުން ދަތުރުކޮށްގެން."

ޝަހީމް ވިދާޅުވިއެވެ.

މުއިއްޒަކީ ރައްޔިތުންނަށް އާ ބޭފުޅެއް ނޫންކަމަށާއި، މުއިއްޒު ވަނީ ކެބިނެޓްގައި އަށް އަހަރު ދުވަސް މަސައްކަތް ކުރައްވާފައި ކަމަށް ޝަހީމް ވިދާޅުވިއެވެ. މުއިއްޒަކީ ވަރަށް ސާބިތުކަމާ މަޑުމައިތިރިކަމާއެކު ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މުއިއްޒަކީ އެއްގޮތަކަށް ވެސް ޤައުމުގައި ހަލަބޮލިކަން އުފައްދާ ޤައުމުގައި ހަނގުރާމަ އިއުލާނުކޮށް މުޒާހަރާކޮށް ހަމަޖެހުން ނަގާލާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު